ދުނިޔެ

އިޓަލީގައި ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖް އަޅަން ފެހި ސިގުނަލް ދީފި

އިޓަލީގައި ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖް އަޅަން ފެހި ސިގުނަލް ދީފި

އިޓަލީގައި އަޅާ ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖްގެ ކުރެހުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޯގަސްޓު 2025، 02:17

06 އޯގަސްޓު 2025، 02:17

މި ހަފުތާގެ ބުދަ ދުވަހު އިޓަލީގެ ސަރުކާރުން ވަނީ ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖް އެޅުމުގެ މަޝްރޫޢަށް، ސިސިލީ އާއި މެއިންލޭންޑް ގުޅުވައިލުމަށް، ފެހި ސިގުނަލް ދީފައެވެ. މި މަޝްރޫޢަކީ ގާތްގަނޑަކަށް 13.5 ބިލިއަން ޔޫރޯ (15.6 ބިލިއަން ޑޮލަރު) ޚަރަދުވާނެ މަޝްރޫޢެކެވެ.

އިޓަލީގެ ބޮޑުވަޒީރުގެ ނައިބު، އިންފްރާސްޓްރަކްޗާ މިނިސްޓަރު މައްތެއޯ ސަލްވީނީ ވިދާޅުވީ، މެސީނާ ކަނޑުއޮޅި މަތިން އަޅާ މި ބްރިޖްގެ މަސައްކަތަށް މިނިސްޓަރީ ކޮމިޓީން ތާއީދު ކުރާނެ ކަމަށާއި، މިއީ ދިހަވަރަކަށް އަހަރުގެ ދިގު ރޭވުމާއި ތައްޔާރީއަށްފަހު ފަށާ "ތާރީޚީ ބާބެއް" ކަމަށެވެ.

މި ބްރިޖްގައި ދެ ރޭލް ދަތުރުކުރާނެ މަގާއި، ދެފަރާތަށް ދަތުރުކުރާނެ ތިން ހައިވޭ މަގު ހުންނާނެ ގޮތަށް ވަނީ ޑިޒައިންކޮށްފައެވެ. ދުނިޔޭގެ ރެކޯޑެއް ގާއިމުކުރާ މި ބްރިޖްގެ ސަސްޕެންޑްކޮށްފައިވާ ދިގުމިނަކީ 3.3 ކިލޯމީޓަރު (2.05 މޭލު) އެވެ. މީގެ ދެފަރާތުގައި 400 މީޓަރު (1,300 ފޫޓު) އުސް ދެޓަވަރު ހުންނާނެއެވެ.

2032 ވަނަ އަހަރާ ހަމައަށް ނިންމުމަށް ތާވަލުކޮށްފައިވާ މި ބްރިޖަކީ، ބިންގަނޑުގެ ދެ ޓެކްޓޯނިކް ޕްލޭޓު ގުޅޭ ސަރަޙައްދެއްގައި ހުންނަ ސިސިލީ ސަރަޙައްދުގައި ބާރުގަދަ ވަޔާއި ބިންހެލުންތަކަށް ނުގުޑާ ފަދަ ޒަމާނީ އިންޖިނިއަރިންގެ އެންމެ ކުރީ ސަފުގައި އޮތް މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިޓަލީގެ ފަގީރު ދެ ސަރަހައްދެއް ކަމަށްވާ ސިސިލީ އާއި މެއިންލޭންޑްގެ ކަލަބްރިއާއަށް އިޤްތިޞާދީ ކުރިއެރުމާއި އެތައް ހާސް ވަޒީފާގެ ފުރުޞަތުތަކެއް އުފެދޭނެ ކަމަށް މިނިސްޓަރުން އުންމީދުކުރައްވައެވެ. ސަލްވީނީ ވެސް ވަނީ މި މަޝްރޫޢުގެ ސަބަބުން  ދިހަހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ނަމަވެސް، މި މަޝްރޫޢާ ދެކޮޅަށް ހިނގާލުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މި މަޝްރޫޢަކީ ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި، މި ޚަރަދު އެހެން ކަންކަމަށް ހޭދަކުރުން މާ ރަނގަޅު ވާނެ ކަމަށެވެ. އިޓަލީގައި މީގެ ކުރިން ވެސް އެތައް ސަރުކާރު މަޝްރޫޢުއެއް ފަށައި، ފައިސާ ހަރަދުކޮށް، ނުނިމި ހުރިކަން ފާހަގަކޮށް، ބައެއް ފާޑުކިޔާ ފަރާތްތަކުން ގަބޫލުކުރަނީ މި ބްރިޖް ވެސް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

މި ބްރިޖްގެ މަސައްކަތް އެތައް ފަހަރެއްގެ މަތިން ވަނީ ހުއްޓިފައެވެ. ފުރަތަމަ ރޭވުންތައް ކުރެހީ 50 އަހަރަށް ވުރެ ކުރިންނެވެ. އިޓަލީގެ ވެބިލްޑް ގްރޫޕުން ހިންގާ ކޮންސޯޓިއަމް، ޔޫރޯލިންކް އިން ވަނީ 2006 ވަނަ އަހަރު މި މަޝްރޫޢުގެ ބިޑް ކާމިޔާބުކޮށްފައެވެ. ނަމަވެސް ޔޫރޯޒޯންގެ ދަރަނީގެ ކާރިސާއާ ގުޅިގެން އެ މަސައްކަތް ވަނީ ކެންސަލްކޮށްފައެވެ. އަލުން ފެށި މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކަށް ވެސް ހުރީ ހަމަ އެ ކޮންސޯޓިއަމެވެ.

މިފަހަރު، ރޯމަށް (އިޓަލީ ސަރުކާރަށް) މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިތުރު ބާރެއް ލިބިފައިވެއެވެ. އެއީ މި ބްރިޖްގެ ޚަރަދު "ދިފާޢީ ޚަރަދު" ގެ ގޮތުގައި ބެލެވޭތީއެވެ. ދަރަނީގެ ބޮޑު ތާށިކަމެއްގައި އޮތް އިޓަލީން ވަނީ ނޭޓޯގެ އެހެން އެލައިސް ގައުމުތަކާ އެކު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަށް، ދިފާޢީ ޚަރަދު ޖީ.ޑީ.ޕީގެ ފަސް އިންސައްތައަށް ބޮޑުކުރުމަށް އެއްބަސްވެފައެވެ. މީގެ ތެރެއިން 1.5 އިންސައްތަ "ދިފާޢީ ކަންކަމާ ގުޅުންހުރި" ދާއިރާތަކަށް،  ސައިބަރ ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗަރަށް ހޭދަކުރެވޭނެއެވެ. ސިސިލީގައި ނޭޓޯގެ މައިގަނޑު މަރުކަޒެއް ހުންނާތީ، މެސީނާ ބްރިޖް މި ގިންތީގެ ތެރޭގައި ހިމެނޭނެ ކަމަށް ރޯމުން އުންމީދުކުރެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން