ޚަބަރު
އެމްޑީޕީން އެއްބަސްވުމާ ޚިލާފުވުމުން ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ހުކުމްކޮށްފި

އެމްޑީޕީގެ ލީގަލް ޓީމު: ފޮޓޯ- އެމްޑީޕީ

ފަރުދުން
30 ޖުލައި 2025، 04:22
30 ޖުލައި 2025، 04:22
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެއްކުމަށް ހެދި އެއްބަސްވުމާ ޚިލާފުވެ، ފައިސާ ނުދައްކާތީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަައި ހަލާސްކުރުމަށް އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައި މިވަނީ، އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާތީ އައިލެންޑް އޭވިއޭޝަނުން ދައުވާކޮށްފައިވުމުންނެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާއިން، ދެ މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލައިގެ ހުކުމުގައި ވަނީ، އެގްރީމަންޓުގައިވާގޮތަށް އެމްޑީޕީއަށް ފައިސާ ދެއްކިފައި ނުވާކަން އެފަރާތުގެ އަނގަބަހުން އެނގެން އޮތުމުން، އެޓަލްމަންޓް އެއްބަސްވުން ބާޠިލުކޮށް، ބާކި އޮތް 3،629،861ރ. އައިލެންޑް އޭވިއޭޝަނަށް 29 ޖުލައި 2025ން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ޖަމާކުރުމަށް އެމްޑީޕީއަށް އަންގާ ކަމަށެވެ.