ދުނިޔެ
ނޫސްވެރިއަކާއި ދެ އަންހެނުން ހިމެނޭހެން ފަލަސްޠީނުގެ ހުޅަނގު އައްސޭރިން 30 މީހުން ހައްޔަރުކޮށްފި

ޔަހޫދީ ސިފައިން ފަލަސްޠީނު އަންހެނެއް ހައްޔަރުކޮށްގެން ގެންދަނީ
ރޭގަނޑު އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ހިންގި އޮޕަރޭޝަނެއްގައި، މަދުވެގެން 30 ފަލަސްޠީނު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނު އޮތޯރިޓީގެ ހައްޔަރުކުރެވިފައިވާ ފަރާތްތަކާއި ކުރީގެ ގައިދީންގެ ކޮމިޝަނުން ހާމަކޮށްފިއެވެ.
މި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އަންހެން ނޫސްވެރިއަކާއި ދެ އަންހެނުންނާއި، ކުރިން ޖަލުން ދޫކޮށްލާފައިވާ ބައެއް ފަރާތްތައް ހިމެނޭ ކަމަށެވެ.
ހައްޔަރުކުރުންތަކާއި މައިދާނުގައި ހިންގި ތަޙުޤީޤުތައް މައިގަނޑު ގޮތެއްގައި ސަމާލުކަންދީފައިވަނީ ދޫރާ/ހެބްރޮން ސިޓީގައި ކަމަށް ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން ނާބްލަސް، ބެތުލަޙަމް، ރަމަﷲ، ތުލްކަރަމް، އަދި ސަލްފީތު ގަވަރުނަރޭޓްތަކުން ވެސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ.
އިޒްރޭލުން ޣައްޒާއަށް ހަނގުރާމަ ފެށި ފަހުން، ހުޅަނގު އައްސޭރިން 18,500 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ ކަމަށް މި ކޮމިޝަނުން ހާމަކުރެއެވެ.