ދުނިޔެ
ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރެވެންދެން އިސްރާއީލާ ގުޅުމެއް ނޯންނާނެ: ސަޢޫދީ ޚާރިޖީ ވަޒީރު

ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާން
ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާން، ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވެންދެން އިސްރާއީލާ އެއްވެސް ގުޅުމެއް ނުހިންގާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އ.ދ. ގައި ބޭއްވުނު ދެ-ދައުލަތުގެ ހައްލާ ބެހޭ ކޮންފަރެންސެއްގައެވެ.
މި ކޮންފަރެންސް އިންތިޒާމުކުރީ ސަޢޫދީ އަރަބިއްޔާ އާއި ފްރާންސް ގުޅިގެންނެވެ. ޕްރިންސް ފައިސަލް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމާއި އަމާންކަމަށްޓަކައި ދެ-ދައުލަތުގެ ހައްލެއް ތަންފީޒުކުރުން މުހިންމު ކަމަށެވެ. އަދި މި ކޮންފަރެންސަކީ މިކަމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މެދުއިރުމަތީގެ ހުރިހާ ބައެއްގެ ސަލާމަތާއި، އަމާންކަމާއި، ކުރިއެރުން ފަށާނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެން ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް، ޚާއްޞަކޮށް، 1967 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ކުރީގެ ބޯޑަރުތަކުގެ ، އިރުމަތީ ޤުދުސް (ޖެރޫސަލަމް) ވެރިރަށަކަށް ހަދައިގެން މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމުގެ ބާރު ލިބެންވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަޢޫދީ ޚާރިޖީ ވަޒީރު އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވީ، "ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވެންދެން އިސްރާއީލާ އެއްވެސް ގުޅުމެއް ނުހިންގާނެ" ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ އަރަބި ސުލްހައިގެ އިނިޝިއޭޓިވްއަކީ މި ކުރިމަތިލުން ހައްލުކުރުމަށްޓަކައި އިންސާފުވެރި އަދި ޢަދުލުވެރި އުޞޫލެއް ކަމަށް ފާހަގަކުރައްވާފައެވެ.
ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް އަލިއަޅުވާލައްވަމުން، ޕްރިންސް ފައިސަލް ވަނީ މި ބޮޑު ކާރިސާ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ސަޢޫދީ އަރަބިއްޔާ އާއި ފްރާންސް ގުޅިގެން ވޯލްޑް ބޭންކް މެދުވެރިކޮށް ފަލަސްޠީނަށް 300 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އެއްބަސްވެފައިވާ ކަމުގެ އިއުލާނުވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.