ޚަބަރު
އިއްޔެ ނިޔާވި ޒުވާނާގެ ހަށިގަނޑު މާލެ ގެނެސްފި

މޫސާ އިބްރާހީމް

ފަރުދުން
29 ޖުލައި 2025، 11:40
29 ޖުލައި 2025، 11:40
އިއްޔެ ލ. މާވަށުން ނިޔާވި ޒުވާނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މާވަށުގައި ހިނގި މާރާމާރީއެއްގައި ނިޔާވި މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަހުޤީޤަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ އއިްޔެ ހެނދުނު 10:00 ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަން އެރަށު ޞިއްޙީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަމަލާއާ ގުޅިގެން މަރުވެފައިވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އެވެ. މި ހަމަލާ އޭނާއަށް ދީފައިވަނީ ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29) ކަމަށެވެ. އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ މޫސާ އިބްރާހީމް މަރަން ގެންގުޅުނު ހަތިޔާރު މޫދުން ފެނުނު ކަމަށް ވެސް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެރަށު ވޮލީ ކޯޓް ސަރަހައްދުގައެވެ.