ވިޔަފާރި / ޚަބަރު

ދެޤައުމު ގުޅިގެން ކަނޑުގެ މުއްސަނދިކަން ބޭނުންކުރެވޭނެ ފުރުޞަތު އެބައޮތް :ލަންކާ ރައީސް

ދެޤައުމު ގުޅިގެން ކަނޑުގެ މުއްސަނދިކަން ބޭނުންކުރެވޭނެ ފުރުޞަތު އެބައޮތް :ލަންކާ ރައީސް

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު އަދި ސްރީލަންކާގެ ރައީސް ޑިސެނަޔަކަ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖުލައި 2025، 01:06

31 ޖުލައި 2025، 01:06

ދިވެހިރާއްޖެއާ ސްރީލަންކާ ގުޅޭ ކަނޑުގެ ސަރަހައްދުގެ މުއްސަނދިކަން ދެ ޤައުމަށް ފައިދާވާނެހެން ބޭނުންކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގެ ތެރެއިން، ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މާލޭގައި ބޭއްވުނު މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް ޑިސެނަޔަކަ ވަނީ، 2022 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އެކި ސިޔާސަތުތައް ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ބަދަލުތަކާއެކު ލަންކާގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރެވި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްވެފައިވާ ކަމަށެވެ.

ދިވެހި ވިޔަފާރިތަކަށް ލަންކާގައި އިންވެސްޓުކުރުމުގެ ފުރުޞަތު އޮތް ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަން، މަސްވެރިކަން، ރިއަލް އެސްޓޭޓް އަދި އައިސީޓީ ހިމެނޭ ކަމަށް ރައީސް ޑިސެނަޔަކަ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަކީ ޤުދުރަތީ ވަސީލަތް މުއްސަންދި ސަރަހައްދެއް. އެހެންވީމާ ގުޅިގެން މަސައްކަތް ކުރެވޭނެ. ޙާއްސަކޮށް ކާބޯތަކެތީގެ ދާއިރާގެ ތެރެއިން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، އެކުއަކަލްޗަރ ފަދަ ދާއިރާތަކުން. ކަނޑުގެ ވަސީލަތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮތްއިރު، ދެމެހެއްޓެނިވިކަމަށް އިސްކަންދީގެ ދެ ޤައުމުގެ ވިޔަފާރިތައް ގުޅިގެން މަސައްކަތް ކުރެވޭނެ

ސްރީލަންކާގެ ރައީސް

ރައީސް ޑިސެނަޔަކަ ވަނީ އިޤްތިޞާދީ ހާލަތުން އަރައިގަނެ، މިހާރު ޤާނޫނީ ގޮތުން އިންވެސްޓަރުންނަށް ލިބޭ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ވެސް ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް ވަނީ ލަންކާގެ ހާލަތާ ގުޅޭގޮތުން ދިވެހި ވިޔަފާރިތަކުން ހުރި ކަންބޮޑުވުންތަކަށް ވެސް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ވަނީ ރާއްޖެއާއި ލަންކާ ދެމެދު އަހަރެއްގެ މައްޗަށް 162 މިލިޔަން ޑޮލަރުގެ ވިޔަފާރިކުރެވޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމާއި ވިޔަފާރީގެ ބަދަހި ގުޅުން ދައްކުވައިދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑު މަރުހަބާ ކިޔަން ރާއްޖެއާއި ލަންކާގެ ވިޔަފާރިތަކަށް ވިޔަފާރި ތަރައްޤީކުރުމަށް އައު ގޮތްތަކެއް ހޯދުމަށް ކުރެވޭ މަސައްކަތައް. މިއީ އަޅުގަނޑުމެންގެ ދެ ޤައުމަށް ފައިދާކުރާނެ އަދި ސަރަހައްދީ ގޮތުން ފާގަތިކަން ލިބޭނެ މަސައްކަތަކަށް ވާނެ ކަމަށް ޤަބޫލުކުރަން  

ވަޒީރު ސަޢީދު


ވަޒީރު ސަޢީދު ވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑިސެނަޔަކަ އަޅުއްވާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ފިޔަވަޅުތަކާއެކު، ލަންކާއަކީ ސަރަހައްދުގައި ބަރޯސާވެވޭ ބައިވެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ލަންކާގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި އެ ޤައުމުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު، އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން