ދުނިޔެ

އިސްރާއީލަށް ހަތިޔާރު ފޯރުވުން ހުއްޓުވުމުމަށް އެމެރިކާގެ ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ

އިސްރާއީލަށް ހަތިޔާރު ފޯރުވުން ހުއްޓުވުމުމަށް އެމެރިކާގެ ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ

އެމެރިކާގެ ސެނެޓްގައި ވޯޓަށް އެހުމުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 ޖުލައި 2025، 12:53

31 ޖުލައި 2025، 12:53

އެމެރިކާގެ ސެނެޓުގައި، ޣައްޒާގެ އިންސާނީ ހާލަތު ދަށަށް ގޮސް، ބަނޑުހައިހޫނުކަން އާންމުވެ، އާންމު ރައްޔިތުން މަރުވާ މިންވަރު އިތުރުވަމުންދާތީ، އިސްރާއީލަށް ހަތިޔާރު ފޯރުވުން ހުއްޓުވުމަށް ކުރެވުނު މަސައްކަތް ބުދަ ދުވަހު ނާކާމިޔާބުވެއްޖެއެވެ. ވާރމޮންޓްގެ މިނިވަން ސެނެޓަރެއް ކަމަށްވާ ބާނީ ސެންޑާސް ހުށަހެޅުއްވި ދެ ޤަރާރަކަށް ސެނެޓުގައި ވޯޓު ނެގުނުއިރު، ދެ ޤަރާރަށް ވެސް ތާއީދު ނުލިބި ބަލިވީއެވެ.

ސަތޭކަ ގޮނޑީގެ ސެނެޓުގައި، ފުރަތަމަ ޤަރާރަށް 73 ވޯޓު ނުލިބި، 24 ވޯޓު ލިބުނުއިރު، ދެވަނަ ޤަރާރަށް 70 ވޯޓު ނުލިބި، 27 ވޯޓު ލިބުނެވެ. މި ޤަރާރުތަކަށް ތާއީދުކުރީ ހަމައެކަނި ޑިމޮކްރެޓިކް ސެނެޓަރުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ މި ހުށަހެޅުންތަކާ މުޅިން ދެކޮޅު ހަދާފައެވެ. ނަތީޖާއާ މެދު ސެނެޓަރ ސެންޑާސް ހިތްހަމަނުޖެހުނު ނަމަވެސް، ޑިމޮކްރެޓިކް ސަޕޯޓް އިތުރުވަމުންދާތީ، އެއީ ހިޔާލުތައް ބަދަލުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގެ ބާރުގަދަވަމުންދަނީ. އެމެރިކާގެ ރައްޔިތުން ބޭނުމެއް ނުވޭ އެމީހުންގެ ޓެކްސް ފައިސާއިން ޣައްޒާގެ ކުޑަކުދިން ބަނޑުހައިހޫނުކަމުން މަރުވާ ހާލަތަކަށް ފައިސާ ދޭކަށް، ޑިމޮކްރެޓުން މި މައްސަލާގައި ފިޔަވަޅު އަޅަން ފަށައިފި، އަދި ރިޕަބްލިކަން މެންބަރުން ވެސް މިކަން ބަލައިގަތުން އަޅުގަނޑު އުންމީދު ކުރަން  

ސެންޑާސް


ޣައްޒާގެ އިންސާނީ ހާލަތު ފާއިތުވެދިޔަ މަސްތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. މާރޗް މަހު އިސްރާއީލުން ވަނީ އެ ސަރަހައްދަށް ކާނާ އާއި އެހެނިހެން އެހީގެ ސާމާނު ވަނުން މުޅިން ހުއްޓުވާފައެވެ. މޭ މަހު ބައެއް ހުރަސްތައް ކުޑަކުރެވިފައިވީ ނަމަވެސް، އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި އެހީގެ ސާމާނު ވަނުން އަދިވެސް ވަރަށް މަދެވެ. އަދި އެހީގެ ސާމާނު ހަނގުރާމަވެރި ޖަމާޢަތްތަކަށް ނުދިނުމަށްޓަކައި ވަރަށް ގާތުން ބެލެހެއްޓެއެވެ.

ޖޫން އަދި ޖުލައި މަސްތަކުގައި ކާނާގެ ދަތިކަން އިތުރުވެ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ބޮޑު ހައިހޫނުކަމެއްގެ އިންޒާރު ދީފައެވެ. ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ކުޑަކުދިންގެ ހިތާމަވެރި ފޮޓޯތައް ދުނިޔެއަށް ފެނި، މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޣައްޒާގެ ޞިއްޙަތު މިނިސްޓްރީން ރިޕޯޓުކުރާ ގޮތުގައި، މިހާތަނަށް 151 މީހުން  އޭގެ ތެރޭގައި 89 ކުޑަކުދިން ހިމެނޭ ގޮތަށް , ބަނޑުހައިހޫނުކަމާ ގުޅިގެން މަރުވެފައިވެއެވެ. މީގެ ގިނަ މީހުން މަރުވެފައިވަނީ ފާއިތުވެދިޔަ މަސްތަކުގައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން