ދުނިޔެ
ފަލަސްތީނަށް ތާއީދުކޮށް އިޓަލީގެ ޕާލިމެންޓުގައި ރަމްޒީ އިހުތިޖާޖެއް

ފަލަސްތީން އަށް ތާއީދުކޮށް އިޓަލީގައި ކުރިއަށްދިޔަ އިހުތިޖާޖު
އިޓަލީގެ ޕާލިމެންޓުގެ ތެރޭގައި ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅަށް ވަރަށް ބޮޑު ރަމްޒީ އިހުތިޖާޖެއް ފެނިގެން ހިނގައްޖެއެވެ. މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ އިޓަލީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ "ފައިވް ސްޓާ މޫވްމަންޓް" ގެ މެމްބަރުން، މަޖިލިސް ބައްދަލުވުމެއްގައި ފަލަސްތީނުގެ ދިދައިގެ ކުލަތައް ހިމެނޭ ހެދުން އަޅައިގެންނެވެ.
މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ކުރެވުނު ހިތްވަރުގަދަ ކަމެކެވެ. ޕާލިމެންޓުގެ މެމްބަރުން ބޭނުންކޮށްފައިވަނީ އާދަޔާޚިލާފު ގޮތެކެވެ. އެއްވެސް ދިދައެއް އުފުލުމެއް ނެތި، ހަމައެކަނި ފަލަސްތީނުގެ ދިދައިގެ ކުލަތައް ހިމެނޭ ހެދުން އަޅައިގެންނެވެ.
އަޅުގަނޑުމެން މިއަދު ދިދައެއް ނުނަގާނެ ،ސަބަބަކީ ތިޔަބައިމީހުން އެ ދިދަ ނައްތާލަން މަސައްކަތްކުރާނެކަން އަޅުގަނޑުމެންނަށް އެނގޭތީ. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެ ކުލަތައް އަޅުގަނޑުމެންގެ ހަށިގަނޑުގައި އަޅައިގެން ތިބުން.
މެމްބަރެއް
ޕާލިމެންޓުގެ މެމްބަރުން ބުނި ގޮތުގައި ފަލަސްތީނުގެ ދިދައަކީ މިހާރު ހަމައެކަނި ގައުމީ ނިޝާނެއް ނޫނެވެ. އެ ދިދަ މިހާރު ވެފައިވަނީ އިންސާނީ ހައްގުތަކާއި، ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އިތުރުން މިނިވަންކަމަށް ކުރެވޭ ހުރިހާ ކަމެއްގެ ރަމްޒަކަށެވެ. އެމީހުން ބުނީ މި ދިދަ ތަމްސީލުކޮށްދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވެތިވެފައިވާ ރައްޔިތުންގެ އަޑުތަކެވެ. އަދި އެއީ ހިތްވަރާއި، ޝަރަފުގެ އިތުރުން އަނިޔާވެރިކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުގެ ނިޝާނެއް ކަމުގައެވެ.
މި ހިތްވަރުގަދަ އަމަލަކީ ދުނިޔޭގެ ފުޅާދާއިރާއެއްގައި ހިނގަމުންދާ ހަރަކާތްތަކުގެ ބައެކެވެ. އެކި ގައުމުތަކުގައި އެތައް ބަޔަކު ވަނީ އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް މަގުތަކަށާއި، ޔުނިވަރސިޓީ ކެމްޕަސްތަކަށާއި، ސޯޝަލް މީޑިއާގައި އިހުތިޖާޖުކޮށްފައެވެ.