ކޮލަމް

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފަހު ބަހި)

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފަހު ބަހި)

މީލާދީން 1907 ވަނަ އަހަރުގައި މައްކާ

04 އޯގަސްޓު 2025، 12:01

بسم الله الرحمن الرحيم

އައްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި "ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް" މިފޮތުގައި ވާ ޙައްޖު ދަތުރުގެ ޚުލާޞާގެ ތިންވަނަ ބައި:

އަލްމަސްޖިދުލްޙަރާމް

     މިއީ ވަރަށް ވެސް ބޮޑު ތަނެކެވެ. ގެފުޅު ހުންނަނީ މިތަނުގެ މެދުގައެވެ. ޒަމްޒަމް ވަޅު ހުންނަނީ އިރުމަތީ ފަރާތުގައެވެ. މިމިސްކިތުގައި 22 ދޮރާށި ހުރުމާއެކު، އިތުރު 7 ތަނަކުން ވަދެވޭން ހުރެއެވެ. މުންނާރު ހުންނަނީ 7 މުންނާރެވެ. (قلتُ: މިހާރު ޙަރަމްފުޅުގައި ގާތްގަނޑަކަށް 210 ދޮރުކޮޅު ހުރެއެވެ. 13 މުންނާރު ހުރެއެވެ. والله أعلَم.)

     މިމާތް ގެފުޅަކީ ސަލާމްލެއްވި ޢީސާގެފާނުންގެ ކުރިން 1892 މިވަނަ އަހަރު ސަލާމްލެއްވި އިބްރާހީމްގެފާނުން ހެއްދެވި ތަނެކެވެ. މިގެފުޅު މިހުރީ ހަމަ އެއިރު ވެސް ހުރި ހެންނެވެ. ފަހަރުފަހަރަށް މަރާމާތު ވެވުނު ކަމަކު، ގެފުޅަކަށް އަދި އެއްވެސް އައު ގޮތެއް ނުހަދައެވެ. މިގެފުޅުގެ ކުރީގައި އެތަނުގައިވީ ގެފުޅެއް ސަލާމްލެއްވި ނޫޙުގެފާނުންގެ ޠޫފާނުގައި އަރުއްވައިގަތީއެވެ. ސަލާމްލެއްވި އާދަމްގެފާނު މިގެފުޅަށް ހިންދުކަރައިން 40 ފަހަރު ޙައްޖަށް ވަޑައިގަތް ކަމުގައި ވެއެވެ.

     މައްކާގައި ފެނުގެ އަގު ޣާލިބުގައި 2 ޤުރުޝެވެ. އެއީ ބައިމަނު ޑަބިޔަލެއްގެ ފެނެވެ. ދޮޅު ޤުރުޝަށް ލިބުނު ދުވަސް ދުވަސް ވެސް ދިޔައެވެ. ޙައްޖުހަމު 8 ދުވަހުން 15 ދުވަހާ ހަމައަށް 4، 5 ޤުރުޝް ވެސް ވިޔެވެ.

ޤުދޫމުގެ ޠަވާފުކޮށް، ސަޢުޔުކުރުން

     ޛުލްްޤަޢިދާ މަހު 29 ވީ ހޮނިހިރު ދުވަހު ހަވީރު، މައްދާޙު ގޭގައި އުޅޭ ސައްޔިދު ޢަލަވީ އޭ ކިޔާ މީހަކު ދިވެހީންގެ އެންމެނައިގެން ޙަރަމްފުޅަށް ގޮސް، ޤުދޫމުގެ ޠަވާފުކޮށް، ޞަފާ މަރުވާ ގައި ހިނގާން ނުކުތީމެވެ. ދެން އެދެމެދުގައި 5 ފަހަރު ހިނގިތަނާ، މީހަކު އައިސް ޢަލަވީ ގެންގޮސްފިއެވެ. ދެން ދެފަހަރު ހިނގީ އަމިއްލައަށެވެ. މިކަމުގެ ސަބަބަކީ: ޝައިޚުލްމުޠައްވިފީނުގެ ގާތުގައި ސިރާޖުވަލީ މައްދާޙުގެ މައްޗަށް ޝަކުވާއުފުއްލަވައި، ސިރާޖުވެލީގެ ގާތަށް އައި ޙައްޖާޖީންތަކެއް މައްދާޙު އަތުލައިގަނެގެން އުޅެނީ ކަމަށް ބުނުއްވުމެވެ.  މިރެއިގެ ޢިޝާ ވަޤުތަށް ފަހު ޝައިޚުލްމުޠައްވިފީންގެ މަޖުލިހަށް މައްދާޙު ބަލައިފޮނުވައިގެން ގެންދާން ފެށުމުން، މީނާ އާ އެކު މުޙައްމަދު ސަޢީދު ދީދީ އާއި، ޢަބްދުﷲ ފަހުމީ އާއި މުޙައްމަދު ވަޙީދު ދިޔައެވެ. މިތަނުގައި ވާހަކަދެކެވި، އެ މައްދާޙު އަޅުގަނޑުމެން ގެނައީ ނޫން ކަމާއި، އަޅުގަނޑުމެން އަމިއްލަ އަށް އައީ ކަމާއި، ސިރާޖުވަލީ ޖިއްދާގައި ކުރެއްވި އުނދަގުލުގެ ވާހަކަ ދައްކައި ހަދައިފޫއެވެ.

އެއިގެ ފަހުގައި ވީ ކަންކަން

     މިދުވަހުގެ 9 ޖެހިއިރު އައްޑޫ މުޙައްމަދު ދީދީ މައްކާއަށް އަތުވެއްޖެއެވެ. ޙައްޖުމަހުން 1 މިދުވަހު ޙަމީދިއްޔާއަށް ގޮސް، ޢަޒީޒް ބެކް މުދީރުލްއަމްނިލްޢާންމު ކިޔާ މީހާ ގާތުގައި މަދީނާގައި ބެހެއްޓި ތަކެތީގެ ވާހަކައާއި، ސިރާޖުވަލީގެ އުނދަގޫތަކުގެ ވާހަކަ ނަންގަތީމެވެ. ޢަޒީޒް ބެކް ވިދާޅުވިއެވެ: "ތިޔަ މުދާ ގެނުވާނަމެވެ. އެހެނަސް، މުޠައްވިފުންގެ ސަކަރާތުތެރެއަކަށް ނުވަދެވޭނެއެވެ. އެކަމަކު އަމީރު ފައިޞަލަށް ތިޔަ ވާހަކަ ދަންނަވާނަމެވެ."

     މިދުވަހު މެންދުރުން އެނބުރި އިރު އައްޝައިޚު އަބޫބަކުރު ބުނު މުޙައްމަދު ސަޢީދު ބާބަޞީލު ގޭގައި ތިއްބައި، އަރަޒީ އެއް ލިޔެ ރަސްގެފާނަށް ފޮނުވައިފީމުއެވެ. މިއިރު ރަސްގެފާނުން ހުންނެވީ މައްކާގައެވެ. މިނަންގަތް ޝައިޚު އަބޫބަކުރުގެ ޖާފަތުން ނުކުތް ތަނާ ވާރޭވެހުނެވެ.

     ކޮންމެއަކަސް، މަލިންކަލޭގެފާނުންގެ ޚަބަރެއް ނޭނގިގެން، ޙައްޖު މަހުން 3 މިދުވަހު މިޞްރަށް ޢަލީ ބެކް ޢަބްދުލްޢަޒީޒަށް ތަލިގިރާފު ކޮށްފީމުއެވެ. މިދުވަހު ހަވީރު ގެފުޅުގެ ބަނޑޭރި ސައްޔިދު ޢަބްދުﷲ އައްޝައިބީ ގެއަށް ގޮސް ތިއްބައި ވަރަށް ގުގުރާފައި ގަނޑުފެން ވާރޭ ތަކެއް ވެހިއްޖެއެވެ. ބައެއް މަގުމަގުގައި ފެންގަނޑު ވެސް ހެދުނެވެ.

     ޙައްޖުމަހު 4 މިދުވަހު މިޞްރުން ތަލިގިރާފު އައެވެ:

               މަލިންކަލޭގެފާނު ފުރައިފިއެވެ.

               އެމީހާ މަރުވެއްޖެއެވެ.

               ކުދީން ގަދަވެ ތިއްބެވެ.

-ޢަލީބެކް ޢަބްދުލްޢަޒީޒް                                             

     މިދުވަހު ރަސްގެފާނު މައްކާގެ ހުރިހައި ދީވާނަކަށާއި ކަންކަމުގެ ވެރީންނަށް އަންގައިފިއެވެ: "ޙައްޖާޖީންނާ މެދުގައި އިހުހުރި މުސްކުޅި ޤާނޫނުތަކެއް ނުވަތަ ތިމަން ވެސް އެންގި ޤާނޫނެއް ވާނަމަ ފޮނުވާށެވެ." ވީގޮތެއް ނޭނގުނެވެ. ކޮންމެއަކަސް މިކަމަށްފަހު ސިރާޖުވަލީގެ އުނދަގޫތައް ކުޑަވެއްޖެއެވެ.

     ޙައްޖުމަހު 5 މިރެއި ޢިޝާވަޤުތުގައި ކާންތިއްބައި، މީހަކު އައިސް ސަލާމް ގޮވާލީމައި ބަލައިލިއިރު މިހިރީ ޙައްޖާޖީންގެ ބޮޑު: މަލިންކަލޭގެފާނެވެ. ދަތުރުގެ ސުވާލުޖަވާބަށް ފަހު، އިސްމާލުކަލޭގެފާނުންގެ ޚަބަރު އަހާލީމައި ބުނުއްވީ، އޭނާ ޛުލްޤަޢިދާ މަހު 12 ދުވަހު ހަސްފަތާލުގައި ނިޔާވި ވާހަކައެވެ. إنّا لله وإنّا إليه راجعُون.

     ޙައްޖުމަހު 5 ވީ ހުކުރު ދުވަހު ހެނދުނު ދިވެހިންގެ އެންމެން ގެފުޅުތެރެއަށް ވަނޫއެވެ. والحَمدُ لِلّه. މިދުވަހު އެންމެން ހުކުރަށް ވެސް ދިޔައޫއެވެ. ޙަރަމްފުޅުތެރެ އޮންނަނީ ފުރިބާރުވެ ސިކާރަވެފައެވެ. ރަސްގެފާނު ވެސް ހުކުރަށް ވަޑައިގަތޫއެވެ. ރަސްގެފާނުން އިންނަވަނީ ބާބުލްޖިޔާދު ކައިރީގައި ހުންނަ ކޮޓަރިކޮޅެއްގައެވެ. ވަޑާއިގަންނަވަނީ މޮޓަރުގައެވެ. ސިފައިންނޭ ކިޔާ ބަޔަކު ވެސް މިމަގުމައްޗަށް އެއްވެ ގަނެއެވެ. ނަމަވެސް އެއްވެސް އިންތިޡާމެއް ނެތެވެ. އެމީހުން އެތިބޭ ހެދުމާއި އުޅޭގޮތާއި ފެނުނީމާ ހިނި ވެސް އާދެއެވެ.

މައްކާގެ އިހުގެ ކަންކަމާއި މިހާރުގެ ކަންކަން

     އިހުގައި މައްކާމަދީނާގެ މުންނާރުތަކުން ގޮވާ މީހުންނަކީ ނުހަނު އަޑުރީތި އަޑުގަދަ ބައެކެެވެ. ޚަޠީބުންނަކީ ވެސް ނުހަނު ކުޅަދާނަ ދަންނަބޭކަލުންނެވެ. މިހާރު އެކަން ހުރީ އެހެނަކުންނޫނެވެ. ބަންގި ނޫން އެއްވެސް އެއްޗެއް ގޮވާކަށް އަމުރެއް ނެތެވެ. އެގޮވާ އަޑު އިވުނަސް، އިހުގެ ބަންގި އަށް ވުރެ ދެރައެވެ. ޚުޠުބާ ވެސް އެފަދަ ސަހަލެވެ. މައްކާއަކު މަދީނާ އަކު މިހާރަކު މަޝްހޫރު ދަންނަބޭކަލެއް ވެސް ފާޅުވެގެން ނުއުޅުއްވަތެވެ. ދަލާއިލު ކިޔަވައިދޭކަށް ވެސް އަމުރެއް ނެތެވެ. މައްކާ މަދީނާގެ ރަނގަޅުކަހަލަ މީހުން ބުނެތެވެ: ޝައިޚު މުޙައްމަދު ސަޢީދު ބާބަޞީލު (މުފްތީ މައްކާ) އަވަހާރަވީ ފަހުން މިއޮތީ ޢިލްމުވެރިކަމާ މެދުގައި މިތަނަށް ފަތުރަތުގެ ޒަމާނެއް އައިސްފައެވެ. إنّ اللهَ لا يُغَيِّرُ مَا بِقَومٍ حَتّى يُغيّروا ما بِأنفُسِهِم.

(قُلتُ: މިއާޔަތުގެ މާނައީ: "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެމީހުން އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެބައިމީހުންގެ ޙާލަތު ބަދަލުނުކުރައްވަތެވެ." والله أعلَم.)

ޢަރަފާތުބިމަށް ދިއުން

     މިޙައްޖުމަހު 1 ކަމުގައި ސަރުކާރުން ހެއްދެވީ ހޯމަދުވަހެވެ. އާދީއްތަ 1 ކަމަށް ހަނދުފެނިގެން ބަޔަކު ވާހަކަ ދެއްކީމާ، އެމީހުންނީ ތުނބުޅި ބާލާ ބަޔަކަށް ވެގެން ހެކި ޤަބޫލެއް ނުވެވުނެވެ. އެކަމަކު ގިނަ މީހުން މި ހޯމަ ދުވަހުގައްޔާއި އަންގާރަ ދުވަހުގައި ޢަރަފާތުބިމުގައި ތިބޭން ޤަޞްދުކޮށްގެން ޢަރަފާތަށްދާން ފަށައިފޫއެވެ. އަޅުގަނޑުމެން ވެސް މި ހޯމަ ވިލޭ ރެއި ޢަރަފާތަށް ދާން ޖަމަލުތަކަށް އަރައިގެން ނުކުމެއްޖައީމުއެވެ. ޖަމަލެއް 3 ފަވަނަށެވެ. ސެޤަދިފެއް ދެފަވަނަށެވެ. ބައެއް މީހުން ސެޤަދިފް ނެތް ހުސް ޖަމަލުގައި ވެސް ދިޔައޫއެވެ.

     އަނެއް ދުވަހު ހެނދުނު އިރުއެރި ތަނާ ޢަރަފާތަށް ގޮސް، މައްދާޙުގެ ބޮޑުފޭލިގެއަށް ފައިބައްޖައީމުއެވެ. މިވަރަށް ރީތިކޮށް، ވަރުގަދަކޮށް، ބޮޑުކޮށް ހަދައިފައި ހުރި އެހެން ފޭލިގެއެއް މިބިންމައްޗަކުން މިދުވަހަކު ނުފެނެއެވެ. މިފޭލިގޭގައި އަންހެނުންނަށް ވަކިކޮށްފައި ހުރި ތަނެއް ހުއްޓެވެ. މިކަމާއެކު، ދިވެހި އަންހެނުންނަށް މިތަނު ކައިރީގައި ވަކި ފޭލިގެއެއް ވެސް ޖަހައިފައި ހުއްޓެވެ. ފިރިހެނުންނަށް ފާޚާނާއެއް، އަންހެނުންނަށް ފާޚާނާއެއް، ހުއްޓެވެ. މިފޭލިގެ ހުރީ ޖަބަލުއްރަޙުމަތުގެ ދެކުނުން، އެފަރުބަދައާ ދާދި ކައިރީގައެވެ. މިފޭލިގޭގައި ތިބީ މިޞްރީންނާއި ދިވެހީންނެވެ.

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފަހު ބަހި)

ޖަބަލުއްރަޙްމާ- 80 ވަރަކަށް އަހަރު ކުރީގެ ފޮޓޯއެއް

     ޢަރަފާތުގައި ފެން ތިޔާތްގެވެ. ކެއިންބުއިމުގެ ހުރިހާ ސާމާނެއް މައްކާއަށް ވުރެ ތަންކޮޅެއް ބޮޑުއަގުގައި ލިބޭން ހުރެއެވެ. ދެން މިތަނުގައި މީސްތަކުން އަޅުކަމާ މަޝްޣޫލުވެގެން، އުފާފާގަތިކަމުގައި މިތިބެނީ ހިތްފަސޭހަކަމާއެކުއެވެ.

     ކޮންމެއަކަސް، ޙައްޖުމަހު 8 ވީ ހޯމަދުވަހު އިރުމަތީ ފަރާތުން ވިއްސާރަގަނޑެއް ނަގައި، ގުގުރައި ވައި އައިސްފައި، ކުޑަކޮށް ހިމަފޮދު ވާރެއި ވެހުނެވެ. ޙައްޖުދުވަހު، މިބަހީ ޙައްޖުމަހު 9 ވީ އަންގާރަދުވަހު، މެންދުރުން އަނބުރައި 2 ޖެހި ތަނާ، ކުރީ ދުވަހު ވެސް ވިއްސާރަ ނެގި ފަރާތުން ވިއްސާރަ ނަގައި، ވަރަށް ބާރަށް ގުގުރާފައި އަންނާން ފެށްޓި ވައިގަނޑެއްގެ ބާރުކަމުން، ގިނަގިނަ ފޭލިގެތައް ވެއްޓި، ވެލިތަކާއި ހިރަފުސްތައް ބުރުވައި، އަންހެނުންތައް ހަޅޭއްލަވައި، ވަރަށް ޚާރުބާރު ބޮޑުވެއްޖެއެވެ. އަޅުގަނޑުމެން ވެސް ތިބީ ފެލިގޭގެ މުޑިތަކުގައި ހިފަހައްޓައިގެންނެވެ. މިފޭލިގެއެއް ނުވެއްޓެއެވެ. އަދިވެސް ނުވެއްޓޭ ފޭލިގޭގެ ހުރިމެއެވެ. 

     ދޮޅުގަޑިއެއް ހައި އިރު ފަހުން ވައި މަޑުވާން ފަށައިފިޫއެވެ. ކުޑަކޮށް ހިމަފޮދު ވާރޭ ވެސް އައެވެ. މިވަޤުތު، މިޞްރީންނާއި ދިވެހީން ގޮވައިގެން މުސްކުޅި މައްދާޙުބޭ ރަށުން ނުކުމެހުރެ ތަލްބިޔާ ކިޔައި، އެތައް ދުޢާއެއް ކިޔަވައިދީ، މިޞްރުގެ ރަސްގެފާނަށާއި ދިވެހިރާއްޖޭގެ ރަސްގެފާނަށް ދުޢާކޮށް، ފާތިޙާކިޔަވައި އުޅުނެވެ. މިވަޤުތުގެ އުފާ ވަރަށް ވެސް ބޮޑެވެ. 

މުޒްދަލިފާއަށް

     ހަވީރުވުމުން، މިޢަރަފާތުން މީސްތަކުން މުޒްދަލިފާ އަށް ދަތުރުކުރާން ފަށައިގެންފޫއެވެ. ދަރުގަނޑަކުން ހިނި އުތުރޭހެން ޖަބަލުއްރަޙްމަތުގެ މަތީން ފައިބާ މީހުންގެ ގިނަކަމުން ޙައިރާން ވެގެން ބަލާން ތިބެވެއެވެ. އަޅުގަނޑުމެން ފޭލިގެ ނަގައިގެން ދަތުރުކުރީ އިރުއޮއްސި 10 ޖެހި އިރުގައެވެ. 12 ޖެހިއިރު މުޖްދަލިފާއަށް ފައިބައި، ހިލަހޮވައި، އިރުކޮޅަކު ތިބެފައި، ޖަމަލަށް އަރައިގެން މިނާއަށް އައި އިރު ފަޖުރުލާއްޖެއެވެ. 

މިނާގައި

     މިނާގައި އަޅުގަނޑުމެން ތިބީ މައްދާޙުގެ އަމިއްލަ ގެއެއްގައެވެ. ކެއުން ހުންނަނީ ރަނގަޅަށެވެ. މިމިނާގައި ފެނުގެ އަގަކީ ސަޢޫދީ ޤުރުޝުގެ 7 ޤުރުޝަށް ޑަބިޔާއެކެވެ. ހުރިހައި ފެނެއްމެ ގެންނަނީ މައްދާޙުގެ ފަރާތުންނެވެ. ބައެއް މީހުން އުޟްޙިޔާ ކަތިލޫއެވެ. މޮޅު ކަންބަޅިއެއް ލިބެނީ 10 ރުފިޔާ އަށެވެ. މަޢަޒް ބަކަރި 6 އަކަށް، 5 އަކަށް، ލިބެއެވެ.

     ޖަމްރާއަށް ހިލައުކާން ދިއުމީ ވެސް ވަރަށް ބޮޑު ކަމެކެވެ. ކޮންމެއަކަސް، ޢީދުދުވަހު ޖަމްރަތުލްޢަޤަބާއަށް ހިލައުކައިފައި އިޙްރާމް ކަނޑައިފީމުއެވެ. މިއީ ޙައްޖުގެ އިޙްރާމެވެ. އަޅުގަނޑުމެން މަދީނާއިން މައްކާއަށް ދިޔައީ ޢުމްރާ އަކަށް އިޙްރާމް ބަނދެގެންނެވެ. މި އިޙްރާމް ވާނީ މައްކާގައި ކަނޑައިފައެވެ. މިގޮތަށް ކަންތައް ކުރުމުން ފިދްޔަ ދޭންވާނެއެވެ. (قُلتُ: މިއީ އަލްބަޤަރާ ސޫރަތުގެ 196 ވަނަ އާޔަތުގައި ޝަރުޢު ކުރައްވާފައިވާ "ތަމައްތުޢުގެ ފިދުޔަ" އެވެ. والله أعلَم.)

     މިނާގެ ބާޒާރަކީ ވެސް ވަރުގަދަ ބާޒާރެކެވެ. ހުރިހައި ބާވަތެއް ވެސް ލިބޭން ހުރެއެވެ. ކޮންމެއަކަސް، ހައްޖުމަހު 12 މިދުވަހު ޖަމްރާއަށް ހިލަ އުކައިފައި މައްކާއަށް ދާން ދަތުރު ކޮށްފީމުއެވެ. (قلتُ: މިއަށް ކިޔަނީ ފުރަތަމަ ނަފުރެވެ. އެއީ އައްޔާމުއްތަޝްރީޤުގެ 2ރެއި ރޭ ކޮށްފައި 3ވަނަ ރެއަށް އިރު ނުއޮއްސެނީސް މިނާއިން ނުކުތުމެވެ. މިފަދައިން ކަންކޮށްފި މީހާ 3 ވަނަ ރެއި މަބީތު ކޮށް، އަނެއް ދުވަހު ހިލަ އުކާކަށް ނުޖެހެއެވެ. މިކަން އަލްބަޤަރާ ސޫރަތުގެ 203 ވަނަ އާޔަތުގައި ވަނީ ބަޔާންވެގެންނެވެ. والله أعلَم.) އަޅުގަނޑުމެން މައްކާ އަށް ދިޔައީ ފައި މަގުގައި ހިނގާފައެވެ. މިއީ ހަމަ އުފަލުގައި، ކުޅިވަރަކަށް ހިނގި ހިނގުމެކެވެ. އެހެންޏާ، އަޅުގަނޑުމެންގެ ސަވާރީތައް ވެސް ހުރީ ވިއްޔާ އެވެ.

އެނބުރި މައްކާއަށް

     އިރުއޮއްސި 10 ޖެހިއިރު މައްކާ އަށް އައިސް ގޭދޮށަށް އަތުވެއްޖައީމުއެވެ. މީގެ ފަހު ދުވަހު ޙަރަމްފުޅަށް ގޮސް، ޠަވާފުލްއިފާޟާ ކޮށް، ޙައްޖުގެ ކަންތައް ނިނަމައިފީމުއެވެ. والحَمدُ لله. މިއެންމެންނައިގެން މިފަދަ ކަންތައް ކޮށް ނިންމުމަށް މާތްކަލާނގެ ދެއްވި ތައުފީޤުގެ މައްޗަށް ޝުކުރުކޮށް، މިކަމަށް އެހީ ވީހައި ބަޔަކަށާއި، ރާއްޖޭގެ ރަސްގެފާނަށާއި ބޮޑުންނަށް ގެފުޅުދޮށުގައި ހެޔޮދުޢާކޮށް، ބައްޕާގެ މައްޗަށް ފާތިޙާކިޔަވައި، ސަލާމަތުން މިއެންމެންމެ ވަޒަނަށް ރައްދުކުރައްވާތޯ ދުޢާކޮށް، ދަތުރަށް އުޅޭންކަމަށް ޤަޞްދުކޮށްފީމުއެވެ. 

މައްކާގައި ހިނގި އިތުރު ކަންކަން

     މައްކާގެ ތެރެއިން އިހުގައި ޙައްޖާޖީން ގޮސް ޒިޔާރަތް ކޮށް އުޅޭހައި ތަންތަން، މަޘަލަން: އިތުރު އެކަލޭގެފާނުން صلى الله عليه وسلم ރައްކާވީ ގަނޑުވަރުފުޅުފަދަ، ފާޠިމަތުގެފާނުން ރައްކާވީ ތަން ފަދަ، ޚަދީޖަތުގެފާނުންގެ ގަނޑުވަރުފަދަ، ޙިރާ ހޮހޮޅަ ހުންނަ ޖަބަލުއްނޫރު ފަރުބަދަ ފަދަ... ތަންތަނަށް ޒިޔާރަތްކުރާކަށް އަމުރެއް ނެތެވެ. އަމުރެއް ނެތެވެ. ނަމަވެސް، އަބޫ ޤުބައިސް ފަރުބަދައަށް އެރުމަކަށް މަނަޢެއް ނޫނެވެ. މިތަނަށް ދިވެހީންގެ އަންހެނުންނަށް ދާންދެން އަރައި، ގެފުޅު ބަލައި އުޅުނޫއެވެ. 

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފަހު ބަހި)

އަބޫ ޤުބައިސް ފަރުބަދައިން ގެފުޅު ފެންނާން ހުރި ގޮތް.


     ޛުލްޙިއްޖާ މަހު 18 ދުވަހު މަދީނާގައިވީ ފޮށިތަންމައްޗާ މެދުގައި ސައްޔިދު ޢަބްދުއްރަޙްމާން ބާފަޤީހަށް ތަލިގިރާފު ކޮށްފީމުއެވެ. ހުކުރު ދުވަހަކަށްވީ ޙައްޖުމަހުގެ 19 ދުވަހު ގުޅީ ރަށްވެރި ޢަލީ ނިޔާ ވެއްޖެއެވެ. إنَّا لِلّه وإنّا إليهِ راجِعون. މިދުވަހު މީނާ ޖަންނަތުލްމުޢައްލާތުގައި ވަޅުލެވިއްޖެއެވެ. މީނާގެ ބައްޔަކީ ހުން އައިސް ބޭރަށް ހިންގުމެވެ. މިޞްރުން އައި އިރު ވެސް ވަރަށް ބައްޔެވެ. ޙައްޖުމަހު 20 ވީ ހޮނިހިރުދުވަހު މުޙައްމަދު ސަޢީދު ދީދީ ޙާފިޡު ވަހުބަތުގެ ގާތަށް ގޮސް، މަދީނާގައިވީ ތަކެތި ލަސްވެގެން ވާހަކަދެއްކީމައި، މަދީނާގެ ވާލީއަށް އަމީރު ފައިޞަލުގެ ފަރާތުން ތަލިގިރާފެއް ކޮށްފިއެވެ.

     ޙައްޖުމަހު 21 ވީ އާދީއްތަ ދުވަހު ޖަބަލުހިންދީގެ މަތީގައި އަޅުގަނޑުމެން ތިބި ގެއާ ދާގި ގާތުގައި ހުރި 5 ބުރިއަށް އަރުވައިފައިހުރި ބޮޑު ފައްކާ ގެއެއް އަނދައި ތިރިވެއްޖެއެވެ. ޢަޖާއިބެއްހެން ހުޅުގަނޑު ބޮޑުވެ، މައްޗަށް އަރައިފައި ހުރެއެވެ. ވައިރޯޅި ތަންކޮޅެއް މަޑު ދުވަހެއް ކަމުން ވަރަށް ވެސް ސަލާމަތެވެ. އެހެން ތަނެއްގައި ރޯވިޔަ ނުދިނުމަށް ސަރުކާރުގެ މީހުން ކުޅަ މަސައްކަތް ސާބަސްދޭހައި ވެއެވެ. އަމީރު ފައިޞަލު ވެސް ވަޑައިގެން ހުންނެވޫއެވެ.

     ޙައްޖުމަހު 22 ދުވަހު ސައްޔިދު ޢަބްދުއްރަޙްމާންގެ ތަލިގިރާފުގެ ޖަވާބު އައެވެ: "راجَعنَاها سَتصلُكم بأوّل سيّارة" މިހެންނެވެ. (قُلتُ: މާނައީ: "ތިމަންމެން ތިޔަކަން ހޯދައިބަލައިފީމެވެ. އެންމެ ފުރަތަމަ ދާ އުޅަނދަކުން ތިޔަބައިމީހުންނާ ހަމައަށް އެތަންމަތި ވާޞިލްވާނެއެވެ." والله أعلَم.) މިދުވަހު ރަސްގެފާނުންގެ ބައްޕާފުޅު ޢަބްދުއްރަޙްމާން އަވަހާރަވީ ޚަބަރުވެސް އައެވެ. މީގެ ފަހުން އައި ހުކުރު ދުވަހު ޙަރަމްފުޅުގައި ކަށުނަމާދު ވެސް ކުޅައޫއެވެ.

ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ފަހު ބަހި)

ރަސްގެފާނުންގެ ބައްޕާފުޅު = ޢަބްދުއްރަޙްމާން


     ޙައްޖުމަހު 27 ވީ ހޮނިހިރު ދުވަހު ޝައިޚު އަބޫބަކުރު ބާބަޞީލުގެ ގޭގައި ދިވެހީންނަށް ޖާފަތެއް ދެއްވޫއެވެ. މީގެ ފަހު ދުވަހު، މަދީނާގައި ހުރި ތަކެތި ޖިއްދާއަށް އަތުވެއްޖެ ކަމުގެ ޚަބަރު ސަރުކާރުން އަންގައިފިއެވެ. ދެން 29 ދުވަހު މިތަކެތި ބަލައިގަތުމަށް ދިވެހީންގެ ވަފުދެއް ޖިއްދާއަށް ދިޔައޫއެވެ. ހިޖުރީ އައު އަހަރު (1347) މުޙައްރަމު މަހު 2 ވީ ބުދަ ވިލޭ ރެއި ސާމާނުތައް ހިފައިގެން މައްކާއަށް އަތުވެއްޖެއެވެ. މިކަމުގެ ޚަރަދަށް 15 ފައުނު ދޭންވިއެވެ. ޖިއްދާއިން ސުވޭހަށް ދާން ބޯޓު އޮތް ކަން އެނގި އޮތީ މުޙައްރަމު މަހު 12 ދުވަހުގައެވެ.

ޖިއްދާއަށް ދިއުން

     މުޙައްރަމު މަހު 6 ވީ އާދީއްތަ ދުވަހު ހަވީރު، ދިވެހީންގެ ގިނަ މީހުން ޖިއްދާއަށް ދާން މޮޓަރަށް އަރުވައިފީމުއެވެ. މިބައިމީހުން މިރެއިގެ 8 ޖެހިއިރަށް ގޮސް ފޭބީ މައްދާޙުގެ ވަކީލު ޙުސައިން ބަޙްރީގެ ގެއަށެެ. މިބައިމީހުންނައިގެން ގޮސް، ޢަބްދުﷲ ފަހުމީ ބޯޓުގެ ޚަބަރުބެލީމައި، މުޙައްރަމު މަހު 9 ދުވަހު ފުރާކަމަށް ވެގެން މީނާ މައްކާއަށް ތަލިގިރާފު ކޮށްފިއެވެ.

     ކޮންމެއަކަސް، މުޙައްރަމު 7 ވީ ހޯމަދުވަހު ހަވީރު މައްކާއިން ފުރައިގެން، އަންގާރަ ވިލޭރެއި ޖިއްދާއަށް އަތުވެއްޖައީމުއެވެ. މިރެއި މައްކާއިން ޖިއްދާއަށް 2 ގަޑި ބައިން އާދެވުނެވެ. މުޙައްމަދު ސަޢީދު ދީދީ ޖިއްދާއަށް އައީ މުޙައްރަމު މަހު 9 ދުވަހުގައެވެ. މީނާއާ އެކުގައި، އަޅުގަނޑުމެން ދަތުރަށް އަރުވާން، ޙަމްޒާ މައްދާޙް ވެސް އައެވެ.

     މުޙައްރަމު މަހު 11 ވީ ހުކުރު ދުވަހު އިރުއެރިއިރު އާގުބޯޓަށް ދާން ސަންބޯކަށް އަރައިގެން ވައިމަޑުކަމުން ސަކަރާތްޖެހެމުން ގޮސް، ބޯޓަށް ދެވުނީ ދަމަކަށް އިރު އެރި ފަހުންނެވެ. މިބޯޓަކީ އަޅުގަނޑުމެން ޖިއްދާއަށް އައި ބޯޓުމެއެވެ. ބޯޓު ޖިއްދާ އިން ފުރީ މެންދުރުން އަނބުރައި 1 ޖެހިއިރު އެވެ. ބޯޓުގައި މީހުން ގިނަ ކަމުން ހިރިލެވޭން ވެސް ނެތެވެ.

ޙަމްޒާ މައްދާޙް

     މީނާއަކީ ވަރަކަށް ނުބައި މީހަކީ ނޫނެވެ. އެހެނަސް ވަރަށް ފައިސާވެރިއެކެވެ. ދަހި ޛާތެއް ގެންގުޅެއެވެ. ކޮންމެއަކަސް، މިމައްކާގައި މުޠައްވިފުންނަށް ވުރެ ވަކީން ދަހި ބައެއް އުޅޭ ކަމެއް ނޭނގެއެވެ. މީނާ އަކީ ވެސް މިއިތެރެއިން އެކެކެވެ. ފުރާން އުޅެނިކޮށް ބުންޏެވެ: "ރަސްގެފާނަށް ތިމަންގެ ވެދުން ތަޙިއްޔާތު ދަންނަވާށެވެ. ދެންވެސް ދިވެހީންގެ ބަޔަކު އައީ ވިއްޔާ ޚިދުމަތް ކުރާނަމެވެ." އަޅުގަނޑު ދެންނެވީމެވެ: "ދިވެހީންނަކީ އަޙްރާރުންނެވެ. އެމީހުން އެކި ފަހަރު އެކި މީހުން ގާތަށް ދަނީ އެވެ. މިފަހަރު ކަލޭ ގާތަށް ވެސް އައީ ތާއެވެ." ބުންޏެވެ: "އެކަމަކު ތިމަންނާއަށް ވުރެ ވަކީން ކަންފަސޭހަކޮށްދޭނޭ މީހަކު ނުފެންނާނެއެވެ." އަޅުގަނޑު ބުނީމެވެ: "لِلَّه في خَلقِه شُؤون." قال: "صدَقتَ." (قلتُ: މާނައީ: "މާތް ﷲ އެކަލާނގެ ޚަލްޤުތަކުގައި އެކިއެކި ކަންކަން ލައްވަތެވެ." މިއީ ހެޔޮ ކަންތަކާއި ނުބައި ކަންތަކީ ވެސް އިލާހީ ޙިކުމަތުގެ ތެރެއިން ވާ ކަމެއް ކަން އެންގުމަށް ބުނެއުޅޭ ބަހެކެވެ. والله أعلَم.)

ސައްޔިދު ޞާލިޙު މަސާވާ

     މީނާ މިހާރު ވަރަށް މުސްކުލިފުޅެވެ. އާލާސްކަންފުޅު ވެސް ވަރަށް ބޮޑެވެ. އެކަމަކު، މީނާގެ އަރިހަށް އައިހައި ޙައްޖާޖީންމެ ދިޔައީ ޝުކުރު ކުރަމުންނެވެ. މީނާ ވެސް ރަސްގެފާނަށާއި ބޮޑުންނަށް ވެދުން ދަންނަވާން ބުނުއްވޫއެވެ.

ޒަމްޒަމީ އިބްރާހީމް

     މީނާއަކީ ފަޤީރެއް ކަމަކު، ދިވެހީންނަށް ނުހަނު ހިތްހެޔޮ ޚިދުމަތްދާރެކެވެ. އަތިރީގޭ ބޭފުޅުންގެ މައްޗަށް ވަކިން ހިތްޞާފެވެ. ކިލެެގެފާނު އަވަހާރަވީ ޚަބަރު އަހައިގެން މީނާ ފޮނުވި ތަޢުޒިޔަތަށް އެބޭފުޅުން ޖަވާބެއް ނުފޮނުއްވިޔަތީ، ހިތާމަކޮށް ވާހަކަދައްކައެވެ. އަޅުގަނޑު ބުނީމެވެ: "ތިޔަ ހަމަ ވައްތަރީ ލިބިވަޑައިނުގަތުމާއެވެ." ދެން އަޅުގަނޑު އަތަށް ސިޓީއެއް ލިޔެފައި ދިނެވެ. މީނާއަކީ ޙައްޖާޖީންނަށް ޙަރަމްފުޅުގައި ރަނގަޅަށް ޚިދުމަތް ކުރާ މީހެކެވެ. ޙާޖީ ޢިމާދުއްދީން ރަސްކަމުގައި ކަލޭގެފާނުގެ ދަރަޖަ ދެއްވައިފީމޭ ވިދާޅުވެ ފަތްކޮލެއް ދެއްވީ މީނާގެ ބޭބެއަށެވެ.

ކަމަނާ ޙަސަންފުޅުގެ އަލިމަނިކު

     މީނާ ސެޓިކަމުގައި ހުރެފައި މައްކާ އަށް އައިސް، ޙަރަމްފުޅުގައި މުޖާވިރަކު ކަމުގައި އުޅޭތާ އަހަރު ވެއްޖެއެވެ. (قُلت: މުޖާވިރުންނަކީ ޙަރަމްފުޅު ވަށައިގެން ޤާއިމްވެ ތިބޭ މީހުންނެވެ. والله أعلَم.) ތުނބުޅި ދިގުކަމާއި، ހުންނަ ހެދުމުން، ސެޓިކަމު މީހަކާ ތަފާތެއް ނުވެއެވެ. މިތަނުން ބޭރުވާކަށް ހަމަ ހިތަކު ނެތް ކަމުގައި މީނާ ކިޔައި އުޅެތެވެ. "މިތަނުގައި އުޅެ މަރުވަނިކޮށް ނިމުނީއެވެ. ތިމަންގެ ވެދުން ރަސްގެފާނަށާއި ބޮޑުންނަށް ދަންނަވައި ލެއްވުން އެދެމެވެ." މިފަދައިން ބުނޫއެވެ.

ޖިއްދާއިން ސުވޭހަށް

     "އެސް.އެސް. ކިނާ" އޭ ކިޔާ ބޯޓުގައި ޖިއްދާއިން ފުރައިގެން، އަނެއް ދުވަހު 9 ޖެހިއިރު ޔަންބުޢަށް އަތުވެއްޖެއެވެ. މިތަނަށް މުދާ ބާލާން ފަށައިފިއެވެ. ދިވެހީންގެ ތެރެއިން ނައިފަރު މާމުދިން އަލިކޮޔާއި، މީނާގެ ދަރި އާދަމްކޮޔާއި، މާކުން އާދަމްފުޅާއި، މަކުނުދޫ ޙުސައިނާއި، މިމީހުން ބޯޓުގެ ހަސްފަތާލަށް ލައިފިއެވެ. މިބައިމީހުންގެ ޙާލު ވަރަށް ވެސް ބޮޑުވެއްޖެއެވެ. މިރެއި، މުޙައްރަމު މަހު 13 ވިލޭރެއި، ނައިފަރު އާދަމްކޮއި ބޯޓުގައި ނިޔާ ވެއްޖެއެވެ. إنّا لِلّه وإنّا إليهِ راجِعون.

     މުޙައްރަމް 14 ވީ ހޯމަދުވަހު ހެނދުނު އިރުއަރައި 8 ޖެހިއިރު "ވަޖްހް" އޭ ކިޔާ ރަށުގައި ޖައްސައި، މިތަނަށް ބާލާން ހުރި ތަކެތި ބާލައިފައި 10 ޖެހިއިރު ފުރައިގެން އައިސް، މުޙައްރަމް މަހު 15 ދުވަހު 11 ޖެހިއިރު ޠޫރުގައި ޖައްސައިފިއެވެ. މީގެ ބައި ގަޑި ކުރީން މިކުންފުނީގެ "ޖަހާންގީރު" ކިޔާ ބޯޓު އައިސް ޙައްޖާޖީންނައިގެން އޮތެވެ. އަޅުގަނޑުމެންގެ ބޯޓު ހަމަ ބަނދަރު ޖެހި އިރަށް ސިފައިން އަރައި ބަލައި ހެދުމަށް ފަހުގައި، ހަސްފަތާލުގައި ތިބި މީހުން ބާލައިގެން ގެންގޮސްފިއެވެ. ދެން، އިހަށް ބޭލީ ޖަހާންގީރުގައި ތިބި ޙައްޖާޖީންނެވެ. އެއަށް ފަހު މިބޯޓުގައި ތިބި މީހުން ބާލައި ނިމުނު އިރު އިރުއޮއްސޭން ކައިރިވެއްޖެއެވެ. ބާލަނީ ހުރިހައި ސާމާނާ އެކުގައެވެ. ހަމަ ފޭބުމުން ޕާސްޕޯޓު އަތުލައިފޫއެވެ. ދެން މިދެބޯޓުގައި ތިބި 1،300 މީހުން މިރެއި ރެއިކުރާން ތިބެންޖެހުނީ މިއަތިރި މަތީގައެވެ. ކަރަންޓީނުގެ ޢާދަކާދަ ހިންގޭނީ މާދަމާ ކަމުގައި ވެއްޖެއެވެ.

     ދެން މިތަނުގައި ސާމާނުތައް ފުނިފުންޏަށް ޖަހައިގެން އެންމެން ވެސް ތިބީއެވެ. އިރުއޮއްސުނު ތަނާ އައި ޑަކުތަރަކު އަޅުގަނޑާއި އަޅުގަނޑުގެ އަނބިދަރީން މިތަނުހުރި ރަނގަޅު ގެއަކަށް ލައި، ބޭނުންވެއްޖެ ކަމެއް ކޮށްދޭނޭ މީހަކު ލައި، ދޮރުފާރަވެރިއަކު ލައި ހަދައިފޫއެވެ. މިކަމުގެ ސަބަބަކީ: މިކަރަންޓީނާއި ރަށުގެ ވެރިއަކީ އައްސައްޔިދު ޙުސައިން ބެކް ޢާމިރީ އެވެ. މީނާ އަކީ ވަރަށް ބޮޑު ރައްޓެއްސެކެވެ.

     އަނެއް ދުވަހު ހެނދުނު ކަރަންޓީނުގެ ކަންތަކުން ނިމިގެން، ޠޫރުގެ ތަންކޮޅެއް އެއްގަމުގައި ހުރި ގޭގެއަށް 3 ދުވަހު ތިބޭން ލައިފޫއެވެ. މިރަށަކީ ވައިރަނގަޅު ރީތި ރަށެކެވެ. ފާޚާނާތަކާއި ޙައްމާމުތައް ވެސް ހުރެއެވެ. ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ޤަހުވާޚާނާތައް ވެސް ހުރެއެވެ. މިތަނުގައި 3 ދުވަސް ހަމަވުމުން، ސުވޭހަށް ދާން "މަންޞޫރާ" އޭ ކިޔާ ބޯޓަށް އަރާންވެއްޖެއެވެ. ހަސްފަތާލުގައި ތިބި މީހުންނާ ބައްދަލުކުރުން މަނަޢަކޮށް، އެމީހުން ބޯޓަށް ލާނޭ ކަމުގައި އަންގައިފޫއެވެ.

     ދެން މުޙައްރަމު މަހު 18 ދުވަހު "މަންޞޫރާ" އަށް ދަތުރަށް އަރައްޖައީމުއެވެ. ބޯޓު ފުރާން ތައްޔާރު ވީ ތަނާ، އަލިކޮޔާއި ޙުސޭނާއި ދެމީހުން ގެނެސް ހަސްފަތާލަށް ލައިފިއެވެ. އާދަމްފުޅެއް ނުގެނެއެވެ. އޭނާގެ ޚަބަރުބެލީމައި އެނގުނީ ވަރުދެރަކަމުން އޭނާ ބޯޓަށް ލާވަރު ނޫނީ ކަމެވެ. ކިރިޔާ ވެސް ލުއި ވެއްޖިއްޔާ ދެން ދާ ބޯޓަކުން ސުވޭހަށް ފޮނުވާނޭ ކަމުގައި އަންގައިފޫއެވެ. ކޮންމެއަކަސް، މުޙައްރަމު މަހު 18 ދުވަހު 5 ގަޑީގައި ފުރައިގެން އެއިގެ ފަހު ދުވަހު އިރުއަރާ އިރަށް ސުވޭހަށް އަތުވެއްޖައީމުއެވެ. ބަނދަރު ޖަހާއިރަށް ޢަލީބެކް ޢަބްދުލް ޢަޒީޒް ދުރުވެއްޖެއެވެ. އަތިރިމަތީގައި އަޙްމަދު ޢުލްބާ އާއި އިބްރާހީމް ލުޠުފީއާއި ތިބޫއެވެ. މިބޯޓުން ފޭބުނީ 11 ގަޑީގައެވެ. މިދުވަހު ވެސް، ޢަލިކޮޔާއި ޙުސޭނު ގެންދިޔައީ ހަސްފަތާލަށެވެ. ދެން މިތަނުން ފޮށިތަންމަތި ބާލައި، ލޯކަންދާ އަލްޙަމީދިއްޔާއަށް ހިނގައްޖައީމުއެވެ.

މިޞްރަށް

5 ގަޑީ ރޭލުން އެއް ބަޔަކު މިޞްރަށް ހިނގައްޖައީމުއެވެ. މިޞްރަށް އަންނަމުން އައީ އާދަމްފުޅާ މެދުގައި ޙުސައިން ބެކް ޢާމިރީއަށް ތަލިގިރާފެއް ކޮށްފައެވެ. މިޞްރަށް އައި ދުވަހުގެ ފަހު ދުވަހު މިތަލިގިރާފުގެ ޖަވާބު ލިބުނެވެ. އޭގައި ވަނީ:

حسين الديدي بمعرفة علي بك عبد العزيز

حارة المدرسة بالأزهر بمصر

بالأسف أخبركم بوفاة الحاج إسماعيل المالديفي

-العامري

(قلتُ: މީގައި ވަނީ ދިވެހިރާއްޖޭގެ އިސްމާޢީލް ކިޔާ މީހަކު ނިޔާވި ވާހަކަ އެވެ. والله أعلَم.)

     މީނާ  މަރުވިކަމުގައި ވީ އަޅުގަނޑުމެން ޠޫރުން ފުރި ދުވަހުގެ ފަހު ދުވަހުއެވެ. އަޅުގަނޑުވެސް މީގެ ޖަވާބު ތަލިގިރާފުން ފޮނުވިމެވެ. އޭގައި އޭނާގެ ފޮށިތަންމައްޗާއި ޕާސްޕޯޓުގެ ވާހަކަ ލިޔުނީމެވެ. ސުވޭހުން މިޞްރަށް އައީ އާގުބޯޓުގެ ޚަބަރު ބަލައިގެން އެންގުމަށް އަޙްމަދު ޢުލްބާއާ ޙަވާލުކޮށްފައެވެ.

އަޙްމަދު ޢުލްބާ

     މީނާއީ ވަރަށް ރަނގަޅު ދައްލާލެކެވެ. އަމާނާތްތެރިކަމާއެކުގައި މުސާފިރުންނަށް ކަންތައް ކޮށްދީ އުޅޭ އަބުރުވެރިއެކެވެ. 

ސުވޭހަށް ދިޔުން

     ދެން މިޞްރުގައި ތިބެ ޕާސްޕޯޓު ލިބުމުން، މުޙައްރަމު މަހު 26 ދުވަހު ހަވީރު މުޙައްމަދުކޮޔާއި މުޙައްމަދު ވަޙީދު ސުވޭހަށް ހިނގައްޖައޫއެވެ. މީގެ ފަހު ދުވަހު، މިޞްރުގައި ހުރި ތަކެއްޗާއި ދެންތިބި މީހުންނައިގެން މަލިންކަލޭގެފާނުން ސުވޭހަށް ފޮނުވައިފީމުއެވެ. ދެން މިއެންމެން ޞަފަރު މަހު 1 ވީ ބުދަދުވަހު، އިޓާލީ ކުންފުނީގެ "ސުމާޓަރާ" އޭ ކިޔާ ބޯޓުން ކޮޅުނބަށް ދާން ފުރައިފޫއެވެ. މިބައިމީހުން ސުވޭހުން ފުރިއިރު ވެސް ޢަލިކޮޔާއި ވަށަފަރު ކަތީބު ވަރަށް ބައްޔެވެ.

     ޞަފަރު މަހު 3 ވީ ހުކުރު ދުވަހު އިބްރާހީމް ރިފްޢަތު ބާޝާ ގޭގައި ޖާފަތެއް ދެއްވިއެވެ. މިޞްރުގެ ވަރަށް މޮޅު މީހުންގެ 12 މީހުން ދިޔައޫއެވެ. މިދުވަހު ހުކުރަށް ދިޔައީ މުޞްޠަފާ ފާޟިލް ބާޝާގެ މިސްކިތަށެވެ. މިމިސްކިތުގައި ކަހްފް ސޫރަތް ކިޔަވާން އިން ލޯފަން މީހާއީ ޢަބްދުއްޞަމަދަށް ވުރެ ވެސް މާ ރީތިކޮށް ކިޔަވާން ދަންނަ މީހެކެވެ. 

     މިދުވަހު ޖާފަތުން އަވަދިވެގެން، ހަވީރު 5 ގަޑި ރޭލުން ސުވޭހަށް ދާން އިސްޓޭޝަނަށް އަތުވެއްޖައީމުއެވެ. ވަރަށް ގިނަ ރައްޓެހީންނާއި، ރުވާޤުލްހުނޫދުގެ މީހުންނާއި، އަޒްހަރުގެ ބައެއް ދަންނަބޭކަލުންނާއި، އަލްޖަމްޢިއްޔަތުލްއިސްލާމިއްޔާގެ މީހުން މިތަނަށް ޙާޟިރު ވެފައި ތިއްބެވެ. ރިފްޢަތު ބާޝާ ވެސް ވަޑައިގަތެވެ. ދެން މިތަނުގައި މިބައިމީހުންނަށް ޝުކުރުގެ ޚުޠުބާއެއް ކިޔައިދީފީމުއެވެ. އެއަށް ފަހު، ސުވޭހަށް ދާން ދަތުރުކުރަން ރޭލަށް އަރައްޖައީމުއެވެ. މިރޭގެ 10 ޖެހިއިރު ސުވޭހަށް އައިސް، ލޯކަންދާ އަލްޙަމީދިއްޔާއަށް ފައިބައްޖައީމުއެވެ.

     އަނެއްދުވަހު ޢަބްދުއްރަޙްމާން އަލްއައްޑުވީ ސުވޭހަށް އަތުވެއްޖެއެވެ. މީނާގެ މަސައްކަތަކީ މިލޯކަންދާގެ ތިރީ ޤަހުވާގައި އިނދެގެން ދިވެހީންނަށް ހުތުރު އެއްޗެތި ގޮވުމެވެ. އަޅުގަނޑުމެން ފުރާން ދެން ވެސް އެމަސައްކަތް ކުރެއްވިއެވެ. كلّ إناء يقطُر بِما فيه. (قُلتُ: މިހަރުބަހުގެ މާނައީ: "ކޮންމެ ކަންވާރެއްމެ އޭގައި ހުރި އެއްޗަކުން ތިކިތަޅައިދާނެއެވެ. والله أعلَم.) 

     އަޅުގަނޑުމެންނާ އެކުގައި ޙާޖު ޢިމާދުއްދީން ސުވޭހަށް ވަޑައިގަތެވެ. މީނާ ހުންނަވަނީ ދަރިކަނބަލުންގެ ގޭގެއެވެ. މިދަރިކަނބަލުންގެ ފިރިކަލުންނީ ވަރަށް މުއްސަނދި މީހެކެވެ. ނަމަކީ ޝަޙާމަތު އަފަންދީ އެވެ. މީނާ މިވަޤުތު ސުވޭހަކު ނެތެވެ. އެކަމަކު އެގޮމާ އަޅުގަނޑުމެންނަށް ވަރަށް ހެޔޮފުޅެވެ.

     ޞަފަރު މަހު 4 މިދުވަހު ރޭގަނޑު ޢަބްދުﷲ ފަހުމީ އާއި މުޙައްމަދު ވަޙީދު ސުވޭހަށް އައިސްފިއެވެ. ޞަފަރު މަހު 7 ގައި ޢަލީ ބެކް ޢަބްދުލްޢަޒީޒާއި އިބްރާހީމް ލުޠުފީ ސުވޭހަށް އަތުވެއްޖެއެވެ.

ކޮޅުނބަށް ދިޔުން

     ޞަފަރު މަހު 8 ގައި، ކޮޅުނބަށް ދާން "އެސް. އެސް. ޗަންޓިއްލީ" އަށް ދަތުރަށް އަރައްޖައީމުއެވެ. ދަތުރަށް އަރުވާން ޢަލީ ބެކް ޢަބްދުލްޢަޒީޒާއި، ފުއާދުކާމީ އާއި، ޢިމާދުއްދީން ފަދަ މީސްމީހުން އައޫއެވެ. ދެން، ސަލާމްޤަލާމް ކޮށްފައި މިބައިމީހުން ފައިބައްޖެއެވެ.

     ޞަފަރު 19 ވީ އާދީއްތަ ދުވަހު ހަވީރު ކޮޅުނބު ބަނދަރަށް ވަދެއްޖައީމުއެވެ. މިރޭ 10 ޖެހިއިރު ފައިބައްޖައީމުއެވެ. މަލިންކަލޭގެފާނުންގެ ޚަބަރު ބެލި އިރު، ކަރާޗީ އިން ފުރި ކަމުގައި ވެއްޖެއެވެ. މިމަހު 21 ދުވަހު މިމީހުން ކޮޅުނބަށް ލަފައިފިއެވެ. ކަރާޗީ އާއި ބުމްބާ އާ ދެމެދުގައި ވަށަފަރު ކަތީބު ނިޔާ ވުމުން، ކަނޑުގައި ބަހައްޓައިފީމުއޭ ބުނެފިއެވެ. އެއީ ޞަފަރު މަހު 14 ދުވަހުއެވެ. އޮޑީގައި މީހުން ގިނަވެ، ޖަމާޢަތް 2 ބައި ކުރި ކަމުގައި ވެސް ވިއެވެ.

     ދެން ޞަފަރުމަހު 23 ދުވަހު ޢަބްދުލްޙަމީދު ދީދީ އޮފީހުގައި ތިއްބައި ސަލާމް ގޮވާލި އަޑަށް ބަލައިލިއިރު މިހިރީ މަލިންކަލޭގެފާނެވެ. އެމީހުންގެ 2 ވަނަ ޖަމާޢަތް ވެސް ސަލާމަތުން ކޮޅުނބަށް އައީއެވެ. والحمدُ لله. މީގެ ފަހު 24 ދުވަހު އަލިކޮއި ނިޔާ ވެއްޖެއެވެ. إنّا لله وإنا إليه راجعون.


ދަތުރުގެ ބައެއް ޙިސާބުތަކާއި މަޢުލޫމާތުތައް


މިދަތުރުގައި މަރުވިމީހުން (ޖުމުލަ 9)

ސަނަތު 1346:

ބޮޑުގަލުގޭ މޫސާދީދީ (ބައްޕަ): މިޞްެރުގައި، ހޯމަ، 20 ރަމަޟާން

ހުވަރަފުށީ ކާސިމްތަކުރުފާނު: މިޞްރުގައި، ހުކުރު، 1 ޝައްވާލް

ކަނދޮޅުދޫ އިސްމާލު ކަލޭގެފާނު: މިޞްރުގައި، ބުރާސްފަތި، 12 ޛުލްޤަޢިދާ

ޙުސައިން ރަހާ: މަދީނާގައި، ހުކުރު، 14 ޛުލްޤަޢިދާ

ގުޅީ ރަށްވެރި ޢަލީ: މައްކާގައި، ހުކުރު، 19 ޛުލްޙިއްޖާ

ސަނަތު 1347:

އާދަމްކޮއި: ޔަންބުޢުގައި، އާދީއްތަ، 13 މުޙައްރަމް

މާކުންއާދަމްފުޅު: ޠޫރުގައި، ހޮނިހިރު، 19 މުޙައްރަމް

ވަށަފަރު ކަތީބު: ކަނޑުމަތީގައި، ބުދަ، 14 ޞަފަރު

ނައިފަރު ޢަލިކޮއި: ކޮޅުބުގައި، ހުކުރު، 24 ޞަފަރު

މިއެންމެހައި މީސްމީހުންނަށް މާތް ކަލާނގެ ހެޔޮ ރަޙުމަތް ލައްވާށި.

ومَن يَخرُج مِن بيتِه مُهاجِرًا إلى الله ورَسُولِه ثُمّ يُدرِكهُ الموتُ فقَد وقَعَ أجرُهُ على الله.

(قلتُ: މިއާޔަތް = އައްނިސާ ސޫރަތުގެ 100 ވަނަ އާޔަތް. މާނައީ: "އަދި، ﷲއާއި، އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަ ކުރާ ޙާލު، އެމީހެއްގެ ގެއިން ނުކުތުމަށްފަހު ދެން މަރު އައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ ﷲގެ ޙަޟްރަތުގައި ޘާބިތު ވެއްޖެއެވެ." والله أعلَم.)

صدق الله العظيم.

 

މަރުވިމީހުންގެ މުދަލާ ޙަވާލުވީ މީހުން

މޫސާދީދީގެ (ބައްޕަގެ): އަޅުގަނޑު

ހުވަރަފުށީ ކާސިމުގެ: ދިއްދޫ ދޮންޢަލީ

އިސްމާލުކަލޭގެފާނުގެ: މަލިންކަލޭގެފާނު

ޙުސައިން ރަހާގެ: އަޅުގަނޑު

ގުޅީޢަލީގެ: ގުޅީކަތީބު

އާދަމްކޮއިގެ: މުޙައްމަދުކޮއި

މާކުންއާދަމްފުޅުގެ: މިޞްރު ސަރުކާރު

ވަށަފަރުކަތީބުގެ: ދިއްދޫ ދޮންޢަލީ

ޢަލިކޮއިގެ: މުޙައްމަދުކޮއި

މިއިން ކޮންމެ މީހެއްގެ ތަކެތި، އަހުލުވާރިޘުންނާ ޙަވާލުވީ އެއްޗެއް ނޫނީ، ބޭރު ހެކީންތިބެ ޙިސާބު ބަލައި ލިޔުނު ކަރުދާސް ހުންނާނެއެވެ.


އަޅުގަނޑަށް މިދަތުރުގައި ވިސްނުނު އެއްޗެއް:

     ދިވެހީންނަށް ބޭރު ރަށްރަށުގައި ލިބިއޮތް އެންމެ ޤަދަރުހުރި ކަންފުޅަކީ އެތައްޒަމާނަކުއްސުރެ، މިއޮތް ކުޑަ، ދެރަ، މީސްކޮޅު މަދު ދައުލަތް، މިއޮތް ދަތި ޒަމާނުގައި، އަމިއްލަކަންމަތީގައި އިސްލާމް ދީން ހިފަހައްޓައިގެން މުސްތަޤިއްލު ވެރިކަމެއް ކުރާން ތިބޭ ކަމެވެ. މިކަމަށް އެންމެން އުފާ ވެއެވެ. ޢަޖާއިބު ވެސް ވޭމެއެވެ. މިކަންކަން ނެތިކޮށް، ދިވެހީންނަކީ އެއްވެސް ބައެއް ނޫން ކަމަށް ވެދާނެއެވެ.

     މިއީ ކުޑަ ނިޢުމަތެއް ނޫނެވެ. لئن شَكرتُم لأزيدَنَّكُم وَلئِن كَفرتُم إنّ عَذابي لَشديد. (قلتُ: މިއީ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތެވެ. މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކުޅައީ ނަމަ، ތިމަންރަސްކަލާނގެ ހަމަކަށަވަރުން ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކާފިރު (ungrateful) ވެއްޖެނަމަ، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާ ކަން ކަށަވަރެވެ." والله أعلَم.) إنّ اللهَ لا يُغيّر ما بِقومٍ حَتّى يُغيّروا ما بِأنفُسِهم. (قلتُ: މިއީ އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތެވެ. މާނައީ: "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެމީހުން އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެބައިމީހުންގެ ޙާލަތު ބަދަލުނުކުރައްވަތެވެ." والله أعلَم.)

أسأل الله أن يوفّق أمراءَنا لصالِح الأعمال، ويُحسن لجميع المُسلِمين الحالَ والاستقبَال. آمين. والحمدُ لله رب العالمين. (قُلتُ: މިދުޢާގެ މާނައީ: "އަޅުގަނޑުމެންގެ ވެރީންނަށް ޞުލްޙަވެރި ޢަމަލުތަކަށް ތައުފީޤުދެއްވުމަށާއި، އެންމެހައި މުސްލިމުންނަށް އަދުގެ ޙާލާއި ކުރިއަށް އޮތް އިސްތިޤުބާލު ހެޔޮ ކޮށްދެއްވުމަށް އެދި މާތް ﷲ ޙަޟްރަތުގައި ދަންނަވަމެވެ." واللهُ أعلَم.)

ޙުސައިން ޞަލާޙުއްދީން

29 ޞަފަރު ސަނަތު 1347

Ads by MSS

މި ލިޔުން ކިޔާލުމުން