Ads by Stelco

ޚަބަރު

ހައިކޯޓަށް ދެ ފަނޑިޔާރުން ޢައްޔަނުކޮށްފި

ހައިކޯޓަށް ދެ ފަނޑިޔާރުން ޢައްޔަނުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު

farudhun logo

ފަރުދުން

31 ޖުލައި 2025، 01:35

31 ޖުލައި 2025، 01:35

ހައިކޯޓަށް ދެ ފަނޑިޔާރުން ޢައްޔަނުކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީީން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ދެބޭފުޅުންވެސް ޢައްޔަނުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ޢައްޔަނު ކުރެއްވި ދެބޭފުޅުންނަކީ، ލ.މާވަށް ނަލަމަލަ، އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަދި ޏ.ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، އަލްއުސްތާޛު މުޙައްމަދު ޝަހީދުއެވެ. މި ދެބޭފުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް  ނިންމެވީ 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 27 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ. 

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން