ކޮލަމް
ބަރުދަން ލުއިކުރާ ޚާއްސަމަރުކަޒުން ފިލަން އުޅުނު ބުޅާ ތާށިވީ ފައިވާން ހަރުގަނޑުގަ!

"ކްރޯޝިކް" ފޮޓޯ: ނިއުޔޯކް ޕޯސްޓް
ބަރުހެލިކަމުގެ ސަބަބުން ހިނގަންވެސް ދަތިވެފައިވާ ބުޅަލެއް، ބަރުދަން ލުއިކުރުމަށް ހިންގާ ޚާއްސަ މަރުކަޒަކުން ފިލަން އުޅެނިކޮށް ފައިވާން ހަރުގަނޑެއްގެ ތެރޭގައި ތާށިވެއްޖެއެވެ. "ކްރޯޝިކް" މި ނަމުން ނަންދެވިފައިވާ މި ބުޅާ ތާށިވެފައިވަނިކޮށް ފެނިފައިވަނީ، އޭނާ ބަރުދަން ލުއިކުރުމަށް ހަވާލުކޮށްފައިވާ ރަޝިޔާގެ ޕާމްގައި ހުންނަ "މެޓްރޮސްކިން ޝެލްޓަރ" ގެ މުވައްޒަފުންނަށެވެ.
ނިއުސްފްލޭޝް ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 38 ޕައުންޑުގެ ބަރުދަނަށް ފަލަވެފައިވާ މި ބުޅާ ފިލަން މަސައްކަތް ކުރަމުން ދަނިކޮށް ފައިވާން ހަރުގަނޑެއްގެ ދަނޑިތަކުގެ ދޭތެރެއަށް ވަދެފައިވަނިކޮށް ވަނީ ފެނިފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު، ރިހެބިލިޓޭޝަންގެ މާހިރު އެކަޓެރީނާ ބެޑަކޯވާ އޭނާގެ ޓެލެގްރާމް ޕޯސްޓެއްގައި ލިޔެފައިވަނީ، "ކްރޯޝިކް... މިއަދު އޭނާ ވަރަށް ފިލަން މަސައްކަތް ކުރި." ކަމަށެވެ. އަދި ބުޅާ ފައިވާންހަރުގަނޑުގައި ތާށިވެފައިހުއްޓާ ފެނުމުން ވަރަށް ހިތްހަމަނުޖެހިފައި ހުރިކަމަށާއި، ނަމަވެސް ކާނާ ދިނުމުން ހަމަޖެހުނު ކަމަށްވެސް އެކަޓެރީނާ ބުނެފައިވެއެވެ.
ބުޅަލަށް "ކްރަމްބްސް" މި ނަން ދީފައިވަނީ، ކާނާ ވަރަށް އަވަހަށް ކައި ހުސްކުރުމުގެ ގާބިލިއްޔަތުކަން ހުރުމުންނެވެ. ކްރޯޝިކް ފުރަތަމަ ފެނުނީ ހަފްތާއެއް ކުރިން ރަޝިޔާގެ ހޮސްޕިޓަލެއްގެ ތިރީ ފަންގިފިލާއިންނެވެ. ހޮސްޕިޓަލުގެ މުވައްޒަފުން މި ބުޅަލަށް ކޫކީއާއި ސޫޕު ކާންދިނުމުގެ ސަބަބުން، އޭނާގެ ބަރުދަން 37.47 ޕައުންޑަށް އިތުރުވެ، ހިނގާލަންވެސް ނޭނގޭވަރަށް ފަލަވެފައިވެއެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ގޭގައި ގެންގުޅޭ ގިނަ ބުޅާގެ ބަރުދަން ގާތްގަނޑަކަށް 10 ޕައުންޑަށް ވުރެ އިތުރުވާކަށް ނުޖެހެއެވެ.
ޕާމްގައި ހުންނަ މެޓްރޮސްކިން ޝެލްޓަރގެ ތަރުޖަމާނަކު ބުނި ގޮތުގައި، "ކްރޯޝިކްގެ ހާދިސާއަކީ ވަރަށް ނާދިރު ކަމެއް. އެ ބުޅަލަށް އެހާ ބޮޑަށް ލޯބިދިނުުގެ ސަބަބުން އެހާ ފަލަވަންދެން ކާން ދެވުނީ." ބަރުދަން ލުއިކުރުމަށް، ޝެލްޓަރގެ މުވައްޒަފުން ވަނީ ކްރޯޝިކަށް ޚާއްސަ ކާނާގެ ޕްރޮގްރާމަކާއި، ފެނުތެރޭގައި ކުރާ ޓްރެޑްމިލް ކަސްރަތު ވެސް ހިމަނައިގެން ޕްރޮގްރާމެއް ފަށާފައެވެ. މިއީ ބުޅަލުގެ ހުޅުތަކަށް އަންނަ ބާރު ކުޑަކުރުމަށްޓަކައެވެ. ފެނުތެރޭގައި ކުރާ ކަސްރަތަށް ފަހު ހިއްކަން ފަސޭހަކުރުމަށް، ބުޅަލުގެ ބަނޑުގެ ބައެއް ނަގާފައިވެސް ވެއެވެ.
ވެޓެރިނަރީ ޑޮކްޓަރުން ބުނާގޮތުގައި، ކްރޯޝިކްގެ މި އާ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެކެވެ. އެ ޑޮކްޓަރުން ލަފާކުރާ ގޮތުގައި، ހަފްތާއަކު 70-50 ގްރާމް ބަރުދަން ލުއިވާނެއެވެ. އަދި ބެޑަކޯވާ ބުނެފައިވާ ގޮތުގައި، ބުޅާ ފިލަން ކުރި މަސައްކަތަކީ ހަގީގަތުގައިވެސް ރަނގަޅު ނިޝާނެކެވެ. އެއީ އެސޮރަކީ ވަރަށް ހަރަކާތްތެރި ބުޅަލެއްކަން އެއިން ދައްކައިދޭތީއެވެ.