ދުނިޔެ
ޗައިނާއިން އިރާނާއި ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެ ކަމަށް ބުނެފި

ޗައިނާގެ ރައީސް އަދި އެމެރިކާގެ ރައީސް ފޮޓޯ: އިންޓަނެޓް
އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރި މަޝްވަރާތަކުގައި ގިނަ ކަންކަމަށް ހައްލު ހޯދުމުގެ އުއްމީދު ބޮޑުވެފައިވީ ނަމަވެސް، ޗައިނާއިން އިރާނާއި ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން ކުރާ މަސައްކަތަކީ ދެގައުމުގެ މެދުގައި ހުރި އެންމެ ބޮޑު ހުރަހެވެ.
ސްޓޮކްހޯމްގައި ދެ ދުވަސް ވަންދެން ކުރިއަށްދިޔަ ވިޔަފާރި މަޝްވަރާތަކަށްފަހު، ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާއިން އެ ގައުމުގެ ހުރިހާ ހަކަތައިގެ ބޭނުންތައް ފުއްދާނެ ކަމަށާއި، އެއީ ޗައިނާގެ ގައުމީ މަޞްލަހަތު ރައްކާތެރިކުރުމަށް ކަމަށެވެ. އަދި، އެމެރިކާއިން 100 އިންސައްތައިގެ ޓެރިފެއް ނެގުމަށް ދިން އިންޒާރަށް ރައްދު ދެމުން، "ގަދަބާރުން ނުވަތަ މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ހާސިލް ނުވާނެ. ޗައިނާއިން އެ ގައުމުގެ ސިޔާދަތީ މިނިވަންކަމާއި، ސަލާމަތާއި، ތަރައްގީގެ މަޞްލަހަތުތައް ވަރުގަދަޔަށް ދިފާޢު ކުރާނެ،" ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ރައްދު މި ވަގުތު ދީފައިވަނީ، ދުނިޔޭގެ އެންމެ ބޮޑެތި ދެ އިޤްތިޞާދުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން ހަމަޖެހޭ ގޮތަކަށް ގެނައުމަށް ދެ ފަރާތުންވެސް އުއްމީދުކޮށް، ގާތް ގުޅުމެއް ބޭއްވުމުގެ އިޝާރާތްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ޓްރަމްޕްގެ ސަރުކާރާ އެކު މުޢާމަލާތްކުރާއިރު، ޚާއްޞަޔަށް ވިޔަފާރީގެ ކަންކަން އެ ގައުމުގެ ހަކަތަ ސިޔާސަތާއި ބޭރުގެ ސިޔާސަތާ ގުޅިފައިވާ ހިނދު، ޗައިނާގެ ވަރުގަދަ ހިތްވަރު ދައްކުވައިދޭ ކަމެކެވެ.
މަޝްވަރާތަކަށްފަހު ނިކުމެ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚަޒާނާގެ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ ރަޝިޔާގެ ތެޔޮ ގަތުމުގެ މައްސަލައަށް އައިސްފައިވާހިނދު، "ޗައިނާގެ ސިޔާދަތީ މިނިވަންކަން ވަރަށް ސީރިއަސްކޮށް ބަލާ" ކަމަށެވެ. "އަޅުގަނޑުމެން ބޭނުމެއް ނޫން އެމީހުންގެ ސިޔާދަތީ މިނިވަންކަމަށް ހުރަސް އަޅާކަށް، އެހެންކަމުން 100 އިންސައްތައިގެ ޓެރިފެއް ދައްކަން އެމީހުން ބޭނުންވޭ،" ބެސެންޓް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ޗައިނާގެ ފަރާތަކީ "ވަރުގަދަ" ނެގޯޝިއޭޓަރުން ކަމަށް ބެސެންޓް ސިފަ ކުރެއްވިއިރު، އެމީހުންގެ ދެކޮޅު ހެދުމުން މަޝްވަރާތައް ހުއްޓިފައިނުވާ ކަމަށް ވިދާޅުވިއެވެ. "އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ބެސެންޓް ސީ.އެން.ބީ.ސީ.އަށް ވިދާޅުވިއެވެ.
ކޮންސަލްޓެންސީ ޓެނިއޯގެ މެނޭޖިން ޑިރެކްޓަރ، ގަބްރިއެލް ވައިލްޑޯ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް 100 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް ޝައްކުކުރާ ކަމަށެވެ. އެ އިންޒާރުތައް ޙަޤީޤަތަކަށް ވެއްޖެނަމަ، ފަހުން ލިބުނު ހުރިހާ ކުރިއެރުމެއް ހުއްޓުވާލައި، މި ފަހަރުގެ ތެރޭގައި ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރައްވައި ވިޔަފާރީގެ އެއްބަސްވުމެއް އިޢުލާނު ކުރުމުގެ އެއްވެސް ފުރުސަތެއް ނެތިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.ޓްރަމްޕް އޭޕްރީލް މަހު އެތައް ގައުމަކަށް ޓެރިފް ނެގުމަށް ބޮޑު ރިފޯމް ޕްލޭނެއް އިޢުލާނު ކުރެއްވިއިރު، އެއަށް ރައްދު ދިން ހަމައެކަނި ގައުމަކީ ޗައިނާއެވެ.