ކޮލަމް
ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާ، ގާތުންދިނުމަކީ ޤުދުރަތީ ޢަޖާއިބެއް

ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާ
ކުރިއަށް މިދާ 7 ދުވަހަކީ ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާ، ނުވަތަ World Breastfeeding Week އެވެ. ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ ފުރަތަމަ ހަފުތާގައި ފާހަގަކުރެވެމުން އަންނަ މި މުނާސަބަތުގެ މަޤުޞަދަކީ، ގާތުންދިނުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ފައިދާތަކާ މެދުގައްޔާއި، ޞިނާޢީ ކިރުގެ ސަބަބުން ކުޑަދަރިފުޅަށް ލިބޭ ގެއްލުންތަކާ މެދުގައި މީސްތަކުން ހޭލުންތެރިކުރުވުމެވެ. އަދި ގާތުންދޭ މައިންނަށް އެކަމުގެ ލުއިފަސޭހަތައް މުޖުތަމަޢިން ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އެގޮތުން، މިއަހަރުގެ ގާތުން ދިނުމުގެ ހަފުތާގެ ޝިޢާރަކީ "Prioritize Breastfeeding: Create Sustainable Support Systems" (ގާތުން ދިނުމަށް އިސްކަންދީ: ދެމެހެއްޓެނިވި ހިއްވަރުދިނުމުގެ ނިޡާމެއް ޤާއިމުކުރޭ) މިއެވެ.
ގާތުން ދިނުމުގެ ފައިދާ ތަކަކީ ކޮބާ؟
ގާތުން ދިނުމަކީ މައިވަންތަކަމުގެ އެންމެ ބޮޑު ޝަޢީރާ އެވެ. އަދި ގާތުންދޭ ކިރަކީ، ކުޑަދަރިފުޅަށް މުހިންމު އެތައް މާއްދާތަކެއް އެކުލެވިގެންވާ، ޤުދުރަތީ މޮޅު ޢަޖާއިބެކެވެ. ޕްރޮޓީންއާއި، ފެޓްސްއާއި، ކާބޯހައިޑްރޭޓް ފަދަ ބާވަތްތަކުން، ކޮންމެ ބާވަތެއްމެ ކުޑަދަރިފުޅުގެ ދުޅަހެޔޮކަމަށް އެކަށޭނަ މިންވަރަކަށް އެކިރުގައި ހިމެނިގެން ވެއެވެ. މީގެ އިތުރުން، ބަލިތަކުން ކުޑަދަރިފުޅު ރައްކާތެރިކޮށްދިނުމަށް ބޭނުންވާ އެންޓިބޮޑީ ތައް ވެސް ގާތުންދޭ ކިރުގެ ޛަރީޢާ އިން ދަރިފުޅުގެ ހަށިގަނޑަށް ވާޞިލުވޭވޭ ހުރެއެވެ. މިކަމުގެ ސަބަބުން، ކުޑަދަރިފުޅުގެ ހަށިގަނޑު ތެރެއަށް ވަންނަ ޖަރާޘީމުތައް ބަލިކޮށްލުމަށާއި، ދަރިފުޅުގެ ދިފާޢީ ނިޡާމު ވަރުގަދަވުމަށް މަގުފަހި ވެގެން ދެއެވެ.
ފަހުގެ ޢިލްމީ ހޯދުން ތަކުން ޘާބިތުވެފައިވާ ގޮތުގައި، ގާތުންދޭ ކިރަށް ޢާދަޔާޚިލާފު އިތުރު ޚާއްޞިއްޔަތެއް ލިބިގެންވޭމެއެވެ. އެއީ، ގާތުންދިނުމުގެ ޛަރީޢާ އިން މަންމަގެ ހަށިގަނޑާއި ދަރިފުޅުގެ ހަށިގަނޑާ ދެމެދު މަޢުލޫމާތުތަކެއް ބަދަލު ކުރެވިގެން ދާ ކަމެވެ. މިގޮތުން، ގާތުންދޭ ކިރުގައި ހުންނަ އެކްސްޓްރާސެލިޔުލަރ ވެސިކަލްސް (އީ.ވީ.) މެދުވެރިކޮށް، މައިމީހާގެ ހަށިގަނޑުން ދަރިފުޅުގެ ހަށިގަނޑަށް މުހިންމު ސިގުނަލުތަކެއް ފޮނުވައިދެއެވެ. މިސިގުނަލުތައް ފޮނުވުމަކީ ކުޑަދަރިފުޅުގެ ހަޖަމުކުރުމުގެ ނިޡާމު ފުރިހަމަވުމާއި، ހަށިގަނޑު ހެދިބޮޑުވުމާއި، ސިކުނޑި ތަރައްޤީ ވުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމެއް ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.
ގާތުންދޭ ކިރުގެ ޛަރީޢާއިން މައިމީހާގެ ހަށިގަނޑުން ދަރިފުޅުގެ ހަށިގަނޑަށް ސިގުނަލު ފޮނުވާ ފަދައިން، އެކަމުގައި ދަރިފުޅުގެ ހަށިގަނޑުން މައިމީހާގެ ހަށިގަނޑަށް ވެސް މުހިންމު މަޢުލޫމާތުތަކެއް ނަޤުލުވާ ކަން ޢިލްމީ ހޯދުންތަކުން އެނގެއެވެ. މިގޮތުން، ގާތުންދޭ ވަޤުތު، ދަރިފުޅުގެ ކުޅުން މައިމީހާގެ އެޕިތީލިއަލް ސެލް ތަކަށް ސިގުނަލުތަކެއް ފޯރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން، ދަރިފުޅުގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދަރިފުޅު އެވަޤުތެއްގައި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މާއްދާތައް އިތުރު ކޮށް، ކިރުގައި އެކުލެވިގެންވާ މާއްދާތަކުގެ ގިނަމަދުމިނަށް ބަދަލު ގެންނަން މައިމީހާގެ ހަށިގަނޑަށް އެނގެއެވެ. މިކަމުގެ ސަބަބުން، ގާތުންދޭ ކިރުގެ ނަފަޢު އެންމެ ފުރިހަމަ ގޮތުގައި ކުޑަދަރިފުޅަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބިދެއެވެ.
ގާތުން ދިނުމުގެ އިތުރު ފައިދާ ތަކުގެ ތެރޭގައި، ދަރިފުޅާއި މަންމަ އާ ދެމެދު އޮންނަ ގުޅުން ބަދަހިވުން ހިމެނެއެވެ. މިކަމުގެ ސަބަބުން، މައިމީހާގެ ހަށިގަނޑުން ލޯބީގެ ހޯރމޯން ކަމުގައިވާ އޮކްސިޓޯސިން އުފައްދައެވެ. ނަތީޖާ އެއްގެ ގޮތުން، މައިމީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ހާސް ކަމާއި ކަންބޮޑުވުންތައް މަދުކޮށްދެއެވެ. ހަމައެހެންމެ، ގާތުން ދިނުމުގެ ސަބަބުން މައިމީހާގެ ރަޙިމުގެ ދުޅަހެޔޮކަން އިތުރުވެ، ޞިއްޙަތަށް ފައިދާހުރި ގޮތެއްގައި ހަށިގަނޑުގެ ބަރުދަން ދެމެހެއްޓި، އަދި އުރަމަތީގެ ކެންސަރުން ސަލާމަތްވުމަށް މަގުފަހިވާކަމަށް ވެސް، ދިރާސާތަކުން ދައްކައެވެ.
ހިކިކިރު ދިނުމުން ލިބޭ ގެއްލުންތަކަކީ ކޮބާ؟
ގާތުންދިނުމުގެ ބަދަލުގައި ކުޑަދަރިފުޅަށް ޞިނާޢީ (man-made) ކިރު ދިނުމަކީ އިސްވެދެންނެވުނު ފައިދާތަކުން މައިމީހާއާއި ދަރިފުޅު މަޙްރޫމުވެގެން ދާނޭ ކަމެކެވެ. ޞިނާާޢީ ކިރަކީ ކުޑަދަރިފުޅު ދިރިހުރުމަށް ފުދޭ ބުއިމެއް ކަމުގައި ވިޔަސް، ގާތުންދޭ ކިރުގައި ހުންނަ އެއްވެސް ޚާއްޞަކަމެއް ޞިނާޢީ ކިރުގައި ނުހުރެއެވެ. މިގޮތުން، މައިމީހާގެ ހަށިގަނޑުން ކުޑަދަރިފުޅުގެ ދިފާޢީ ނިޡާމަށް ފޯރުކޮށްދޭ އެންޓިބޮޑީތައް ޞިނާޢީ ކިރުގައި ނުހުރެއެވެ. މިކަމުގެ ސަބަބުން، ޞިނާޢީ ކިރު ބޯންދެވޭ ކުޑަކުދިން އެކިއެކި ބަލިތައް ޖެހުމުގެ ނުރައްކަލަށް ހުށަހެޅި، އެކުދިންގެ ދިފާޢީ ނިޡާމު ބަލިކަށިވެގެން ދެއެވެ. ހަމައެހެންމެ، ގާތުން ދޭ ހިނދު މައިމީހާ އާއި ދަރިފުޅާ ދެމެދު ބަދަލުވާ ސިގުނަލުތައް ޞިނާޢީ ކިރުގައި ނެތުމުގެ ސަބަބުން، ކުއްޖާގެ ޢަޤުލު ފުރާފުރިހަމަވުމުގައި ބައެއް ފަހަރު ދަތިތަކާ ކުރިމަތިވެއެވެ. އަދި ކުއްޖާއަށް އެންމެ އެކަށޭނަ މިންވަރުތަކަށް ކިރުގެ މާއްދާތައް އުނިއިތުރު ކުރުމުގެ ޤާބިލުކަން ޞިނާޢީ ކިރުގައި ނެތުމުގެ ސަބަބުން، ކުއްޖާއަށް އެކިރުން ކުރާ ފައިދާ، ގާތުންދޭ ކިރާ އަޅާ ބަލާ އިރު، ނުހަނު ބޮޑުތަނުން ކުޑަ ވެގެން ދެއެވެ.
އިސްލާމް ދީނުގައި ގާތުންދިނުމުގެ އަހަންމިއްޔަތު
މާތް ވެގެންވާ އިސްލާމް ދީނުގައި، ގާތުންދިނުމަށް ވަނީ ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. މިގޮތުން، މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: "އަދި މައިން، އެކަނބަލުންގެ ދަރިންނަށް، ފުރިހަމަ ދެއަހަރުގެ މުއްދަތަށް ކިރުދިނުން ހުއްޓެވެ. އެއީ، ކިރުދިނުން ފުރިހަމަ ކުރުމަށް ޤަޞްދުކުޅަ މީހަކަށެވެ." (ސޫރަތުލްބަޤަރާ، އާޔަތް 233) މިބަސްފުޅުން ދޭހަވާ ގޮތުގައި، ކުޑަ ދަރިފުޅަށް ދެއަހަރު ފުރެންދެން ގާތުން ދިނުމަށް، މައިންނަށް މާތް ﷲ ވަނީ އަންގަވާފައެވެ. މިމުއްދަތަކީ އަދުގެ ޢިލްމީ ހޯދުންތަކުން ވެސް ޘާބިތުވެފައިވާ މުއްދަތެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މީގެ އިތުރުން، ގާތުންދިނުމަކީ މައިމީހާ އަށް އިސްލާމް ދީނުގައި ދެއްވާފައިވާ މަތިވެރި ޤަދަރު ދެއްވުމުގެ ސަބަބެއް ވެސް މެއެވެ. މިގޮތުން، ވިހެއުމުގައި މައިމީހާ ތަޙައްމަލުކުރާ ވޭނާއި ކެކުޅުމަށް ފަހު، ގާތުންދިނުމަކީ ވެސް މައިމީހާ އަދާކުރާ މުހިންމު ބުރަ މަސައްކަތެކެވެ. ގާތުން ދޭ މުއްދަތުގައި ޞިއްޙަތަށް ފައިދާ ހުރި ކާނާ ކާން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ގާތުން ދިނުމަކީ މައިމީހާގެ ހަށިގަނޑަށް ނުހަނު ވަރުބަލިކަން ގެނުވާ ކަމެކެވެ. ވީމާ، މައިމީހާއަށް މިކަމުގައި ކުރިމަތިވާ ބުރައަކީ އިސްލާމް ދީން ބަލައިގަންނަ ކަމެކެވެ. މިގޮތުން، ރޯދަ ފަދަ އަޅުކަންތަކުގައި ގާތުންދޭ އަންހެނުންނަށް ލުއިފަސޭހަގޮތް ލައްވަވާފައިވާ އިރު، ގާތުން ދިނުމުގެ ސަބަބުން މައިމީހާގެ ޤަދަރު އިތުރަށް އުފުލިގެން ދެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ:) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ!" (ލުޤުމާން ސޫރަތުގެ 14 ވަނަ އާޔަތް). މިބަސްފުޅުގައި، މާތް ﷲ ގެ އިސްމުފުޅާ ވިދިގެން، އެކަލާނގެ އަށް ފަހު، އިންސާނާ ޝުކުރުކުރުން އެންމެ ޙައްޤު ފަރާތަކީ މައިންބަފައިން ކަމުގައި ވަނީ އަންގަވާފައެވެ. އަދި ބަފާމީހާ އަށް ވުރެ ބޮޑަށް، މައިމީހާ އުފުލާ ބުރަތަށް، ވަކިން ޚާއްޞަ ގޮތެއްގައި މިއާޔަތުގައި ފާހަގަކުރައްވާފައިވެއެވެ. މިކަމަކީ މައިމީހާ އަށް ލިބޭ ޚާއްޞަ ޝަރަފެއް ކަން ޔަޤީނެވެ.
ޚުލާޞާ
ގާތުން ދިނުމަކީ އެކަމުގެ ސަބަބުން މައިމީހާއަށާއި ކުޑަދަރިފުޅަށް ގިނަގުނަ ފައިދާ ތެކެއް ކުރަނިވި، ޤުދުރަތުގެ ޢަޖާއިބެކެވެ. މިގޮތުން، ކުއްޖާގެ ޢުމުރުން ދެއަހަރު ފުރުމަށް ދާންދެން، ގާތުން ދިނުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ޞިނާޢީ ކިރަކީ މައިމީހާގެ ޤުދުރަތީ ކިރުގެ ޚާއްޞަކަން ނަކަލު ކުރުމަށް ނާޤާބިލު އުފެއްދުމެކެވެ. ގާތުން ދިނުމަށް އިސްލާމް ދީނުގައި ވެސް ނުހަނު ބާރުއަޅުއްވާފައިވާއިރު، އެކަމުގެ ސަބަބުން މައިމީހާއަށް މަތިވެރި ޤަދަރެއް ދެއްވާފައިވެއެވެ.