ދުނިޔެ
އީރާނުން ހަރުކަށި އިންޒާރެއް: ދެން ދެވޭ ޖަވާބު ވަރަށް ވަރުގަދަވާނެ، މުޅި ދުނިޔެ ގުޑުވާލާނެ

އައްބާސް އަރާގްޗީ
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އެމެރިކާ ނުވަތަ އިސްރާއީލުން ދެމުންދާ ބަހުގެ ހަމަލާތަކަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. އީރާނަށް ހަމަލާއެއް ދީފިނަމަ އެ ޖަވާބު ފޮރުވޭނެ ގޮތަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ނެރެފައިވާ ބަޔާނެއްގައި އަރާގްޗީ ވިދާޅުވީ، ފަހުން އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުން ލިބުނު ގެއްލުންތައް އީރާނަށް އެނގޭ ކަމަށެވެ. އަދި ދެކޮޅުވެރި ފަރާތްތަކަށް ލިބުނު ގެއްލުންތައް ބޮޑު ކަމަށާއި، އެ ގެއްލުންތައް ވަރަށް ވަނީ ސިއްރުކޮށްފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ދެ ފަރާތަށް ލިބުނު ގެއްލުންތައް އީރާނަށް ސީދާ އެނގޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމަލާތައް ތަކުރާރުވެއްޖެނަމަ، އެއަށްވުރެ ބޮޑު ބާރަކުން ޖަވާބު ދޭނެ ކަމަށެވެ. އަދި ދެވޭ ޖަވާބު ވަރުގަދަ ނިންމުންތަކާއެކު ދެވޭ ޖަވާބަކަށް ވާނެ ކަމަށާއި، ދުނިޔެއަށް އެކަން ފޮރުވޭނެ ގޮތަކަށް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ."
އަރާގްޗީ އިތުރަށް ވިދާޅުވީ، އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކުރަމުންދަނީ ސުލްހަވެރި ބޭނުންތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ތެހެރާން ރިސާޗް ރިއެކްޓަރުގައި މިހާރުވެސް %20 މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ބޭނުންކުރަމުންދާ ކަމަށެވެ. އަދި މި ރިއެކްޓަރުން ކޮންމެ ދުވަހަކުވެސް އެއް މިލިއަނަށްވުރެ ގިނަ ބަލިމީހުންނަށް ބޭނުންވާ މެޑިކަލް ރޭޑިއޯއައިސޮޓޯޕްސް ފޯރުކޮށްދެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނަށް ސިވިލް ބޭނުންތަކަށް ނިއުކުލިއާ އެނަރޖީ ތަރައްޤީކުރުމުގެ ހައްޤު އޮންނާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އީރާނުގެ ނިއުކުލިއާ ޕްރޮގްރާމަކީ ސީދާ ސުލްހަވެރި ޕްރޮގްރާމެއް ކަމަށް އޭނާ ވަނީ ސާފުކޮށްދެއްވާފައެވެ. "އަހަރުމެންގެ ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކަށް އަސްކަރީ ހައްލެއް ނެތް،" އޭނާ ބުންޏެވެ. "ދުނިޔެއަށް ކަންބޮޑުވުންތަކެއް ހުރިނަމަ، އެކަންކަން ހައްލުކުރަންވާނީ ބިރުދެއްކުމުގެ ބަދަލުގައި މަޝްވަރާކޮށް ވާހަކަ ދައްކައިގެން."
މީގެ ކުރިން ، އެމެރިކާގެ ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނުން އެކަށީގެންވާ ފޮޒިޓިވް ސިގްނަލްތައް ނުފޮނުވާ ކަމަށެވެ. އަދި އީރާނުން ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލިއްޔަތު އަލުން ހޯދަން މަސައްކަތްކޮށްފިނަމަ، އެމެރިކާއިން އަލުން ހަމަލާ ދޭނެ ކަމަށް އޭނާ އިންޒާރު ދިނެވެ.
ނިއުކުލިއާ ތަރައްޤީއާއި ސަރަޙައްދީ ސަލާމަތާ ގުޅޭ ދެމިހުރި ހިޔާލުތަފާތުވުންތަކާ އެކު، އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހަމަޖެހުމެއް ނެތިފައިވާކަން ފާހަގަކުރެވެއެވެ.