ވިޔަފާރި / ޚަބަރު

ފިޔާގެ ދަތިކަމަށް ލުޔެއް: އެމްޕީއެލްއިން 8000 އަށްވުރެ ގިނަ ފިޔާ ބަސްތާ ކްލިއަރކޮށްފި

ފިޔާގެ ދަތިކަމަށް ލުޔެއް: އެމްޕީއެލްއިން 8000 އަށްވުރެ ގިނަ ފިޔާ ބަސްތާ ކްލިއަރކޮށްފި

މިއަދު މާލެއަށް ބޭލި ފިޔާ ބަސްތާތައް ފޮޓޯ:އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 01:20

30 ޖުލައި 2025، 01:20

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 4720 ބަސްތާ ފިޔާ ހިމެނޭ ތިން އާގު ބޯޓަކުން މުދާ ބާލައި ކްލިއަރކޮށްފިއެވެ. މީގެ އިތުރުން އިއްޔެ މާލޭ ވިޔަފާރި ބަނދަރަށް އައި ބޯޓަކުން ގެނައި 3840 ބަސްތާ ފިޔާ ބޭލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

މިދިޔަ ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން އާގު ބޯޓުތަކަށް ރާއްޖެއަށް ނާދެވުމާއި، ބަނދަރުގައި ބޭލުން ލަސްވުމުގެ ސަބަބުން ފިޔާގެ ތާށިކަމެއް ވަނީ ރާއްޖެއަށް ކުރިމަތިވެފައެވެ. އޭގެ ސަބަބުން ފިހާރަތަކަށް ފިޔާ ފޯރުކޮށްނުދެވި، އާންމުންނަށް ފިޔާ ލިބުން ވަނީ ދަތިވެފައެވެ.

އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން ރެއާ ހަމައަށް ކުރި މަސައްކަތާއެކު ތިން ބޯޓަކުން މުދާ ބާލައި، ހުސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތްވެސް މޫސުން ތަންދޭ މިންވަރަކުން ކުރިއަށްދާ ކަމަށާއި، އެ ބޯޓުންވެސް 3840 ބަސްތާ ފިޔާ ގެނެސްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

ފިޔާގެ ތާށިކަން އައިސްފައިވާތީ އެސްޓީއޯއިންވެސް ފިޔާ ޝިޕްމެންޓެއް އިންޑިޔާއިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. ފިޔާ ޢާންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.

އެސްޓީއޯއިން ވިދާޅުވެފައިވަނީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމެންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން