ދުނިޔެ

އަރަބި އިމާރާތާއި އުރުދުން ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ވައިގެމަގުން އެހީ ފޯރުވަން ފަށައިފި

އަރަބި އިމާރާތާއި އުރުދުން ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ވައިގެމަގުން އެހީ ފޯރުވަން ފަށައިފި

އަރަބި އިމާރާތާއި އުރުދުން ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ވައިގެމަގުން އެހީ ފޯރުވަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2025، 11:40

29 ޖުލައި 2025، 11:40

ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދަތިކަން ތަހައްމަލުކުރަމުންދާ ފަލަސްތީނުގެ ކުޑަކުދިންނަށް ފުރާނަ ސަލާމަތްކުރާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް، އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ) އާއި އުރުދުން ގުޅިގެން ބޮޑު އިންސާނީ ހަރަކާތެއް ފަށައިފިއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ބިމުން އެހީގެ ތަކެތި ފޯރުކޮށްނުދެވޭ ސަރަހައްދުތަކަށް، މި ދެ ގައުމުން ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން އެތައް ޓަނެއްގެ އެހީގެ ތަކެތި ވައިގެ މަގުން ތިރިކޮށްފައެވެ.

ދުނިޔޭގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ގުޅިފައިވާ އޮޕަރޭޝަންގައި ޔޫއޭއީ އާއި އުރުދުންގެ ތިން އަސްކަރީ މަތިންދާބޯޓު ބައިވެރިވެ، ޣައްޒާގެ އެކި ސަރަހައްދުތަކަށް 25 ޓަނުގެ މުހިންމު އެހީގެ ތަކެތި ކާމިޔާބުކަމާއެކު ތިރިކޮށްފައިވެއެވެ. 

އުރުދުންގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، "ގަލަންޓް ނައިޓް 3" ގެ ނަމުގައި މި ހިންގާ އޮޕަރޭޝަނަކީ ދެ ގައުމުގެ މެދުގައި ހިންގާ  އެހީތެރިކަމުގެ ކެމްޕޭނެކެވެ. މި ކެމްޕޭން ފެށުނީއްސުރެ، ޖުމްލަ 3,725 ޓަނުގެ މުހިންމު އެހީގެ ތަކެތި ، އެގޮތުން ކާނާއާއި ބޭހާއި އެހެނިހެން މުހިންމު ސާމާނު ވައިގެ ޒަރީއާއިން ޣައްޒާއަށް ފޯރުކޮށްދެވިފައިވެއެވެ.

ޔޫއޭއީގެ ހާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒާޔިދު އާލް ނަހްޔާން ވިދާޅުވީ، ދަތިކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ގައުމުގެ ފަރާތުން އޮތް ކޮމިޓްމެންޓް ވަރުގަދަކުރައްވާ ކަމަށެވެ. "ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަކީ އަޅުގަނޑުމެންގެ އެންމެ އިސްކަންދޭ ކަންތައް، އަޅުގަނޑުމެން ކޮންމެ މަގެއް ، ވައިގެ މަގު، ބިމުގެ މަގު، އަދި ކަނޑުގެ މަގު ބޭނުންކޮށްގެންވެސް އެހީ އެމީހުންނަށް ފޯރުކޮށްދެމުން ގެންދާނަން،" އޭނާ ހާމަކުރެއްވިއެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާއަށް ފޮނުވިފައިވާ ހުރިހާ ބައިނަލްއަޤްވާމީ އެހީތެރިކަމުގެ 44 އިންސައްތައަށް ވުރެ ގިނަ އެހީއަކީ ޔޫއޭއީގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް  އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ގައުމުގެ އިސް ދައުރު ފާހަގަކުރައްވައިފައެވެ.

މި ހަރަކާތުގެ ކުރީ ދުވަހު، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެމީހުންގެ އޮޕަރޭޝަންތަކަށް ކޮންމެ ދުވަހަކު ވަގުތީ ހުއްޓުމެއް ގެނެސް، އެހީގެ ތަކެތި ސަލާމަތުން ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް އިއުލާނުކޮށްފައެވެ. އަސްކަރިއްޔާ އިން އިއުލާނުކުރި ގޮތުގައި، ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ތިން ކަނޑައެޅިފައިވާ ސަރަހައްދުގައި ހަރަކާތްތައް ހުއްޓާލާނެއެވެ. މިއީ އެހީދޭ އިދާރާތަކަށް ހަރަކާތްތެރިވެ، ފުރާނަ ސަލާމަތްކުރަން ލިބޭ ކުރު ނަމަވެސް މުހިންމު ފުރުސަތެކެވެ.

ޔޫއޭއީ އާއި އުރުދުން ގުޅިގެން ކުރާ މި މަސައްކަތަކީ، ހަނގުރާމައިގެ ސަބަބުން ތާށިވެ، ބަނޑުހައިކަމުން މަރުވަން ގާތްވެފައިވާ އެތައްހާސް ރައްޔިތުންނަށް އުންމީދު ގެނެސްދޭނެ ކަމެކެވެ.  

                    

Ads by MSS

މި ލިޔުން ކިޔާލުމުން