ދުނިޔެ

މޫސުމީ ބަދަލުތަކުގެ ސަބަބުން ގްރޭޓް ބެރިއާ ފަރުގެ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް

މޫސުމީ ބަދަލުތަކުގެ ސަބަބުން ގްރޭޓް ބެރިއާ ފަރުގެ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް

ގްރޭޓް ބެރިއާ ފަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޯގަސްޓު 2025، 12:11

07 އޯގަސްޓު 2025، 12:11

އޮސްޓްރޭލިއާގެ ކަނޑުގެ ދިރޭތަކެތި ދިރާސާކުރާ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ކޮރަލް ރީފް ސިސްޓަމް ކަމުގައިވާ ގްރޭޓް ބެރިއާ ފަރުގެ ގިނަ ސަރަޙައްދުތަކުން، ފާއިތުވި ހަތަރު  އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ދިރޭ މުރަކަ ނެތިގެން ގޮސްފައިވެއެވެ. މި ކޮރަލްތައް ނެތިގެން ދިއުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު މޫސުމަށް އައި ބަދަލާ ގުޅިގެން ހިނގި ބްލީޗިންގގެ ހާދިސާއެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް މެރިން ސައިންސް (އޭއައިއެމްއެސް) އިން ބުދަ ދުވަހު ޝާއިޢުކުރި އަހަރީ ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން މުރަކަ އިތުރުވަމުން އައި ނަމަވެސް، މި ގެއްލުންތަކަށްފަހު ދިރޭ މުރަކައިގެ މިންވަރު މިހާރު ވަނީ އެ ފަރުގެ ދިގު މުއްދަތުގެ އެވްރެޖާ ގާތްކުރާ މިންވަރަކަށް ދަށްވެފައެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމެނޭ މި ސަރަޙައްދަށް މި ބަދަލުތަކުގެ ސަބަބުން އައު  ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭއައިއެމްއެސްގެ ދިގު މުއްދަތުގެ މޮނިޓަރިންގ ޕްރޮގްރާމްގެ ވެރިޔާ މައިކް އެމްސްލީ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު މިންކުރެވުނު ދިރޭ މުރަކައިގެ މި ސާވޭތައް ކުރަން ފެށުނު ފަހުން އެންމެ ގިނަ މުރަކަ ހުރި އަހަރު ކަމަށެވެ. އެހެންނަމަވެސް، މުރަކަ ގިނައިން ހުރި ދަނޑިވަޅެއްގައި މިފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ ދުނިޔޭގެ އެންމެ ބޮޑު މުރަކަ ސިސްޓަމަށް (އޮސްޓްރޭލިއާގެ އިރުއުތުރު ފަރާތުން 344,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ފެތުރިފައިވާ ފަރު) މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ބޮޑެތި އަސަރުތައް ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ވަރަށް ބޮޑެތި އަސަރުތަކެއް އަދި ކޮރަލް ބްލީޗިންގގެ ހާދިސާތައް ގިނަވަމުން އަންނަ ކަމުގެ ހެއްކެއް. މިކަމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފަށް ޙަޤީޤަތުގައި ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދޭ،ގިނަ އަދަދެއްގެ މުރަކަ ހުރިނަމަވެސް، މި އަހަރު އަޅުގަނޑުމެންނަށް ފެނުނީ އެއް އަހަރުގެ މޮނިޓަރިންގގެ ތެރޭގައި ރެކޯޑު މިންވަރަކަށް މުރަކަ މަދުވެފައިވާ މަންޒަރު  

އެމްސްލީ


އެމްސްލީގެ އިދާރާގެ ރިޕޯޓުގައިވާ ގޮތުން، ކުއީންސްލޭންޑްގެ އައްސޭރިފަށް 1,500 ކިލޯމީޓަރަށް ފެތުރިފައިވާ ގްރޭޓް ބެރިއާ ރީފް ވަނީ ދެކުނު، މެދު އަދި އުތުރު މި ތިން ސަރަޙައްދަށް ބަހާލާފައެވެ. އެއް އަހަރުގެ ތެރޭގައި ދިރޭ މުރަކަ ދެކުނު ސަރަޙައްދުގައި ތިންބައިކުޅަ އެއްބަޔަށް ކުޑަވެފައިވާއިރު، އުތުރުގައި ހަތަރުބައިކުޅަ އެއްބަޔަށް، އަދި މެދު ސަރަޙައްދުގައި 14 އިންސައްތައަށް ކުޑަވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޔޫ.އެސް. ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ކޮރަލް ރީފް ވޮޗްއިން ހާމަކޮށްފައިވާ ގޮތުގައި، 2023 އަދި 2024 ވަނަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މަތިވުމުގެ ސަބަބުން، ދުނިޔެ މިހާރު ދަނީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު (އަދި ހަތަރުވަނަ)  ކޮރަލް ބްލީޗިންގގެ ހާދިސާއާ ކުރިމަތިލަމުންނެވެ. މި ހާދިސާގެ ސަބަބުން ދުނިޔޭގެ މުރަކައިގެ ފަރުތަކުގެ ސަރަޙައްދުގެ ގާތްގަނޑަކަށް 84 އިންސައްތައަށް އަސަރުކޮށްފައިވާއިރު، ގްރޭޓް ބެރިއާ ރީފް ވެސް މީގެ ތެރޭގައި ހިމެނެއެވެ. މިހާރު 83 ގައުމަށް މިިކަމުގެ އަސަރު ކޮށްފައިވާ ކަމަށް ވެއެވެ.

މި ބްލީޗިންގގެ ހާދިސާ ފެށުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު މިއީ ދުނިޔޭގެ ބޮޑު ކާރިސާއެއް ކަމަށް އިޢުލާންކުރެވުނެވެ. މި ހާދިސާ ވަނީ 2014 އިން 2017 އަށް ހިނގި ދުނިޔޭގެ އެންމެ ބޮޑު ކޮރަލް ބްލީޗިންގގެ ހާދިސާ (68.2 އިންސައްތަ ކޮރަލް ބްލީޗްވި) ފަހަނައަޅާ ގޮސްފައެވެ.

މުރަކަތަކަށް ދިގު މުއްދަތަކަށް ފެން ހޫނުވެގެން ދިއުމުން ދިރިއުޅުމަށް ދަތިވެއެވެ. ކުރު މުއްދަތަކަށް ފެން ހޫނުވުން މުރަކަތަކަށް ކެތްކުރެވުނަސް، ވަކި މިންވަރެއްގެ ހޫނުމިނެއްގައި ގިނަ ހަފްތާތަކެއް ވަންދެން ހޫނު ފެނުގައި ހުންނަ ނަމަ، ކޮރަލް ބްލީޗްވެ، ހުދުކުލައަށް ބަދަލުވެއެވެ. މިކަން ހިނގަނީ ކޮރަލްގެ ޓިޝޫގައި ދިރިއުޅޭ، ކޮރަލްއަށް ކުލައުފައްދައިދޭ އަލްގޭތައް ކޮރަލްއިން ބޭރުކޮށްލުމުންނެވެ. ބްލީޗްވި ކޮރަލް މަރުވެފައި ނުވި ނަމަވެސް، އެއީ ބަލިކަށި އަދި ބަލިތަކަށް ފަސޭހައިން ހުށަހެޅޭ މުރަކައެކެވެ.

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން