ދުނިޔެ

ޗައިނާގައި ހަލުވިކަމާއިއެކު ޗިކުންގުންޔާ ފެތުރެނީ : ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި

ޗައިނާގައި ހަލުވިކަމާއިއެކު ޗިކުންގުންޔާ ފެތުރެނީ : ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި

ޗިކަންގުންޔާ ފެތުރޭތީ ރައްކާތެރިޗުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ފޮގް ކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޯގަސްޓު 2025، 02:06

06 އޯގަސްޓު 2025، 02:06

ޗައިނާގެ ފޯޝަން ސިޓީގައި ޗިކުންގުންޔާ ބަލި ފެތުރިގެން ދިއުމާއެކު، އެގައުމުގެ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މަދިރިގެ ބަހާ، ޑިސްއިންފެކްޓަންޓް ސްޕްރޭކުރުމުގެ އިތުރުން، ފެން ހަރުލާ ތަންތަން ސާފުނުކުރާ މީހުން ބޮޑެތި އަދަދުން ޖޫރިމަނާ ކުރުމާއި، މަދިރި އުފެދޭ ތަންތަން ހޯދުމަށް ޑްރޯން ބޭނުންކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ބުދަ ދުވަހުގެ ނިޔަލަށް 7,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މި އަދަދުތައް ގިނައީ ހޮންކޮންގ އާ ކައިރީގައިވާ މަސައްކަތު މީހުން ގިނަ ފޯޝަން ސިޓީންނެވެ. ހޮންކޮންގ އިން ޗިކުންގުންޔާގެ އެންމެ ކޭހެއް ރިޕޯޓުކޮށްފައިވާއިރު، އަލަށް ޖެހޭ ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ޗިކުންގުންޔާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހުން އައުމާއި ހުޅުތަކުގައި ރިހުން ފަދަ އަލާމާތްތައް ފެނެއެވެ. މިއީ ޑެންގީއާ ދާދި އެއްގޮތް ބައްޔެކެވެ. ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މި ބަލި ޖެހިއްޖެނަމަ ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ދައްކާފައިވާ ގޮތުގައި، މަދިރި އުފެދޭ ތަންތަން ކަމަށް ބެލެވޭ މަގުތަކާއި، ގޭގެއާއި، އިމާރާތްކުރާ ސަރަހައްދުތަކުގައި ވަނީ ޑިސްއިންފެކްޓަންޓް ސްޕްރޭކޮށްފައެވެ. ބައެއް އޮފީސް އިމާރާތްތަކަށް ވަނުމުގެ ކުރިންވެސް ވަނީ މަދިރި ބޭސް ސްޕްރޭކޮށްފައެވެ.

ފުޅިތަކާއި، ދަޅުތަކާއި، އަދި އެހެނިހެން ބޭރުގައި ހުންނަ ތަކެތީގައި ހަރުލާފައި ހުންނަ ފެން ހުސްނުކުރާ މީހުންނަށް 10,000 ޔުއާން (ގާތްގަނޑަކަށް 1,400 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓު ކެނޑުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

އެމެރިކާއިން ވަނީ ޗައިނާގެ ގުއަންގްޑޮންގ ޕްރޮވިންސަށް ދަތުރުނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. މި ޕްރޮވިންސަކީ ޑޮންގުއާން އަދި އެހެނިހެން ވިޔަފާރި މަރުކަޒުތައް ހިމެނޭ ތަނެކެވެ. މީގެ އިތުރުން ބޮލީވިއާ، ހިންދު ކަނޑުގެ ބައެއް ރަށްތައް އަދި ބްރެޒިލް ފަދަ ގައުމުތަކުންވެސް ޗިކުންގުންޔާގެ ހާލަތު ގޯސްވެފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.

ޗައިނާގައި ބޯކޮށް ވާރޭވެހުމާއި މަތީ ހޫނުމިނުގެ ސަބަބުން މި ބަލި ފެތުރުން އިތުރަށް ގޯސްވެފައިވެއެވެ. ޗިކުންގުންޔާ އާންމުކޮށް ގިނައިން ފެންނަނީ ހޫނު ގަދަ ހިސާބުތަކުން ކަމަށްވިޔަސް، މި އަހަރު މި ބަލި ފެތުރުން އާދަޔާ ޚިލާފަށް ވަރުގަދަވެފައިވެއެވެ.

2003 ވަނަ އަހަރު ސާސް ބަލި ފެތުރުމަށްފަހު، ޗައިނާއަކީ ބަލިމަޑިކަން ކޮންޓްރޯލް ކުރުމަށްޓަކައި ބައެއް ގައުމުތަކުން "މާ ބޮޑުވަރު" ކަމަށް ބަލާ ފަދަ ހަރުކަށި ފިޔަވަޅުތައް އަޅާ ގައުމެކެވެ. މި ފަހަރު ފޯޝަންގައި ބަލި ޖެހޭ މީހުންނަށް މަދުވެގެން އެއް ހަފްތާ ހޮސްޕިޓަލުގައި މަޑުކުރުމަށް މަޖުބޫރުކޮށްފައިވާއިރު، މީގެ ކުރިން ދެ ހަފްތާގެ ލޮކްޑައުން ކުރުމުގެ ފިޔަވަޅު އަޅާފައިވީނަމަވެސް، މި ބަލި މީހުންގެ މެދުގައި ނުފެތުރޭތީ އެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.

މަދިރި ބިސް ކެއުމަށް މަސް ބޭނުންކުރުމާއި، ބަލި ޖައްސާ މަދިރި ކެއުމަށް ބޮޑެތި އެހެން ސޫފި ބޭނުންކުރުން ފަދަ ކަންކަންވެސް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަލިމަޑިކަން ނައްތާލުމަށާއި، އާންމުންނާއި ބައިނަލްއަގުވާމީ ފާޑުކިޔުންތަކުން ސަލާމަތްވުމަށްޓަކައި، ޗައިނާއިން ވަނީ ގައުމީ ފެންވަރުގައި ބައްދަލުވުންތައް ބާއްވައި، ބަލި ކޮންޓްރޯލް ކުރުމުގެ އުސޫލުތައް އެކުލަވާލާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން