ޚަބަރު
އާޒިމް އެދިލެއްވީ މެސެޖުކޮށް ގުޅުއްވުމަށް، ރައްޔިތުން ބުނަނީ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް: ފޮޓޯ- މާލޭ ސިޓީ ކައުންސިލް

ފަރުދުން
30 ޖުލައި 2025، 10:41
30 ޖުލައި 2025، 10:41
ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް އަބަދުވެސް އެންމެ ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި، ކަންކަން ހިއްސާ ކުރެއްވުމަށް ކޮންމެ ރައްޔިތަކަށްވެސް މެސެޖްކޮށް ގުޅާ ހެއްދެވުމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު އާދަމް ޢާޒިމް އެދިލައްވައިފިއެވެ.
ކައުންސިލްތަކުން ރައްޔިތުންނާއި ބައްދަލުކުރުމަށް، ޤާނޫނުން ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ މެސެސަށާއި ފޯނު ކޯލުތަކަށް ބަރާބަރަށް ޖަވާބުދާރީ ވަމުން ގެންދަވާ ކަމަށާއި މަދު ފަހަރެއްގައި ކޯލެއް "މިސް"ވީ ނަމަވެސް 99 އިންސައްތަ ކޯލުތަކަށާއި މެސެޖު ތަކަށް ޖަވާބުދާރީ ވަމުންދާކަމަށެވެ. ޢާޒިމް ވިދާޅުވީ މި މަޤާމުގައި ހުންނެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި، މަޤާމުގެ ދަހިވެތިކަމުގައި ނޫންކަމަށެވެ. މޭޔަރ އާޒިމް ވަނީ މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަމިއްލަ ފޯނު ނަމްބަރުވެސް ހިއްސާކުރައްވާފައެވެ.
މޭޔަރުގެ މި ވާހަކަ އަށް ޖަވާބުދެއްވަމުން ބައްދަލުވުމަށް ހާޒިރުވީ ރައްޔިތުން ބުނެފައިވަނީ ކައުންސިލްގެ މުވައްޒަފުންނާއި މޭޔަރުވެސް ފޯނަށް ޖަވާބު ނުދެއްވާކަމަށެވެ. މޭޔަރު ވަރަށް ބޮޑު އިތުރުފުޅެއް ހައްދަވައިފިކަމަށާއި މުވައްޒަފުންވެސް ތިއްބަވަނީ ގޭގައި ކަމަށް މީހުން ބުނެފައިވެއެވެ.
"މޭޔަރު ތިދެންނެވީ ވަރަށްބޮޑު ތެދެއް، އެއްވެސް ބޭފުޅަކު ނާދޭ އަޅުގަނޑުމެން ގުޅައިގެންނެއް. ޚުދު މޭޔަރަށް އަޅުގަނޑު ގުޅިން، ފޯނަށް އެޓެންޑެއް ނުވި. ދެންމެ ތި ދެންނެވީ ނީންނާނޭ މިސްކޯލެއް، މިސްކޯލު އިންނާނެ ދެއްތޯ ކޯލެއް ވެއްޖެޔާ. ދެން މެސެޖު ފޮނުވައިފިއްޔާ މެސެޖުވެސް އިންނާނެ ދެއްތޯ، ހަމަ ނުބަލާ ހިނދެއްގަ އިންނާނެ އެ ފޯނުގަ ފެންނަން. މިސްކޯލު ހަމަ އެޓެންޑް ނުކުރާ ހިނދެއްގަ އޭތި އިންނާނީ މިސްކޯލެއް ގޮތުގަ. މި ޓެކްނޮލޮޖީ ޒަމާން، މިކަހަލަ ޒަމާނެއްގަ ތިކަހަލަ އިތުރުފުޅު ހެއްދެވީމަ އަޅުގަނޑު ކާރިއަށް އަންނަނީ ހިނި." ބައްދަލުވުމުގެ ރައްޔިތަކު ބުނެފައިވެއެވެ.
ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ކައުންސިލްގެ ހިންގުމާއި، ކައުންސިލުގެ ނިންމުންތަކާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މީގެ ތެރެއިން ފަތުވާ ކައުންސިލާ ދެކޮޅަށް ކަންކަން ނިންމުމާއި، ވާނުވާ ނޭނގޭ ޕާކިންގ ޒޯނުތައް ގިނަވުމާއި މާލޭގެ ބިންތަކާއި ގުޅޭ މައްސަލަތަކުގެ އިތުރުން ކޮންސަލްޓަންޓުން ގޮތުގައި މުވައްޒަފުން ނަގުމާއި ގުޅޭ މައްސަލަތައް ބައްދަލުވުމުގެ ރައްޔިތުން ފާހަގަ ކޮށްފައި ވެއެވެ.
މިކަންކަމާއި ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލުން ކޮންމެ ކަމެއްވެސް ކުރަމުން ގެންދާނީ އުސޫލާއި އެއްގޮތަށް ކަމަށާއި، ފަނަރަ އަހަރުވީ ކައުންސިލުން ނުވެ ހުރި ކަންކަން ދެއަހަރުތެރޭ ކޮށްދެއްވާނެ ކަމަށެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެ ފަދަ އުފާވެރި ޝުޢޫރުތައް، މިއަދު ރައްޔިތުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ. އެންމެންގެ މަސައްކަތުން، ކުރީގެ ނާއުއްމީދީ ތަޞައްވުރު އެވަނީ އުއްމީދީ ތަޞައްވުރަކަށް ބަދަލު ކުރެވިފައި ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.