ކޮލަމް

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ފަހު ބައި)

އެވޭލާ ދިވެހިރާއްޖެ: އިބުނު ބަޠޫޠާގެ ޤަލަމުން (ފަހު ބައި)

ދިވެހިރާއްޖެއާއި ސިލޯނު ހިމެނޭ ޤަދީމީ ޗާޓެއް

10 އޯގަސްޓު 2025، 03:34

މަޝްހޫރު މުސްލިމު ދަތުރުވެރިޔާ ކަމުގައިވާ އިބުނު ބަޠޫޠާގެ ލިޔުންތަކުން، ދިވެހި އަންހެނުންނާއި، ދިވެހިންގެ ހެދުންއެޅުމުގެ ވާހަކަތައް އިހުގެ ބައިގައި ވާނީ ހިމަނާލާފައެވެ. މިބައިގައި ޚުލާޞާ ކޮށްލާނީ ދިވެހީންގެ އިޤުތިޞާދީ ކަންކަމާއި، ގެދޮރުވެރިކަމުގެ ވާހަކައެވެ. 


ދިވެހިންގެ އިޤުތިޞާދާއި ވިޔަފާރި

  •  ދިޔާ ހަކުރު، ހިކިމަސް- ދިވެހިން ހަދާ ދިޔާ ހަކުރާއި ހިކިމަސް އެކި ޤައުމު ތަކަށް ބޭރުކުރި ވާހަކަ އިހުގެ އަރޓިކަލްގައި ލިޔުނީމެވެ.
  •  ރޯނު- ރޯނު ވެށުމަކީ އެއިރު ވެސް ދިވެހި އަންހެނުން ކުރަމުން އައި މަސައްކަތެއް ކަމަށް އިބުނު ބަޠޫޠާ ވަނީ ފާހަގަކުރައްވާފައެވެ. ރޯނު އުފައްދާ ގޮތަކީ: އަތިރި މަތީގައި ބޮނބި ވަޅުލައި، ފާ ވީމާ އެބޮނބިތައް ނަގާފައި މުގުރުން ތަޅަނީއެވެ. ބޮނބިތައް ތަޅާ ޞާފުކުރުމަށްފަހު، އެއިން ރޯނު ވަށަނީއެވެ. މިރޯނު ނާފަހަރު ފަހަން ބޭނުން ކުރެއެވެ. މިބޭނުމަށް، ޔަމަނަށާއި، އިންޑިޔާއަށާއި، ޗައިނާ އަށް މިރޯނު ބޭރުކުރެވުނެވެ. އިބުނު ބަޠޫޠާ ފާހަގަ ކުރައްވާ ގޮތުގައި، ދިވެހި ރޯނަކީ ވަރުގަދަ، ހަލާކު ވުން ލަސް ރޯނެކެވެ.
  • ބޮލި- ދިވެހިރާއްޖޭގެ ފައިސާއަކީ އެއިރުގައި ބޮލި ކަމަށް އިބުނު ބަޠޫޠާ ވަނީ ލިޔުއްވާފައެވެ. ބޮއްޔަކީ ފަޅުތެރެއިން ދިވެހީން ނަގާ ދިރޭ އެއްޗެއް ކަމަށާއި، އެބޮލިތައް ގެނެސް ވަޅުލަައި ހަދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެެވެ. 100 ބޮއްޔަށް ކިޔަނީ "ސިޔާ" އެވެ. 700 ބޮއްޔަށް ކިޔަނީ "ފާލު" އެވެ. 12،000 ބޮލި ވީމާ ކިޔަނީ "ކުއްތީ" (ކޮއްޓޭ) އެވެ. 100،000 ބޮއްޔަށް ކިޔަނީ "ބުސްތޫ" އެވެ. 4 ބުސްތޫއަށް (400،000 ބޮއްޔަށް) ރަން ދީނާރެއް ލިބެއެވެ. މިބޮލި ޔަމަނު މީހުން ގަނެ، އެމީހުންގެ އޮޑިފަހަރުގެ ނިގާރަން ކަމުގައި ބޭނުން ކޮށް އުޅުނެވެ. ބޮލީގެ ބަދަލުގައި ދިވެހީން ބަންގާޅު މީހުން އަތުން ހަނޑޫ ގަނެ އުޅުނު ކަން ވެސް އިބުނު ބަޠޫޠާ ހިމެނުއްވިއެވެ.

އިބުނު ބަޠޫޠާ ފާހަގަކުރައްވާފައިވާ ގޮތުގައި، ވިޔަފާރިކުރާން ރާއްޖެއަށް އެތެރެކުރާ ކޮންމެ ބާވަތަކުން ވަކި ޢަދަދެއް، ސަރުކާރުން ކަނޑައަޅާފައިވާ އަގަކަށް ސަރުކާރުން ގަނެއެވެ. އެއަށް ފަހު، ރަށްރަށުގެ އިސްވެރީން ރަޢިއްޔަތުންނަށް މިމުދާތަށް ވިއްކައެވެ. މިއަގަށް ދިވެހީން ކިޔައި އުޅުނީ "ބަންދަރުގެ (ބަނޑޭރީގެ) އަގު" މިހެންނެވެ. ކޮންމެ ރަށެއްގައި ބަންދަރުގެ (ބަނޑޭރިގެ) އެއް ހުރެއެވެ. އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައު، މިގޭގެ ނަކަމަށް ދިވެހީން ކިޔައި އުޅުނީ "ބަޖަންޞާރު" މިހެންނެވެ.

