ދުނިޔެ

ޣައްޒާގެ ސަތޭކައެއްހާ ކުދިންނަށް މެޑިކަލް ފަރުވާ ދިނުމަށްޓަކައި އިނގިރޭސިވިލާތަށް ބަދަލުކުރަނީ

ޣައްޒާގެ ސަތޭކައެއްހާ ކުދިންނަށް މެޑިކަލް ފަރުވާ ދިނުމަށްޓަކައި އިނގިރޭސިވިލާތަށް ބަދަލުކުރަނީ

އިނގިރޭސިވިލާތަށް ބޭސްފަރުވާ ކުރުމަށް އެންމެ ފުރަތަމަ ގެންދެވުނު ޣައްޒާގެ ކުދިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 07:23

03 އޯގަސްޓު 2025، 07:23

ޣައްޒާގެ ސަތޭކައެއްހާ ކުދިންނަށް މެޑިކަލް ފަރުވާ ދިނުމަށްޓަކައި އިނގިރޭސިވިލާތަށް ބަދަލުކުރުމުގެ ބޮޑު ޕްލޭނެއް އިނގިރޭސި ސަރުކާރުން އިޢުލާނުކުރަން ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން، 300 ކުދިންނަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސް (އެންއެޗްއެސް) އިން ހިލޭ ފަރުވާ ދިނުމަށް ހަމަޖެހިފައިވާކަމަށް 'ދަ ޓައިމްސް' ނޫހަށް މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

މި ޕްލޭން ކުރިއަށްދާނީ "ޕްރޮޖެކްޓް ޕިޔޯރ ހޯޕް" ނަމަކަށް ކިޔާ ޖަމިއްޔާއަކާ ގުޅިގެންނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން، މިހާތަނަށް ޣައްޒާއިން މެޑިކަލް ފަރުވާއަށް އިނގިރޭސިވިލާތަށް ގެނެވިފައިވަނީ އެންމެ ތިން ކުދިންނެވެ. މި ތިން ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ ފައިސާ ޕްރޮޖެކްޓް ޕިޔޯރ ހޯޕް އިން ވަރަށް ބުރަ މަސައްކަތުން އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ހޯދާފައިވެއެވެ.

ކުރިއަށްއޮތް މަސްތަކުގައި ޣައްޒާއިން އިނގިރޭސިވިލާތަށް ގެނެވޭ ކުދިންނާއެކު އެކު އެކުވެރިއަކު ނުވަތަ ބެލެނިވެރިއަކު އަދި ބޭނުންކަމަށް ފެނިއްޖެނަމަ އެއްބަނޑުއެއްބަފާ ކުދިންނަށް ވެސް އެކުގައި ދަތުރުކުރުމުގެ ފުރުސަތު ދެވޭނެއެވެ. އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އާއިލާތަކަށް ހޯމް އޮފީހުގެ މުވައްޒަފުން މެދުވެރިވެގެން ބަޔޯމެޓްރިކް އަދި ސެކިއުރިޓީ ޗެކްތައް ހިންގާނެކަމަށް 'ދަ ޓައިމްސް' އަށް މަސްދަރުތަކުން ބުނެފައިވެއެވެ.

ސަރަހައްދީ ސިއްހީ އިސްވެރިންގެ މައުލޫމާތަށް ބަލާއިރު، ހަނގުރާމަ ފެށުނު ފަހުން 7,000 އަށް ވުރެ ގިނަ މީހުންނަށް މެޑިކަލް އެހީތެރިކަމަށް ޣައްޒާއިން ބަދަލުކުރެވިފައިވާއިރު، އޭގެ ތެރެއިން 5,000 އަކީ ކުޑަކުދިންނެވެ. ގިނަ ކުދިން ފަރުވާއަށް ގެންގޮސްފައިވަނީ ކައިރީގައިވާ މިސްރާއި ގަލްފުގެ ގައުމުތަކަށެވެ. އ.ދ. ގެ ކުޑަކުދިންގެ ޖަމިއްޔާ ޔުނިސެފް އަންދާޒާ ކުރާ ގޮތުގައި، މި ހަނގުރާމައިގައި 50,000 އަށް ވުރެ ގިނަ ކުދިން މަރުވެ ނުވަތަ ޒަޚަމްވެފައިވެއެވެ.

ޔޫރަޕްގެ ގައުމުތަކުންވެސް ޣައްޒާގެ ކުދިންނަށް ފަރުވާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން، ސްޕެއިން، އިޓަލީ، އަޔަރލޭންޑް، ނޯވޭ އަދި ރޮމޭނިޔާ ފަދަ ގައުމުތަކަށް 200 އެއްހާ ކުދިން ފަރުވާއަށް ދަތުރުކޮށްފައިވެއެވެ.

މި ހަފްތާގެ ކުރީކޮޅު، ޣައްޒާއިން އިނގިރޭސިވިލާތަށް ދަތުރުކުރި ތިންވަނަ ކުއްޖާ، 15 އަހަރުގެ މަޖްދު އަލް-ޝަޤްނޫބީ، އޭނާގެ މަންމައާއި ދެ އެއްބަނޑުއެއްބަފާ ކުދިންނާއެކު ލަންޑަންގެ ހީތްރޯ އެއަރޕޯޓަށް އައުމުން، މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ. އަލް-ޝަޤްނޫބީއަށް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓޭންކް ވަޒަނެއްގެ ސަބަބުން ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ ދަތްދޮޅިވަނީ މުޅިން ފަޅައިގެންގޮސްފައެވެ. އޭނާއަށް މިހާރުދަނީ ލަންޑަންގެ ގްރޭޓް އޯމަންޑް ސްޓްރީޓް ކުޑަކުދިންގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިދިޔަ މަހު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއަރ ސްޓާރމަރ ވަނީ ޣައްޒާއިން އިތުރު ކުދިން މެޑިކަލް އެހީތެރިކަމަށް އިނގިރޭސިވިލާތަށް ގެނައުމަށް އެހީތެރިވެދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. "ޣައްޒާގައި މިހިނގާ ކަންތައްތަކުން އިނގިރޭސި ރައްޔިތުން ކަންބޮޑުވެފައިވާކަން އަހަރެންނަށް އެނގޭ. ޣައްޒާގެ ބަނޑުހައިހޫނުކަމާއި ނިކަމެތިކަމުގެ ތަސްވީރުތައް ވަރަށް ބިރުވެރި،" އޭނާ 'ޑެއިލީ މިރަރ' ނޫހަށް ލިޔުއްވި ލިޔުމެއްގައި ވިދާޅުވިއެވެ. "ނުރައްކާތެރި މެޑިކަލް އެހީތެރިކަން ބޭނުންވާ ޣައްޒާގެ ކުދިން އަވަހަށް ބަދަލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ހަލުވިކުރަމުން މިދަނީ – އިތުރު ފަލަސްތީނު ކުދިން ޚާއްސަ މެޑިކަލް ފަރުވާއަށް އިނގިރޭސިވިލާތަށް ގެނައުމަށް."
މި އާ ޕްލޭނަކީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ، ސިއްހަތާ ބެހޭ ވަޒީރު ވެސް ސްޓްރީޓިންގް އަދި ހޯމް މިނިސްޓަރ ޔެވޭޓް ކޫޕަރ އާންމުކޮށްފައިވާ ޕްލޭނެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން