ދުނިޔެ

ޣައްޒާގެ ހާލަތު ގޯސްވުމާއެކު އ.ދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

ޣައްޒާގެ ހާލަތު ގޯސްވުމާއެކު އ.ދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

އ ދ ގެ ބައްދަލުވުމެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 11:35

09 އޯގަސްޓު 2025، 11:35

ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް، އިންސާނީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ، އ.ދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޢަރަބި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމުތަކުގެ ތެރެއިން 14 ގައުމަކުން ވަނީ މި ބައްދަލުވުން ބޭއްވުމަށް ތާއީދުކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާއިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. ސަލާމަތީ މަޖިލީހުގެ މި ކުއްލި ބައްދަލުވުން ބޭއްވުމަށް ގޮވާލާފައިވަނީ، ޣައްޒާގެ މައްޗަށް މުޅި ކޮންޓްރޯލް ނެގުމަށް އިޒްރޭލްގެ ކެބިނެޓުން ނިންމި ނިންމުމަށް ފަހު، އެ ސަރަޙައްދުގައި އަނިޔާވެރިކަން އިތުރުވެފައިވާތީއެވެ. މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ބެލެވެނީ، މަދަނީ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި، އިންސާނީ އެހީގެ ކަންކަމަށް ހުރަސްއެޅިފައިވާ މައްސަލަ ހައްލުކުރުމާއި، ހަނގުރާމަ ހުއްޓުވުމަށް އަޅަންވީ ފިޔަވަޅުތަކަށެވެ. ޢަރަބި ގައުމުތަކުން ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލްގެ ސިފައިން ވަނީ ޣައްޒާއަށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި މަދުވެގެން 36 ފަލަސްޠީނުގެ ރައްޔިތުން މަރުވެފައިވާއިރު، އެއީ އިންސާނީ އެހީއަށް އެއްވެތިބި 11 މީހުންނާއެކުގައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ހަތަރު ފަލަސްޠީނު މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ބަނޑުހައިހޫނުކަމުން މަރުވި މީހުންގެ ޖުމްލަ އަދަދު 201 އަށް އަރާފައިވެއެވެ. ޣައްޒާގެ އިންސާނީ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ކާނާގެ ދަތިކަން ވަރަށް ބޮޑުވެފައިވާއިރު، އަނިޔާވެފައިވާ މީހުންނާއި ބަނޑަށްޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒުތައް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. މީގެ އިތުރުން، އިންސާނީ އެހީގެ ގޮތުގައި މަތިންވެއްޓުނު ފޮށިގަނޑެއް ގަޔަށް ވެއްޓި ކުއްޖަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް އިތުރުކުރުމަށް އިޒްރޭލުން ނިންމި ނިންމުން، އޮސްޓްރޭލިއާ، ޖަރުމަނު، އިޓަލީ، ނިއުޒީލެންޑް، އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ވަނީ އެއްބަސްވެ ކުށްވެރިކޮށްފައެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި މި ވަޒީރުން ވިދާޅުވެފައިވަނީ، އިޒްރޭލްގެ މި ނިންމުމާ "ހަރުކަށިކަމާ ދެކޮޅު ހަދާ" ކަމަށާއި، މިކަމުގެ ސަބަބުން މިހާރުވެސް ނުތަނަވަސްކަމެއްގައިވާ އިންސާނީ ހާލަތު އިތުރަށް ގޯސްވެ، ހައްޔަރުކޮށްފައި ތިބި މީހުންގެ ފުރާނައަށް ނުރައްކާވެ، ގިނަ އަދަދެއްގެ ރައްޔިތުން  ގެއްލުމުގެ ނުރައްކާތެރިކަން އިތުރުވާނެ ކަމަށެވެ. މި ބަޔާނުގައި އިޒްރޭލްގެ ޢަމަލުތައް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމަށްވެސް އިންޒާރު ދީފައިވެއެވެ.

ފަލަސްޠީނާއި އިޒްރޭލާ ދެމެދު   ސުލްހަ ޤާއިމުކުރެވޭނީ "ވާހަކަ ދައްކައިގެން ހައްލެއް ހޯދައި ދެ ދައުލަތުގެ އުސޫލުގެ ތެރެއިން" ކަމަށް މި ވަޒީރުން ވަނީ  ބަޔާންކޮށްފައެވެ.

މި ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލާދީ، 1,200 އެއްހާ މީހުން މަރާލައި 251 މީހުން ހައްޔަރުކުރުމާއި  ގުޅިގެންނެވެ. މީގެ ރައްދެއްގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ބޮޑެތި އަސްކަރީ ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި، މިހާތަނަށް މަދުވެގެން 61,158 ފަލަސްޠީނުގެ ރައްޔިތުން ވަނީ މަރުވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން