ދުނިޔެ

ބާރުގަދަ ބިންހެލުމަކަށް ފަހު، ރަޝިއާގެ ކަމްޗަޓްކާގައި 450 އަހަރު ފަހުން އަލިފާން ފަރުބަދައެއް ގޮވައިފި

ބާރުގަދަ ބިންހެލުމަކަށް ފަހު، ރަޝިއާގެ ކަމްޗަޓްކާގައި 450 އަހަރު ފަހުން އަލިފާން ފަރުބަދައެއް ގޮވައިފި

ރަޝިއާގެ އަލިފާން ފަރުބަދަ ގޮވަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 01:46

03 އޯގަސްޓު 2025، 01:46

ރަޝިއާގެ އިރުމަތީ ކަމްޗަޓްކާ ސަރަހައްދުގައި، 450 އަހަރު ފަހުން އަލިފާން ފަރުބަދައެއް ގޮވައިފި ކަމަށް އެ ޤައުމުގެ ކުއްލި ހާލަތާބެހޭ އިދާރާއިން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ، މި ސަރަހައްދަށް ތާރީޚުގައި ދިމާވި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ބިންހެލުމަކަށް ފަހުންނެވެ.

ރަޝިއާގެ ސަރުކާރު މީޑިއާއިން ނެރުނު ފޮޓޯތަކުން ދައްކާ ގޮތުގައި، ކްރަޝެނިންކޯވް އަލިފާން ފަރުބަދައިން ބޯކޮށް ދުން އަރަމުންދެއެވެ. ސްމިތުސޯނިއަން އިންސްޓިޓިއުޝަންގެ ގްލޯބަލް ވޮލްކަނިޒަމް ޕްރޮގްރާމް ބުނާ ގޮތުން، މި އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1550 ވަނަ އަހަރުއެވެ.

ކަމްޗަޓްކާގެ ކުއްލި ހާލަތާބެހޭ މިނިސްޓްރީން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާން ފަރުބަދައިން އަރާފައިވާ ދުމުގެ ބޯކޮޅު 6،000 މީޓަރު (19،700 ފޫޓު) އުސްމިނަކަށް އަރާފައިވާ ކަމަށެވެ. މި ދުމުގެ ބޯކޮޅު ފެތުރެމުންދަނީ އަލިފާން ފަރުބަދައިން އިރުމަތީ ފަރާތަށް، ޕެސިފިކް ކަނޑާ ދިމާއަށް ކަމަށާއި، މި މަގުމަތީގައި މީހުން ދިރިއުޅޭ އެއްވެސް ސަރަހައްދެއް ނުވަތަ ރަށެއް ނެތް ކަމަށާއި، އެއްވެސް ރަށަކަށް އަޅި ފައިބާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އަލިފާން ފަރުބަދައަށް ވަނީ "އޮރެންޖް" އޭވިއޭޝަން ހެޒާޑް ކޯޑު ދީފައެވެ. މާނައަކީ މި ސަރަހައްދުގެ ދަތުރުތަކަށް ބުރޫއަރާނެ ކަމެވެ.

މި ޚާދިސާ ހިނގާފައިވަނީ، އެ ސަރަހައްދުގައި ހުންނަ އަނެއް އަލިފާން ފަރުބަދަ ކްލިޔުޗެވްސްކޯއި، (ޔޫރަޕާއި އޭޝިއާގައި ހުރި އެންމެ އުސްކޮށް ހަރަކާތްތެރިވާ އަލިފާން ފަރުބަދަ) ބުދަ ދުވަހު ގޮވުމަށްފަހުގައެވެ. ގްލޯބަލް ވޮލްކަނިޒަމް ޕްރޮގްރާމް ބުނާ ގޮތުން، ކްލިޔުޗެވްސްކޯއިގެ ގޮވުންތައް އާންމުކޮށް ހިނގައެވެ. 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް 18 ފަހަރަށް ވުރެ ގިނައިން އެ އަލިފާން ފަރުބަދަ ގޮވާފައިވެއެވެ.

މި ދެ އަލިފާން ފަރުބަދަ ގޮވާފައިވަނީ، ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުމަކަށް ފަހުގައެވެ. މި ބިންހެލުމާ ގުޅިގެން ޖަޕާނުން ފެށިގެން ހަވާއީ އަދި އިކުއެޑޯއާ ހަމައަށް، އައްސޭރިފަށުގެ ސަރަހައްދުތަކުން އެތައް މިލިއަން ބަޔަކު ސަލާމަތީ ތަންތަނަށް ބަދަލުކޮށް، ސުނާމީގެ އިންޒާރު ދީފައިވެއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރަޝިއާއަށް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. ސެވަރޯ-ކުރިލްސްކް ބަނދަރަށް ސުނާމީ އަރައި، މަސް ކާރުޚާނާއެއް ވަނީ ފެނުގެ ދަށުވެފައެވެ.

މެގްނިޓިއުޑް 8.8 ގެ މި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ ކައިރީ، ޕެޓްރޮޕަވްލޯސްކް ސަރަހައްދުންނެވެ. މިއީ 2011 ވަނަ އަހަރު ޖަޕާން ކައިރިން މެގްނިޓިއުޑް 9.1 ގެ ބިންހެލުމެއް އައިސް ސުނާމީއެއްގައި 15،000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާ ފަހުން އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން