Ads by Stelco

ޚަބަރު

ރާއްޖޭގެ ނޫ އިޤްތިޞާދަށް ބާރުދޭނެ 'ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ' ތައާރަފުކޮށްފި

ރާއްޖޭގެ ނޫ އިޤްތިޞާދަށް ބާރުދޭނެ 'ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ' ތައާރަފުކޮށްފި

ސީއެމްޑީއޭ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖެް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރަންސް ފޮޓޯ: ސީއެމްޑީއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 02:59

07 އޯގަސްޓު 2025، 02:59

ދިވެހިރާއްޖޭގެ ނޫ އިޤްތިޞާދަށް ހިތްވަރުދީ، ގައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން "ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ" (ޖޭއެފްއެފް) ރާއްޖޭގައި ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި ފެސިލިޓީ ތައާރަފުކުރެވިފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެންނެވެ.

ސީއެމްޑީއޭއިން ވިދާޅުވާ ގޮތުގައި، މި ފެސިލިޓީ ތައާރަފުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ފެސިލިޓީއަކީ ޔޫއެންޑީޕީއާއި ސީއެމްޑީއޭ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީޒް) ހިންގުމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ތައާރަފުކުރެވުނު ފެސިލިޓީއެކެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ، މަސްވެރިކަން، ޓޫރިޒަމް އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ތެރެއިން "ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް" ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށް ސީއެމްޑީއޭއިން ވަނީ ހާމަކުރައްވާފައެވެ.

ސީއެމްޑީއޭއިން ވިދާޅުވި ގޮތުގައި، މި ފެސިލިޓީ މެދުވެރިކޮށް ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ހިދުމަތްދޭ ފަރާތްތަކުން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެއެވެ. އެގޮތުން، އެފަދަ ކުންފުނިތަކުގެ ހަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދީގެން ހެޔޮ އަގުތަކުގައި ވިޔަފާރިތަކަށް ފައިސާ ލިބޭނެ އިންތިޒާމު މި ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ސީއެމްޑީއޭއިން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޖޭއެފްއެފް ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޭންކިން އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް "ބްލޫ އެންޑް އިންކްލޫސިވް" އިޤުތިސާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް ސީއެމްޑީއޭއިން ވަނީ ވިދާޅުވެއެވެ.

ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށްވާ ބްލޫ އިކޮނޮމީ ނުވަތަ ނޫ އިޤްތިޞާދަކީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދޭގޮތަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން