ދީން

"ކަލެއަކީ ދޮގުވެރިއެއްކަން އަހުރެންނަށް އެނގޭކަން ކަލެއަށް އެނގޭ"

"ކަލެއަކީ ދޮގުވެރިއެއްކަން އަހުރެންނަށް އެނގޭކަން ކަލެއަށް އެނގޭ"

ކީރިތި ޤުރުއާން.

05 އޯގަސްޓު 2025، 02:54

بسم الله الرحمن الرحيم

     ކޮންމެ އުންމަތަކަށް ވެސް މާތް ﷲ ދެއްވާ މުޢުޖިޒާތްތަކަކީ އެބަޔަކާ ގުޅޭ، އެބަޔަކު އެންމެ މޮޅުވެފައިވާ ދާއިރާއަކުން އެބަޔަކު ބަލިކޮށްލެވޭ ފަދަ ގޮތަކަށް ޚާއްޞަ ކުރައްވާފައިވާ މުޢުޖިޒާތްތަކެކެވެ. މިގޮތުން، ސަލާމްލެއްވި މޫސާގެފާނުގެ ޒަމާނުގައި ޞިޙުރުހާހޫރާއަށް ލިބިގެންވީ މަޝްހޫރުކަމެއްގެ ސަބަބުން، ސިޙުރު ބަލިކޮށްލެވޭ ފަދަ މުޢުޖިޒާތެއް އެކަލޭގެފާނަށް ދެއްވިއެވެ. އެއީ، ޢަޞާކޮޅު ހަރުފައަކަށް ބަދަލުކުރެއްވުމެވެ. އެއަށްފަހު، ސަލާމްލެއްވި ޢީސާގެފާނުގެ ޒަމާނުގައި ބޭސްވެރިކަމަށް ލިބިގެންވީ ޝުހުރަތެއްގެ ސަބަބުން، އެދާއިރާއިން އެމީހުންނާ ވާދަކުރެވޭ ފަދަ މުޢުޖިޒާތެއް ޢީސާގެފާނަށް ދެއްވިއެވެ. އެއީ، މާތް ﷲގެ އިޛުނަފުޅާއެކު، ބަލި މީހުން ދުޅަހެޔޮކުރެއްވުމާއި، މަރުވެފައިވީ މީހުން ދިރުއްވުން ފަދަ ކަންކަމެވެ. ހަމަ މިބީދައިން، ޖަހާލަތުގެ އަނދިރިކަން މުޅި ދުނިޔޭގައި ފެތުރިފައިވީ އަނިޔާވެރިކަމުގެ ޒަމާނުގައި، ސަލާމާއި ޞަލަވާތް ލެއްވި ސައްޔިދުނާ ރަސޫލުﷲ ގެ ފާނު ފާޅުކުރައްވަން މާތް ﷲ އިރާދަކުރައްވާ، އެޒަމާނުގެ މީހުންނަށް ލިބިގެންވީ ޢިލްމު ކަމުގައިވާ ފަޞާޙަތްތރިކަމުގެ ދާއިރާއިން، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެ ފާނަށް މާތް މުޢުޖިޒާތެއް ދެއްވިއެވެ. އާދެ، އެމުޢުޖިޒާތަކީ މާތްﷲގެ މަތިވެރި ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނެވެ.

     ޢިލްމުވެރިން މުޢުޖިޒާތް ތަޢުރީފުކުރައްވާފައިވާ ގޮތުގައި، އެއީ "ތަޙައްދީ އެއް" ނުވަތަ ގޮންޖެހުމެއް އެކަމުގައި އެކުލެވޭން ޖެހޭ ކަމެކެވެ. ނޫން ނަމަ، މުޢުޖިޒާތަކަށް ނުވާނެއެވެ. މުޢުޖިޒާތަކީ މީސްތަކުންނަށް އެފަދަ ކަމެއް ގެނައުމަށް ނުކުޅެދިފައިވާ ކަމަކަށް ވާއިރު، މިކަން ފާޅުކަންބޮޑު ގޮތެއްގައި އިޡްހާރުކުރެއްވުމަކީ ރިސާލަތުގެ ތެދުކަން ޘާބިތުކުރެއްވުމުގެ ފިޔަވަޅެކެވެ. މިގޮތުން، ކީރިތި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އެންމެހައި އިންސީންނާއި ޖިންނީން ނުކުޅެދިފައިވާ ކަން ވަރަށް ޞަރީޙަކޮށް ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.

 قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރީން ކަމުގައި ވީނަމަވެސްމެއެވެ."

     ކަންމިހެން އޮތުމާއެކު ވެސް، މައްކާގެ މުޝްރިކުންގެ ބޮޑާވެރިކަމުގެ ސަބަބުން، ޤުރުއާނުގެ ޙައްޤުކަން ބަލައިގަތުމަށް އެމީހުންކުރެ ގިނަ ބަޔަކު އިންކާރު ކުރަމުން ދިޔައެވެ. ބަހުގެ ޢިލްމާއި، ފަޞާޙަތްތެރިކަމުގައި މޮޅު އަލްވަލީދު ބުނުލްމުޣީރާ އަކީ މިކަމުގެ ޞާފު ނަމޫނާއެކެވެ. ކީރިތި ޤުރުއާނަކީ އިންސީންނާއި ޖިންނީންގެ ބަސްމޮށުންތެރިކަމާ މުޅިން ޚިލާފު ޢަޖާއިބެއްކަމަށް އަލްވަލީދު އިޢުތިރާފުވި ނަމަވެސް، އޭނާގެ ޤައުމުގެ މެދުގައި އޭނާ އަށް ލިބިގެންވީ ޤަދަރާއި ޢިއްޒަތް ގެއްލި ހިނގައިދާނެތީ، އިސްލާމް ދީން ޤަބޫލު ކުރަން ދެކޮޅުހެދިއެވެ. މީނާއަށް ރައްދުދެއްވައި، އަލްމުއްދައްޘިރް ސޫރަތުގެ 11 ވަނަ އާޔަތުން 26 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ބާވާލެއްވިއެވެ. އެހެނަސް، މީނާގެ ކާބަފައިންގެ މަގު މީނާ ހަމަ ހިލާ ދޫކޮށްނުލިއެވެ.

     ކީރިތި ޤުރުއާނަކީ މާތްﷲ ބާވާލެއްވި ޙައްޤު ތެދު ބަސްފުޅު ކަން ދަނެތިބެމެ، އެފޮތަށް އީމާންވާން އިންކާރުކޮށް، އެފޮތަކީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި މާތް ނަބިއްޔާ އަމިއްލަފުޅަށް ހެއްދެވި ތަކެތި ކަމަށް ކާފިރުން ކިޔައި އުޅެން ފެށުމުން، އެމީހުން ބުނި ބަހީ ތެދެއް ކަމުގައި ވަނީ ނަމަ، އެމީހުން ވެސް އެފަދަ ޤުރުއާނެއް އުފެއްދުމަށް މާތް ﷲ ވަނީ ތަޙައްދީ (challenge) ކުރައްވާފައެވެ. މިގޮތުން، ކީރިތި ޤުރުއާނާ އެއް ފަދަ ފޮތެއް ގެނައުމަށް ސޫރައްތުއްޠޫރިގެ 34 ވަނަ އާޔަތުގައި ގޮންޖެއްސެވިއެވެ. އަދި ކީރިތި ޤުރުއާނާ އެއް ފަދަ 10 ސޫރަތް ގެނައުމަށް ހޫދު ސޫރަތުގެ 13 ވަނަ އާޔަތުގައި ގޮންޖެއްސެވިއެވެ. އަދި ކީރިތި ޤުރުއާނާ އެއްފަދަ އެންމެ ސޫރަތެއް ނަމަވެސް ގެނައުމަށް ޔޫނުސް ސޫރަތުގެ 38 ވަނަ އާޔަތާއި، އަލްބަޤަރާ ސޫރަތުގެ 23 ވަނަ އާޔަތުގައި ގޮންޖެއްސެވިއެވެ.

     މިގޮންޖެއްސެވުމަށް ޢަމަލުކުރާން އުޅުނިއްޔާ އުޅުނުހައި މީހަކު ފަޟީޙަތްވެ، ދެރަވެފައިވާ ކަމީ، ތާރީޚު އެކަމަކަށް ހެކިދޭ ޙަޤީޤަތެކެވެ. މިގޮތުން، މިކަމުގެ މަޝްހޫރު މިޘާލެއް މިލިޔުމުގައި ހިމަނާލާނަމެވެ. މިވާހަކައިގައި، މާތް ﷲ އެބޭކަލަކަށް ރުއްސުންލެވި ޢަމްރު ބުނުލްޢާޞްގެ ފާނު މުސައިލިމާ އާ ބައްދަލުވެވަޑައިގަތެވެ. މުސައިލިމާ އަކީ ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެ ފާނުގެ ޒަމާނުގައި އުޅުނު، ނަބީ ކަމަށް ދަޢުވާ ކުރި ދޮގުވެރިއެކެވެ. މީނާގެ ދޮގުވެރިކަމުގެ ސަބަބުން، މީނާ އަށް "މުސައިލިމާ އަލް ކައްޛާބު" ގެ ލަޤަބު ދެވުނެވެ. ކޮންމެއަކަސް، ޢަމްރުގެފާނުގެ އަރިހުގައި މުސައިލިމާ އެހިއެވެ: "ތިޔަބައިމީހުންގެ ޞާޙިބުކަލޭގެފާނު (މިބަހީ: ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲ ގެ ފާނު) ގެ މައްޗަށް ބާވާލެއްވުނީ ކޮން އެއްޗެއް ހެއްޔެވެ؟ ޢަމްރުގެފާނު ވިދާޅުވިއެވެ: "ބަލާޣަތްތެރި، ކުރު، ސޫރަތެއް އިތުރުއެކަލޭގެފާނުގެ މައްޗަށް ބާވާލައްވައިފިއެވެ." އެއީ ކޮން ސޫރަތެއް ތޯ މުސައިލިމާ ސުވާލުކުރުމުން، އަލްޢަޞްރު ސޫރަތް ޢަމްރުގެފާނު ކިޔަވާވިދާޅުވިއެވެ.

بِسْمِ الله الرّحمَنِ اللرّحيمِ، وَالْعَصْرِ، إِنَّ الْإِنْسانَ لَفِي خُسْرٍ، إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحاتِ وَتَواصَوْا بِالْحَقِّ وَتَواصَوْا بِالصَّبْرِ

މިސޫރަތުގެ މާނަ: "ރަޙްމާން ވަންތަ، ރަޙީމް ވަންތަ، މާތް ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ. ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ ގެއްލުމެއްގެ ތެރޭގައިކަން ކަށަވަރެވެ. އީމާންވެ، ޞާލިޙު ޢަމަލުތައް ކޮށް، އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އެކަކު އަނެކަކަށް ކެއްތެރިކަމަށް ވަޞިއްޔަތް ކޮށް އުޅުނު މީހުން މެނުވީއެވެ."

އެއަށްފަހު ހިނދުކޮޅަކު ވިސްނާލާފައި މުސައިލިމާ ބުންޏެވެ: "ތިމަންނާގެ މައްޗަށް ވެސް ތިޔަފަދަ ސޫރަތެއް ބާވާލައްވައިފިއެވެ." ޢަމްރުގެފާނު ދެންނެވިއެވެ: "އެއީ ކޮން އެއްޗެއް ހެއްޔެވެ؟" އެހިނދު މުސައިލިމާ އޭނާގެ "ސޫރަތް" ކިޔެވި އެވެ. އެއީ:

يَا وَبْرُ، يَا وَبْرُ، إِنَّمَا أَنْتِ أُذُنَانِ وَصَدْرٌ، وَسَائِرُكِ حَقْرٌ نَقْرٌ

މީގެ މާނަ: "އޭ ވަބުރާ އެވެ. އޭ ވަބުރާ އެވެ. ކަލޭ ތިޔައީ ދެކަންފަތަކާއި މޭގަނޑެކެވެ. ކަލޭގެ ބާކީ އޮތީ ހުސް ހޮއިގަނޑެކެވެ."

ވަބުރަކީ ޖަނަވާރަކަށް ކިޔާ ނަމެކެވެ.

ވަބުރު (rock hyrax)

ސޫރަތުލްޢަޞްރުގެ އާޔަތްތައް ރާ އަކުރުން ނިމޭތީވެ، މިކަން ނަކަލުކުރުމަށް މުސައިލިމާ އޭނާގެ މި"ސޫރަތުގައި" މަސައްކަތް ކުރިއެވެ. ކޮންމެއަކަސް، ވަބުރުގެ "ސޫރަތް" ކިޔެވުމަށް ފަހު، މުސައިލިމާ ޢަމްރުގެފާނު އަރިހުގައި އެހިއެވެ: "ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކޮންފަދައަކުން ތޯއެވެ؟" އެހިނދު މާތް ﷲ ރުއްސުންލެއްވި ޢަމްރުގެފާނު ވިދާޅުވިއެވެ: 

 واللهِ إِنّكَ لَتَعلَمُ أنّي أعلَمُ أنّك تَكذِب.

މާނައީ: "މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ކަލެއަކީ ދޮގުވެރިއެއްކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަން ކަލެއަށް އެނގެއެވެ."

މިހިންދު މުސައިލިމާ އަލްކައްޛާބުގެ ދޮގުވެރިކަން ފަޟީޙަތްވެގެން ދިޔައީއެވެ.

     މުސައިލިމާ މަރުވީ ޔަމާމާ ހަނގުރާމައިގައި ހިޖުރައިން 12 ވަނަ އަހަރު، ވަޙްޝީގެފާނުގެ އަތްޕުޅުންވެ. ސީރަތުގައި މަޝްހޫރުވެގެންވާ ފަދައިން، ވަޙުޝީގެ ފާނު އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން، އުޙުދު ހަނގުރާމައިގައި ޙަމްޒަތުގެފާނު ޝަހީދުކުރެއްވިއެވެ. އެއަށް ފަހު ވަޙްޝީގެފާނު އިސްލާމްވެވަޑައިގެން، ޔަމާމާ ހަނގުރާމައިގައި މުސައިލިމާ ޤަތުލު ވީ، ވަޙުޝީގެފާނު ޖެއްސެވި އެތިފަހަރަކުންނެވެ. ރިވާވެގެންވާ ގޮތުގައި، ވަޙްޝީގެފާނު ކިޔުއްވައި އުޅުއްވިއެވެ: "ތިމަންކަލޭގެފާނު، އެންމެ ހެޔޮ މީހާއާއި، އެންމެ ނުބައި މީހާ ޤަތުލުކުރީމުއެވެ." އެއީ، ވަޙްޝީގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲ ގެ ފާނުގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނު ޝަހީދުކުރެއްވުމާއި، ވަޙްޝީގެފާނު އިސްލާމްވެވަޑައިގަތުމަށް ފަހު، ނަބީ ކަމަށް ދަޢުވާކޮށް އުޅުނު މުސައިލިމާ އަލްކައްޛާބު ޤަތުލުކުރެއްވި ވާހަކައެވެ.

 

މަޞާދިރު:

سير أعلام النبلاء

تفسير ابن كثير

البداية والنهاية

تفسير الرازي

މި ލިޔުން ކިޔާލުމުން