އިބުނު ބަޠޫޠާ ފާހަގަ ކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ފައިސާގެ ގޮތުގައި އެއިރު ބޮލި ބޭނުން ކުރަމުން އައި ނަމަވެސް، އެހެނިހެން މުދާތައް ވެސް ބައެއް ފަހަރު ބަދަލުކުރެއެވެ. މިގޮތުން، ދިވެހިރާއްޖެއަށް ފުފޫ ގެނައުމުން ދިވެހީން ފުފޭ ގަންނަ ކަމަށް އޭނާ ލިޔުއްވިއެވެ. ފުފޭ އެއް ގަންނަނީ ފަސް ކުކުޅު، ހަކުކުޅު، ދީފައެވެ.

އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއަށް އަންނަ ނާފަހަރު ދިވެހީން ބަރާކުރަނީ މަހާއި، ކާށްޓާއި، އަންނަފޮށައާއި، ރުމާލާއި، ލޯ ކަންވާރާއި، ބޮއްޔާއި، ރޯނުންނެވެ. ލޯ ކަންވާރަކީ ދިވެހީންގެ އަތުގައި ވަރަށް ގިނަ އެއްޗެއް ކަމަށް އިބުނު ބަޠޫޠާ ފާހަގަކުރެއްވިއެވެ. މިތަކެތި ބޭރުކުރުމަކީ ދިވެހީންނަށް އިޤުތިޞާދީ ގޮތުން ލިބެމުން އައި ފައިދާ އެކެވެ.

 

ދިވެހިންގެ ގެދޮރު

ދިވެހިންގެ ގެދޮރު ގިނައިން ހުންނަނީ ވަކަރުންނެވެ. ރާއްޖޭގެ ބިންގަނޑުގެ މަޑުކަމާއި ތެތްކަމުގެ ސަބަބުން، ގޭގެ ތަޅުންގަނޑު ހުންނަނީ ކުޑަކޮށް އުސްކޮށްފައެވެ. އިބުނު ބަޠޫޠާ ޞިފަކުރައްވާފައިވާ ގޮތުގައި، ދިވެހީން ގެއަޅާ ގޮތަކީ: 2 މުށް 3 މުށުގެ ދިގުމިނުގައި، ގައު ކޮށައިގެން، އެގައު ތައް އަތުރައި، އެއިގެ މަތީގައި ހުރަހަށް ވަކަރު އަޅައި، އެވަކަރު މަތީގައި އެއްޗެތި ކޮޅަށް ޖަހާފައި، ބިތް ގަތަނީ އެވެ. މިކަމުގައި ދިވެހީން ނުހަނު ކުޅަދާނަ ކަމުގައި އިބުނު ބަޠޫޠާ ފާހަގަކުރެއްވިއެވެ.

އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި، ގޭގެ އަސްކަނި ދޮށުގައި ވަކިން، "މާލަމް" އޭ ކިޔާ ކުޑަ ގެއެއް ދިވެހިން ބިނާ ކޮށް އުޅުނެވެ. އެއީ ގޭގެ ވެރިފަރާތް، ބޭރުން އަންނަ މީހުންނާ ބައްދަލު ކުރުމަށް އިށީނދެ އިންނަ ތަނެވެ. މި މާލަމަށް ވަނުމަށް ދެދޮރު ހުރެއެވެ. އެއްދޮރު ހުންނާނީ ބޭރަށެވެ. އަނެއް ދޮރު ހުންނާނީ ގޭތެރެއަށެވެ. މިމާލަމް ކައިރީގައި ފެން އަޅައި ފުރާފައި ހުރި ރުނބައެއް ހުންނާނެވެ. މިރުނބައިން ފެން ނެގުމަށް ބޭނުން ކުރަނީ "ވަލަންޖު" ކިޔާ އާލާތެކެ. އެއީ ނާށިން ހަދާފައި، ދެމުށެއްގެ ދިގުމިން ހުންނަ ދަނޑިއެއް ޖަހާފައި ހުންނަ އެއްޗެކެވެ. ދިވެހީން ފެންވަޅުތަކުން ފެން ނަގަނީ ވެސް ވަލަންޖު ބޭނުންކޮށްގެން ކަމަށް އިބުނު ބަޠޫޠާ ވަނީ ފާހަގަކުރައްވާފައެވެ.


މިޙިސާބުން މިސިލްސިލާގެ ފަހު ބައި ނިމުނީއެވެ. އެވޭލާ ދިވެހިރާއްޖެއާއި ދިވެހީންނާ މެދު މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވުނު ކަމަށް އުންމީދު ކުރަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން