ވިޔަފާރި
މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިން އިތުރު

ރާއްޖެ އައި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ފައިބަނީ، ފޮޓޯ: ޕީއެސްއެމް
މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މި އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގިނަކަމަށް، ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް 186،738 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.5%ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 167،528 ފަތުރުވެރިންނެވެ.
އަދި މި ޖުލައި މަހަކީ މި އަހަރުގެ ފާއިތުވި 7 މަހަށް ބަލާއިރު، 5ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މަހެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހެވެ. ދެވަނައަށް އެންމެ ގިނައީ ފެބުރުއަރީ މަހެވެ.
މި އަހަރުގެ މިހާތަނަށް ވަކިވަކި މަސްމަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އަދަދުތައް:
ޖަނަވަރީ: 214،863 ފަތުރުވެރިން
ފެބްރުއަރީ: 214،091 ފަތުރުވެރިން
މާރިޗު: 203،468 ފަތުރުވެރިން
އޭޕްރީލް: 198،322 ފަތުރުވެރިން
މެއި: 135،614 ފަތުރުވެރިން
ޖޫން: 141،772 ފަތުރުވެރިން
ޖުލައި: 186،738 ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ތިން ޤައުމަކުންނެވެ. އެއީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެގޮތުން ޗައިނާއިން 192،370 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން ޒިޔާރަތްކުރީ 154،335 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައި ވަނީ 121،992 ފަތުރުވެރިންނެވެ.
މީގެ އިތުރުން މުޅި އަހަރަށް ބަލާލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،308،582 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %9.5 އިތުރުވުމެކެވެ.
ސަރުކާރުން މި އަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.