ޚަބަރު
ލަންކާގެ ރައީސްއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެ ވަޑައިގަތުން

ފަރުދުން
28 ޖުލައި 2025، 05:19
28 ޖުލައި 2025، 05:19
މިއަދު ހެނދުނު ރާއްޖެ ވަޑައިގަތް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމެއް ގޮވާފައިވެ އެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު އަރިހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭހެން ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފް ބޭންޑުން ވަނީ ލަންކާއާއި ރާއްޖޭގެ ޤަައުމީ ލަވަ ކުޅެފައެވެ. އެއާއެކު، އެމަނިކުފާޏު ވަނީ ގާޑް އޮފް އޮނާވެސް ބައްލަވާފައެވެ.
އެއަށްފަހު ލަންކާގެ ރައީސް ވަނީ އެމްއެންޑީއެފްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހަތްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ. އަދި ރާއްޖެ ވަޑައިގަންނަވާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް މުޢިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސް މެއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.