ދުނިޔެ
ޕާކިސްތާނުގައި ބޮމެއްގޮވައި ދެ ފުލުހުން މަރުވެ 14 މީހުން ޒަހަމްވެއްޖެ

ޕާކިސްތާނުގައި ބޮމެއް ގޮއްވާލާފައިވާ ތަނެއް
ޕާކިސްތާނުގެ ހަނގުރާމަވެރި ހުޅަނގު އުތުރު ސަރަހައްދުގައިބޮމެއް ގޮވައިގެން، ފުލުހުންގެ ދެ އޮފިސަރަކު މަރުވެ، 14 މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނާ ގުޅިފައިވާ ހައިބަރު ޕަޚްތޫންހުވާ ޕްރޮވިންސްގެ ސައުތު ވަޒީރިސްތާނުގެ ވަނާ ސިޓީގައި، ބުދަ ދުވަހުއެވެ. އަނިޔާވި މީހުންގެ ތެރޭގައި ގިނައީ މަގުމަތިން ދިޔަ އާންމު ރައްޔިތުންނެވެ.
މި ހަމަލާގެ ޒިންމާ އަދިވެސް އެއްވެސް ޖަމާއަތަކުން ބަލައެއްނުގަނެއެވެ. ނަމަވެސް، މި ހަމަލާ ދީފައިވާކަމަށް ޝައްކުކުރެވެނީ ޕާކިސްތާނުގެ ތާލިބާން ނުވަތަ ތަހްރީކް-އި-ތާލިބާން ޕާކިސްތާން ގެ މައްޗަށެވެ. މި ޖަމާއަތުން ގިނައިން އަމާޒުކުރަނީ ސަރަހައްދުގެ ސެކިއުރިޓީ ފަރާތްތަކާއި އާންމު ރައްޔިތުންނަށެވެ.ފަހަކަށް އައިސް، ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. މި ހަމަލާތަކުގައި އެތައް ސެކިއުރިޓީ މުވައްޒަފުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން، ޕާކިސްތާނުން ދަނީ ހުޅަނގު އުތުރުގެ އަނެއް ޑިސްޓްރިކްޓެއް ކަމަށްވާ ބާޖޫރުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންނެވެ. އެ ސަރަހައްދުގެ އިސް މީހުން ދަނީ ހަމަނުޖެހުންތަކުން ރައްކާތެރިވުމަށްޓަކައި ސަރުކާރާއި ހަނގުރާމަވެރިންނާ ދެމެދު މަޝްވަރާކުރަމުންނެވެ. މީގެ އަހަރުތަކެއް ކުރިން ހިންގި މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ހާހުން ރައްޔިތުން ވަނީ ހާލުގައި ޖެހި، ގޯތިގެދޮރު ދޫކޮށްގޮއެްސައެވެ.
ޓީޓީޕީއަކީ އަފްޣާނިސްތާނުގެ ތާލިބާނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޖަމާއަތެކެވެ. އަފްޣާނިސްތާނުގެ ތާލިބާނުން އަސްކަރީ ބާރުތައް ހޯދާފައިވަނީ، ދިހައަހަރުގެ ހަނގުރާމައަށްފަހު 2021 ވަނަ އަހަރުގެ އޮގަސްޓްގައި އެމެރިކާ އަދި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބައިގެން ދިޔުމާ ގުޅިގެންނެވެ. އެއިރުންސުރެ، ޓީޓީޕީގެ ގެ ގިނަ ހަނގުރާމަވެރިންނާއި ލީޑަރުންނަށް އަފްޣާނިސްތާނުން ހިޔާވަހިކަން ލިބިފައިވާއިރު، ބައެއް މީހުން ވަނީ ތާލިބާނުގެ ވެރިކަމުގެ ދަށުގައި އުޅެން ފަށައިފައެވެ. މި ކަންތައްތަކުގެ ސަބަބުން ޕާކިސްތާނުގައި އެ ޖަމާއަތް ވަނީ ހީވެސް ނުކުރާހައި ބާރު ގަދަވެފައެވެ.