ޚަބަރު
މުޙައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދަށް

މުޙައްމަދު އިބްރާހިމް

ފަރުދުން
29 ޖުލައި 2025، 04:01
29 ޖުލައި 2025، 04:01
އިއްޔެ ލ. މާވަށުން ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މުޙައްމަދު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މުޙައްމަދު އިބްރާހިމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރުކުރުމުން އޭނާގެ ބަންދާއިމެދު މިގޮތަށް ގޮތް ނިންމި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ އިއްޔެ ހެނދުނު 10:00 ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަމަލާއާ ގުޅިގެން މަރުވެފައިވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އެވެ. މި ހަމަލާ އޭނާއަށް ދީފައިވަނީ ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުޙައްމަދު އިބްރާހިމް (29) ކަމަށެވެ. އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.