ޚަބަރު
އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ޓެކްސްއެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ

ފަރުދުން
04 އޯގަސްޓު 2025، 02:59
04 އޯގަސްޓު 2025، 02:59
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަަފަނޑިޔާރުގެ މަޤާމަށް އައްޔަަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރިމަތި ލެއްވިއެވެ. އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަން ދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ. އަދި ރައީސުލްޖހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރުމަށެވެ. މިކަމަށް އަދިި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާ، ބިލު ފާސްކުރުން އޮންނާނެއެވެ.
އުއްތަމަފަަނޑިޔާރުގެ މަގާމަށް މީހަކު އައްޔަނުކުރުމަށް އިޢުލާނު ކޮށްފައި މިވަނީ، އެ މަޤާމުގައި ހުންނެވި މުއުތަސިމް އަދުނާން މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމާ ގުޅިގެންނެވެ.