ކޮލަމް
ތިބާއަކީ އަހަރެން ހިތުން ތިބާކަމަށް ދެކޭކަމަށް ތިބާ ހިތުން ދެކޭ މީހާ

އަހަރެމެންގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް އުފެދެނީ ހަމައެކަނި އަހަރެމެން ދެކޭގޮތުގެ މައްޗަކަށް ނޫން---
ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖެ އުފެދިފައި މި އޮތްގޮތުން، އަހަރެމެން ދިރިއުޅެމުން މި އަންނަނީ ކުދިކުދި މުޖުތަމަޢުތަކެއްގައެވެ. ތިބާ ނުދަންނަ މީހަކު ރަށުގައި ނުހުންނާނެ ފަދައިން، ތިބާއަކީ ވެސް ރަށު އެންމެން ދަންނަ މީހެކެވެ. ރަށުގެ އެއް އަވަށުގައި ހިނގާ ކަންކަން މާ ގިނަ ވަގުތުތަކެއް ނުހިނގަނީސް އަނެއް އަވަށަށް އެނގޭނެއެވެ. އަދި ނުވިތާކަށް، އާއިލާތަކުގެ މެދުގައި ހިނގާ މީހުންގެ ޒާތީ ކަންކަން މުޅި ރަށަށް ފެތުރޭކަށް މާ ގިނަ ދުވަހެއް ވެސް ނުނަގައެވެ.
ޒާތީ ކަންކަން މުޅި ރަށަށް ފެތުރުމަކީ ގިނަ ބަޔަކު ބޭނުންވާނެ ގޮތެއް ނޫނެވެ. އެއީ ތިބާގެ ޒާތީ ކަންކަމާމެދު އެހެން މީހުން ބަސް ބުނުމަށް ބޭނުންނުވާތީއެވެ. ނޫނީ އެހެނިހެން ސަބަބުތަކެއް ވެސް އޮވެގެނެވެ. މި ހަޤީޤަތުން ދުރުވާން، ހަލަބޮލި މާލެއަށް ބަދަލުވާން ނިންމި މީހުން މަދުން ނަމަވެސް އަހަރެން ދަންނަމެވެ. މިއީ އެއްގޮތަކުން ބަލާނަމަ، ކަމުނުދާ ވިސްނުމެއް ވެސް ނޫނެވެ. ތިބާގެ ނުވަތަ ތިބާގެ އާއިލާގެ ޒާތީ ހުރިހާ ކަންކަމަކީ އެންމެނަށް އެނގެން ތިބާ ބޭނުންވާނެ ކަންކަމެއް ނޫނެވެ. ދިމާވާ ކަމަކުން ތިބާއާމެދު އެހެން މީހަކު ދެކެފާނެ ގޮތަކާ މެދު މާބޮޑަށް ވިސްނޭ މީހުންނަށް މިއީ އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ހޯދުނު އެންމެ މޮޅު ފަރުވާއެވެ.
ދުވަސްތައް މި ގޮތުގައި ފާއިތުވަމުން ދަނިކޮށް ދެން މިއައީ ސޯޝަލް މީޑިއާއެވެ. ސޯޝަލް މީޑިއާއާއެކު އައި އެންމެ ބޮޑު ބަދަލަކީ، ކުދި މުޖުތަމަޢުތައް އިތުރަށް ކުޑަވެގެން ދިއުމެވެ. ވާހަކަތައް ފެތުރުމަށް ކުރިން ހޭދަވި ވަގުތު އެތައް ގުނައަކުން އަވަސްވީއެވެ. އާބާދި ބޮޑު މާޙައުލަކަށް ބަދަލުވުމުން ލިބެން އޮތް "ޕްރައިވަސީ" ވެސް އިތުރަށް ހަނިވީއެވެ.
ނަމަވެސް މި ހުރިހާ ކަމެއް ބިނާވެގެން މިދަނީ ތިބާ ކަންކަމާމެދު ވިސްނާ ގޮތުގެ މައްޗަށެވެ. އިޖުތިމާޢީ ނުފޫޒު ތިބާގެ މައްޗަށް ހިނގާނީ، ތިބާ އެކަމަށް ޖާގަ ދޭ މިންވަރަކުންނެވެ. މުޖުތަމަޢުގެ ނޭދެވޭ ނުފޫޒުތަކަށް ކުރިމަތިލުމަށް ތިބާއަށް ދަސްނުވެއްޖެނަމަ، ނަފްސާނީ ގޮތުން ތިބާ ބަލިކަށިކޮށްލާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ ނަފްސާނީ ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމުން ތިބާއަށް ރައްކާތެރިވެވޭނީ، ކަންކަމާމެދު ތިބާ ދެކޭ ގޮތް ބަދަލުކޮށްގެންނެވެ.
ފަރުދުންގެ އިޖްތިމާޢީ ޠަބީޢަތާއި، މުޖުތަމަޢާއި، އަމިއްލަ ނަފްސާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ދިރާސާކުރި އެމެރިކާގެ ސޯޝިއޮލޮޖިސްޓެއް އަދި ސައިކޮލޮޖިސްޓެއް ކަމުގައިވާ ކޫލީ މި ކަމުގައި ގެންގުޅުނު ވިސްނުމަކީ ދުނިޔޭގެ އެތައް ބަޔަކު ބަލައިގަތް ނަޒަރިއްޔާތެކެވެ. 1864ގައި އުފަން ކޫލީގެ ނަޒަރިއްޔާއިން ބުނެދެނީ، ތިބާގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް އުފެދި ބައްޓަންވެގެން އަންނަނީ، އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކާއި އެމީހުން ދެކޭގޮތްތަކުގެ މައްޗަށްކަމަށެވެ.
އިޖުތިމާޢީ ނުފޫޒާއި އަމިއްލަ ނަފްސާ އޮތް ގުޅުން އަންގައި ދިނުމަށް ކޫލީ ބޭނުންކުރީ ވަރަށް މާނަ ފުން ޖުމްލަ ތަކެކެވެ.
އަހަރެންނަކީ އަހަރެން ހިތުން އަހަރެން ކަމަށް ދެކޭ މީހެއް ނޫނެވެ. އަދި އަހަރެންނަކީ ތިބާ ހިތުން އަހަރެން ކަމަށް ދެކޭ މީހެއްވެސް ނޫނެވެ. އަހަރެންނަކީ ތިބާ ހިތުން އަހަރެން ކަމަށް ދެކޭ ކަމަށް، އަހަރެން ހިތުން ދެކޭ މީހާއެވެ.
މި ޖުމްލަތަކުން ބުނެދެނީ، ތިބާގެ އަމިއްލަ ނަފްސު ތިބާ ދެކޭގޮތާއި އިޖްތިމާޢީ ނުފޫޒާ ދެމެދު ފުން ފަލްސަފާއެއް ވާކަމެވެ.
ކޫލީގެ ފަލްސަފާގެ މައިގަނޑު ނުކުތާއަކީ "ލުކިންގ ގްލާސް ސެލްފް" ގެ ޚިޔާލެވެ. މި ނަޒަރިއްޔާއިން ބުނެދެނީ އަހަރެމެންގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް އުފެދެނީ ހަމައެކަނި އަހަރެމެން ދެކޭގޮތުގެ މައްޗަށް ނޫންކަމެވެ. އޭގެ ބަދަލުގައި، އެ ކަމުގައި އެހެން މީހުން ތިމާއާމެދު ދެކޭ ގޮތުގެ ބޮޑު ނުފޫޒެއް އޮންނަކަމެވެ. މިސާލަކަށް ތިބާގެ ޖިސްމާނީ ސިފަތަކުގެ އިތުރުން، ތިބާގެ ޒާތާއި އަގު ދައްކުވައިދޭ ލޯގަނޑެއް ހިތަށް ގެނެސްބަލާށެވެ. މި ނަޒަރުން ވިސްނައިފިނަމަ، މައިގަނޑު ގޮތެއްގައި އަހަރެމެންގެ އަމިއްލަ ނަފްސު އަހަރެމެންނަށް ދެކެވެނީ އެހެން މީހުންގެ ނަޒަރުންނެވެ. އަހަރެމެން އެކި މީހުންނާ މުޢާމަލާތްކުރާއިރު އެމީހުންގެ ޢަމަލުތަކާއި، ނިންމުންތަކާއި، ޖަވާބުދާރީވުމާއި އަދި މޫނުމަތީގެ ކުލަވަރުތައް މާނަކުރަމެވެ. އޭގެ ފަހުން، އެ މީހުން އަހަރެމެން ދެކޭގޮތްކަމަށް އަހަރެމެން ހިތުން ދެކޭގޮތުގެ މައްޗަށް ބިނާކޮށް، އަހަރެމެން އަމިއްލަ ނަފްސުގެ ސިފައެއް އުފައްދަމެވެ.
ކޫލީގެ "ލުކިންގ ގްލާސް ސެލްފް" ނަޒަރިއްޔާ ތަންކޮޅެއް ތިލަކޮށްލަމާ ހިނގާށެވެ. މި ނަޒަރިއްޔާ އެކުލެވިގެން ވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ. އެއީ ތިބާއާމެދު އެހެން މީހުން ވަކިގޮތަކަށް ދެކޭކަމަށް ވިސްނުމާއި، އެހެން މީހުންގެ ޢަމަލުތައް މާނަކުރުމާއި އަދި އަމިއްލަ ނަފްސާމެދު ދެކޭގޮތް އަމިއްލައަށް އުފެއްދުމެވެ.
- ތިބާއާމެދު އެހެން މީހުން ވަކިގޮތަކަށް ދެކޭކަމަށް ވިސްނުން:
އެއީ ތިބާގެ އަމިއްލަ ނަފްސު އެހެން މީހުންނަށް ފެންނާނެ ގޮތް ތިބާ ޚިޔާލުކުރަމެވެ. މިސާލަކަށް، މީހަކު ތިބާއާ މުޢާމަލާތްކުރާއިރު ހިނިތުންވެފައި ހުރެއްޖެނަމަ، އެއީ އެ މީހާ ތިބާ ޤަބޫލުކުރާކަމުގެ ނިޝާނެއްގެ ގޮތުގައި ޤަބޫލުކުރުމެވެ. މިކަމުގެ ސަބަބުން ތިބާ ޤަބޫލުކުރަން ފަށާނީ، އެމީހާ ތިބާ ދެކެނީ އެދެވޭ ގޮތެއްގައި ކަމަށެވެ. އޭގެ އިދިކޮޅަށް ވިސްނާނަމަ، މީހަކު ޝައުޤުވެރިކަމެއް ނުދައްކާ ނުވަތަ ފާޑުކިޔާ ކަހަލަ ގޮތަކަށް ހުރެއްޖެނަމަ، ތިބާ ހީކުރާނީ އެ މީހާ ތިބާއާމެދު ދެކެނީ ނޭދެވޭ ގޮތަކަށް ކަމަށެވެ. މިއީ ތިބާގެ ބޭރު ފުށުގެ ސިފަތަކާއި ޢަމަލުތަކާމެދު ތިބާ ހޭލުންތެރިވުމުގެ މަރުޙަލާއެކެވެ. މީގެ ތެރޭގައި ތިބާ ހެދުން އަޅާގޮތް، ވާހަކަދައްކާ ގޮތް، އަދި އެކި ޙާލަތްތަކުގައި ޢަމަލުކުރާ ގޮތް ހިމެނެއެވެ.
- އެހެން މީހުންގެ ޢަމަލުތައް މާނަކުރުން:
މިއީ އެހެން މީހުންގެ ފަރާތުން ތިބާއާމެދު ޢަމަލުކުރާ ގޮތް މާނަކުރުމެވެ. މިސާލަކަށް، މީހަކު އިޞްލާޙީ ފާޑުކިޔުމެއް ހުށަހަޅައިފިނަމަ، ތިބާގެ އަމިއްލަ ނަފްސުގައި އުނި ކަންކަން ހުރިކަމަށް ޤަބޫލުކުރުމެވެ. ނުވަތަ އެމީހަކު ތަޢުރީފުކޮށްފިނަމަ، ތިބާގެ ނަފްސާމެދު ފަޚުރުވެރިވުމެވެ. ކުޅިވަރުގެ މައިދާނުން މިސާލެއް ނަގާނަމަ، ތިބާއަކީ މޮޅު ކުޅުންތެރިއެއްކަމަށް މީހުން ބުނަން ފަށާ ހިސާބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، ކުޅުން ރަނގަޅުކުރެއެވެ. ނަމަވެސް ކުޅުމާ މެދު މާބޮޑަށް ފާޑުކިޔާނަމަ، އަމިއްލަ ހުނަރަށް ކުރާ އިތުބާރު ކުޑަވެ، އެކަމުގެ ނޭދެވޭ އަސަރު ކުޅުމުން ފެނެއެވެ. އެހެންކަމުން ތިބާގެ މި މާނަކުރުންތަކުގެ ސަބަބުން ތިބާގެ އަމިއްލަ އަގު ވަޒަންކުރާ މިންވަރަށް އަސަރުކޮށް، ކުރިމަގުގައި ތިބާގެ އަމިއްލަ އުޅުމަށް ނުފޫޒު ފޯރުވެއެވެ.
- އަމިއްލަ ނަފްސާމެދު ދެކޭގޮތް އުފެއްދުން:
މިއީ ފުރަތަމަ ދެ ފިޔަވަޅުގެ ނަތީޖާއެވެ. އެހެން މީހުން ތިބާ ދެކޭގޮތާއި އެމީހުންގެ ޢަމަލުތަކާމެދު ތިބާ މާނަކުރާ ގޮތުގެ މައްޗަށް ބިނާކޮށް، ތިބާ އަމިއްލަ ނަފްސާމެދު ދެކޭގޮތް އުފެއްދުމެވެ. މި ގޮތުން ތިބާގެ އަމިއްލަ ނަފްސާމެދު ދެކޭގޮތުގެ ސަބަބުން، ކުރިމަގުގައި އެހެން މީހުންނާ މުޢާމަލާތްކުރާނެ ގޮތާއި ޢަމަލުތައް ބަހައްޓާނެ ގޮތާއި، ދުނިޔެއަށް ދައްކާ ތިބާގެ ސިފަ އެކުލަވާލެވެއެވެ. އަދި ދުވަސްތައް ފާއިތުވަމުން ގޮސް، އަމިއްލަ ނަފްސާމެދު ދެކޭގޮތް ވަރަށް ފުންކޮށް ހަރުލައި، ތިބާގެ ގުޅުންތަކާއި، އުއްމީދުތަކާއި، ނިންމުންތައް ނިންމުން ފަދަ ދިރިއުޅުމުގެ އެކި ދާއިރާތަކަށް މި ކަމުގެ އަސަރުކުރެއެވެ.
މި ތިން މަރުހަލާއަކީ އަބަދުވެސް ހިނގަމުންދާ އަދި ގުޅިލާމެހިފައިވާ މަރުޙަލާތަކެކެވެ. މި މަރުޙަލާތަކުގެ ސަބަބުން އަހަރެމެންގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް އަބަދުވެސް ބަދަލުވަމުން ދެއެވެ. އެއީ އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކާއި އެ މީހުން ކަންކަން ދެކޭގޮތުގެ ސަބަބުންނެވެ. މި ނަޒަރިއްޔާއިން ބުނެދޭ ކަމަކީ، ތިބާގެ އަމިއްލަ ނަފްސާމެދު ދެކޭގޮތަކީ އިޖްތިމާޢީ ގޮތުން އުފެދޭ އެއްޗެއް ކަމަށާއި، އެހެން މީހުން ތިބާއާމެދު ދެކޭގޮތަކީ، ތިބާ ތިބާއާ މެދު ދެކޭ ގޮތަށް އަސަރުކުރާކަމެއް ކަމަށެވެ.
އެހެން މީހުން ތިބާއާމެދު ދެކޭގޮތާ މެދު އެހާ ބޮޑަށް ކަންބޮޑުވެވެނީ އެހެންވެގެންނެވެ. ނަމަވެސް މިހެން ކަންތައް ދިމާވުމުން، ތިބާގެ އަމިއްލަވަންތަކަން ގެއްލިގެން ދެއެވެ. މުޖުތަމަޢުގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރަން މަސައްކަތްކުރުމުގައި، ތިބާގެ އަސްލު އުންމީދުތަކާއި ޤަބޫލުކުރުންތައް ޤުރުބާންކޮށް، އަމިއްލަވަންތަކަން ގެއްލުވާލައެވެ. މުޖުތަމަޢުގެ ފާޑުކިޔުންތައް އަޑުއެހި، ތިބާގެ އަސްލު ޤާބިލުކަމަށް ފަސްއެޅިގެންދެއެވެ.
އަނެއްކޮޅުން، "ލުކިންގ ގްލާސް ސެލްފް" ނަޒަރިއްޔާގެ ސަބަބުން އަހަރެމެންނަށް ބާރުވެރިކަން ވެސް ހޯދިދާނެއެވެ. ނަމަވެސް އެކަން ބިނާ ވާނީ ތިބާ ވިސްނާ ގޮތެއްގެ މައްޗަށެވެ. އެގޮތުން މިކަން ހާސިލްކުރުމަށް، އިޖުތިމާޢީ ނުފޫޒުގެ ދައުރު ދެނެގަނެ، ގުޅުންތައް ބަދަހިކުރަން ވާނީ އަހަރެމެންނަށް ހިތްވަރުދީ އަދި އެހީތެރިވާ މީހުންނާއެވެ. މިކަމުގެ ސަބަބުން ތިބާގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް ރަނގަޅުވެ، އަމިއްލަ ނަފްސުގެ އަގު ވަޒަންކުރެވޭ މިންވަރު އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، އެހެން މީހުން ތިބާއާމެދު ދެކޭ ގޮތަކީ ބަދަލުވަމުންދާ އެއްޗެއްކަން ޤަބޫލުކޮށްފިނަމަ، ތިބާއަށް އަމާޒުވާ މުޖުތަމަޢުގެ ފާޑުކިޔުންތަކާއި، ތިބާ ބަލައިނުގަންނަ މުޖުތަމަޢުގެ އާދަކާދަތަކުގެ ހިފެހެއްޓުންތަކުން މިނިވަންވެވޭނެއެވެ. މިހެންވުމުން، ތިބާގެ ޚާއްޞަ އަމިއްލަވަންތަކަން ބަލައިގަނެވި، އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ބޮޑުވެ، ކެތްތެރިކަން އިތުރުވެގެންދާނެއެވެ.
މި ނަޒަރިއްޔާއިން އަހަރެމެން ދަސްކުރަންޖެހޭ ފިލާވަޅަކީ، އަހަރެމެންނަކީ ވަކިވަކި ބައެއް ނޫންކަމެވެ. ނަމަވެސް އަހަރެމެންގެ ގިނަ ސިފަތައް ބައްޓަން ވެގެން އަންނަނީ އަހަރެމެން ދިރިއުޅޭ މުޖުތަމަޢުގެ ތެރެއިންކަމެވެ.
އެހެންކަމުން މި ހަޤީޤަތް ޤަބޫލުކޮށްފިނަމަ، އެހެން މީހުންގެ ފާޑުކިޔުންތަކުގެ ކަސްތޮޅުތަކުން މިނިވަންވެ، އެ މީހެއްގެ ނަފްސު ބަލައިގަންނަން ފަސޭހަވެގެން ދާނެއެވެ.
ނޯޓް: މި ލިޔުމުގައި "ލުކިން-ގްލާސް ސެލްފް" ކިޔާދީފައި އެވަނީ، 1902ވަނަ އަހަރު ޝާއިޢުކުރި، ޗާލްސް ހޯރޓަން ކޫލީގެ "ހިއުމަން ނޭޗާރ އެންޑް ސޯޝަލް އޯޑާރ" ފޮތް އަސްލަކަށް ބަލައިގެންނެވެ.