ދުނިޔެ

މިޔަންމާގެ ވަގުތީ ރައީސް، 74 އަހަރުގެ މިންޓް ސުވޭ އަވަހާރަވެއްޖެ

މިޔަންމާގެ ވަގުތީ ރައީސް، 74 އަހަރުގެ މިންޓް ސުވޭ އަވަހާރަވެއްޖެ

މިޔަންމާގެ ވަގުތީ ރައީސް، 74 އަހަރުގެ މިންޓް ސުވޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 12:12

07 އޯގަސްޓު 2025، 12:12

މިޔަންމާގެ ވަގުތީ ރައީސްގެ މަޤާމުގައި ހުންނެވި މިންޓް ސުވޭ، 74 އަހަރުގައި، އަވަހާރަވެއްޖެއެވެ. އަސްކަރީ ބަޣާވާތަކަށްފަހު ފެބްރުއަރީ 1، 2021 ގައި މިޔަންމާގެ ވެރިކަން އަސްކަރިއްޔާ ހިފެހެއްޓުމުން، ދެބަސްވުންތަކާ އެކު އެ މަޤާމަށް ވަޑައިގެންނެވި މިންޓް ސުވޭ އަވަހާރަވީ، ވެރިރަށް ނޭޕީތޯގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

އަސްކަރިއްޔާގެ މައުލޫމާތު ދޭ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން،  އަވަހާރަވީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. މިންޓް ސުވޭގެ ހާލުކޮޅު ގޯސްވެ، މަޤާމުގެ ވާޖިބުތައް އަދާކުރުން ހުއްޓާލާފައިވަނީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. ރަސްމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ނިއުރޮލޮޖިކަލް މައްސަލަތަކާއި، ޕެރިފެރަލް ނިއުރޮޕެތީ ބައްޔަށް ފަރުވާ ހޯދަމުން ދިޔައެވެ. މިދިޔަ ޖުލައި 24 އިން ފެށިގެން އޭނާގެ ހާލުކޮޅު ވަރަށް ސީރިއަސްވެ، އިންޓެންސިވް ކެއަރގައި ފަރުވާދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބަލިހާލު ގޯސްވުމުން، އޭނާގެ ރައީސްކަމުގެ ވާޖިބުތައް ވަނީ އަސްކަރީ ސަރުކާރުގެ ވެރިޔާ ސީނިއަރ ޖެނެރަލް މިން އޮންގް ހްލައިންއަށް ބަދަލުކޮށްފައެވެ.

މިންޓް ސުވޭ ވަގުތީ ރައީސްގެ މަޤާމަށް ވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އަސްކަރިއްޔާއިން އޭރުގެ ރައީސް ވިން މިންޓް އާއި، މިޔަންމާގެ އެންމެ އިސް ސިޔާސީ ލީޑަރު އޮންގް ސަން ސޫ ކީ ހައްޔަރުކުރުމަށްފަހުގައެވެ. އަސްކަރިއްޔާއަށް ތާއީދުކުރާ ޕާޓީއެއްގެ މެންބަރެއްގެ ގޮތުން، މިންޓް ސުވޭއަށް ރައީސްކަން ލިބިވަޑައިގަތީ އެ ގައުމުގެ ގާނޫނުއަސާސީގެ ދަށުން ފަސްޓް ވައިސް ޕްރެޒިޑެންޓްގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް، ވިން މިންޓް މަޤާމުން އިސްތިއުފާ ނުދެއްވާ އަދި އޭނާއަށް މަސައްކަތް ނުކުރެވޭވަރަށް ބަލިވެފައި ނުވާތީ، މިންޓް ސުވޭއަށް ރައީސްކަން ދިނުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއްތޯއާ މެދު ގާނޫނީ މާހިރުން ވަނީ ސުވާލު އުފައްދާފައެވެ.

ވަގުތީ ރައީސްގެ މަޤާމުގައި ހުންނެވި އިރު، މިންޓް ސުވޭއަށް އަދާކުރެއްވުނީ ރަމްޒީ ބައެއް ވާޖިބުތަކެވެ. މިސާލަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ އަމުރު ނެރުން ފަދަ ކަންކަމެވެ. އެއީ މިން އޮންގް ހްލައިން އޭރު ހުރިހާ ސަރުކާރުގެ ކަންތައްތަކެއް ކޮންޓްރޯލް ކުރެއްވުމުގެ ސަބަބުންނެވެ. އޭނާ ވަނީ ގައުމީ ދިފާއީ އަދި ސެކިއުރިޓީ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާފައެވެ. މިއީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ބޯޑެއްއް ނަމަވެސް، ޢަމަލީ ގޮތުން މި ބޯޑު ކޮންޓްރޯލް ކުރަނީ އަސްކަރިއްޔާއިންނެވެ.

ކުރީގެ ޖެނެރަލެއް ކަމަށްވާ މިންޓް ސުވޭއަކީ، މީގެ ކުރިން އަސްކަރީ ސަރުކާރެއް ހިންގަވައި، 2011 ވަނަ އަހަރުން ފެށިގެން ސިވިލް ސަރުކާރަކަށް ވެރިކަން ބަދަލުކުރެއްވުމަށް މަޤާމުން ވަކިވެވަޑައިގެންނެވި ތާން ޝްވޭގެ ވަރަށް ގާތް އެކުވެރިއެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު މިޔަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޮންގެ ޗީފް މިނިސްޓަރެއްގެ މަޤާމު އަދާކުރައްވާފައެވެ. 2007 ވަނަ އަހަރު ބުދިސްޓް ބިކްޝޫންގެ އިސްކޮށް ހިންގި "ސެފްރޮން ރިވޮލިއުޝަން" ގެ ނަމުން މަޝްހޫރުވެފައިވާ މުޒާހަރާތަކުގެ ތެރެއިން، ޔަންގޮންގައި ހަމަޖެހުން ގާއިމުކުރުމުގެ މަސްއޫލިއްޔަތު އޭނާ ބެއްލެވިއެވެ. އެކަމުގެ ތެރެއިން ގިނަ ބަޔަކު މަރުވެ، ސަތޭކަޔަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

މިންޓް ސުވޭއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެހާ ފާހަގަކޮށްލެވޭ ބޭފުޅެއް ނޫން ނަމަވެސް، މިޔަންމާގެ އަސްކަރިއްޔާއާއި ސިޔާސީ ކަންކަމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. 2002 ވަނަ އަހަރު އޭނާ ވަނީ ކުރީގެ ޑިކްޓޭޓަރ ނޭ ވިންގެ އާއިލާގެ މެންބަރުން ހައްޔަރުކުރުމުގައި ބައިވެރިވެފައެވެ. އަދި 2004 ވަނަ އަހަރު، އަސްކަރިއްޔާގެ ތެރޭގައި ހިންގި ބާރުގެ ދެބަސްވުންތަކެއްގެ ތެރެއިން ޔަންގޮން އެއާޕޯޓުން ކުރީގެ ޖެނެރަލް ކިން ނިޔުންޓް ހައްޔަރުކުރުމުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.

އެމެރިކާގެ ޚަޒާނާާއާބެހޭ އޮފީހުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގައި ހިންގި އަސްކަރީ ބަޣާވާތަށްފަހު، އޮންގް ސަން ސޫ ކީ އަދި އެހެން އިސް ސިޔާސީ ބޭފުޅުން ހައްޔަރުކުރުމާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އެޅި އަސްކަރީ ލީޑަރުންގެ ތެރޭގައި މިންޓް ސުވޭ ވެސް ހިމެނެއެވެ. އޭނާ އަވަހާރަވިއިރު އަނބިކަނބަލުންނާއި ދެ ދަރިކަލުން ދުނިޔޭގައި އެބަތިއްބެވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން