ކޮލަމް

ޒުވާބަކަށް ނުގޮސް ބައިވެރިޔާ ކައިރިން މައާފަށް އެދެން ބޭނުންވަނީ އުކުޅު!

ޒުވާބަކަށް ނުގޮސް ބައިވެރިޔާ ކައިރިން މައާފަށް އެދެން ބޭނުންވަނީ އުކުޅު!

ފޮޓޯ: އިންޓަނެޓް

farudhun logo

ފަރުދުން

28 ޖުލައި 2025، 04:46

28 ޖުލައި 2025، 04:46

ކޮންމެ ދެމަފިރިއެއް ނުވަތަ ލޯބިވެރިޔެއްގެ މެދުގައި މައްސަލަ  ނުޖެހި ނުހުންނާނެކަން ގައިމެވެ. އެކަމަކު މައާފަށް އެދުމަކީ އެއީ އަހަރެމެންނަށް ވަރަށް އުނދަގޫ ކަމެކެވެ. މައާފަށް އެދެންޖެހޭނީ ހަމައެކަނި ބަހުން އެކަންޏެއް ނޫނެވެ. މައާފަށް އެދުމުގެ ގޮތުން އަޅާލުމާއި ހަމްދަރުދީއާއި ގޮތްދޫކުރުމުގެ ސިފަތައް ބޭނުންވެ އެވެ. އެހެންނޫން ނަމަ މައާފަށް އެދުމަކީ ވަރަށް ފަސޭހަ ކަމެއްހެން ހީވިޔަސް އެއީ ކިހާ ބުރަކަމެއްކަން އެނގޭނީ ހަމަ ލޯބިވެރިން ނުވަތަ ދެމަފިރިންނަށެވެ. މައާފްކޮށްދިނަސް ގެއްލުނު އިތުބާރު އަނބުރާ ލިބޭނެހެއްޔެވެ؟

ބައެއް ފަހަރު މައާފަށް އެދެން އުޅުނީމަވެސް އެ މައާފު އަނެއްކާވެސް ޒުބާކާއި ހަމައަށްދާ ފަަހަރުވެސް އާދެއެވެ. އެހެންވަނީ ކީއްވެހެއްޔެވެ؟ ހަޤީޤަތަށް ވާހަކަދައްކަންޏާމު މައާފުކުރުމަކީ ރަނގަޅު ބަސްތައް އިޚްތިޔާރުކުރުމަށްވުރެ މާ ހައްސާސް ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިތުރު އަރާރުންވުމަކަށްނުގޮސް މައާފް ހޯދޭނެ ގޮތްތަކުގެ މައްޗަށެވެ. ކުރެވުނު ކަމަކާއި ދެރަނުވެ ކުރާ މައާފަކީ އަވަސްއަރުވައިގެން އެއްވެސް މާނައެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ބައިވެރިޔާއަށް ފާހަގަކުރެވޭނެއެވެ. ހަމައެކަނި ޒުވާބެއް ނިންމާލުމުގެ ނިޔަތުގައި މައާފަށް އެދިއްޖެއްޔާމު ބައިވެރިޔާގެ އިހުސާސްތަކަށް ތިބާ އަޅާނުލާކަން ދޭހަވާނެއެވެ. 

އޭގެ ބަދަލުގައި ޒުވާބު ކުރަން މެދުވެރިވި ކަންތަކުގައި ތިބާގެ ދައުރަކީ ކޮބާތޯ ވިސްނާށެވެ. އެކަމުގައި ތިބާގެ ކުށް އޮތަސް ނެތަސް ޒުވާބުގައި ތިބާ ކުޅެފައިވާ ރޯލާއި ދޭތެރޭ ވިސްނާށެވެ. އަދި ދެވަނަ ފަހަރެއްގައި އަޑުގަދަނުކުރަން އަޒުމް ކަނޑައަޅާށެވެ. މިހާ ހިސާބުން ސުރުހީގައި ބުނާ އުކުޅުތަކަށް ޖެހިލަމާ ހެއްޔެވެ. 

މައާފަށް އެެދޭ ވަގުުތު

މައާފަށް އެދެން ވާނީ ރަނގަޅު ވަގުތަށް ބަލާފައި އެވެ. ކޮންމެހެން ހުރިހާ ކަމެއް ވަގުތުން ވަގުތަށް ޙައްލުވާކަށް ނުޖެހޭނެއެވެ. ފަހަރެއްގައި ޒުވާބަކަށްފަހު ތިބާގެ ބައިވެރިޔާ ވީދެރައެއްގެ ބޮޑުކަމުން ވަގުތުކޮޅެއްވަންދެން އެކަނި ހުންނަން ބޭނުންވެދާނެއެވެ. ވީމާ، އޭނާއާއި ތިބާއާއި ދެމީހުން، ބޯހަމަޖައްސާލަން ވަގުތުކޮޅެއް ނަގާށެވެ. މާ ބޮޑަށް ހާސްވާނަމަ، ވާހަކަ ދައްކަން ތައްޔާރަށް ހުރި ވަގުތުކޮޅެއް އަންގާދިނުމަށް އެދޭށެވެ. 

'އެކަމަކު'، މި ބަސް ބޭނުންނުކުރޭ

މައާފަށް އެދިފައި 'އެކަމަކު' މި ބަސް ބޭނުންކޮށްފިއްޔާ ގިނަ ފަހަރާއި އެ މައާފު އަރާރުންވުމަކަށް ބަދަލުވާނެއެވެ. ތިބާ ރުޅިއައި ސަބަބު އަލުން ނުދައްކާށެވެ. ކުރު ގޮތަކަށް މައާފަށް އެދުމަކީ އެއްބައިފަހަރު އެންމެ ރަނގަޅު ގޮތެވެ. 

ބައިވެރިޔާގެ އިހުސާސްތައް

ޒުވާބަކަށްފަހު ކާކު ބުނި އެއްޗަކީ ރަނގަޅުވާހަކައެއްތޯ ބެލުން މުހިންމެއް ނޫނެވެ. ތިބާ ދެއްކި ވާހަކަ ކިތަންމެ ރަނގަޅުވިޔަސް ތިބާގެ ބައިވެރިޔާގެ އިހުސާސްތައް ހިތަށް ގެނުވާށެވެ. އެއަށް ސަމާލުކަންދޭށެވެ. ވީ ހުރިހާ ގޮތެއް ކިޔާދިނުމުގެ ބަދަލުގައި ތިބާ ބުނި އެއްޗަކުން އޭނާއަށް ކުޑައިމީސްކަމެއް އިހުސާސްވެފައިވަންޏާމު އެކަމަށް މައާފަށް އެދޭށެވެ. އޭރުން ތިބާއަކީ ވާހަކައިގައި ކުރިހޯދުމަށްވުރެ ބޮޑަށް އޭނާއަށް އަޅާލާ މީހެއްކަން ހާމަވާނެއެވެ.

މޮޅުވާން ނޫޅޭ

ގިނަފަހަރާއި އަހަރެމެން ހީކުރާނީ އަހަރެމެން ކަންކަމާއި ދޭތެރޭ ދެކޭގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ހަޤީޤަތުގައި ތިބާއަކީ އެންމެ މޮޅުމީހާ ކަމަށް ދެކިގެން ލޯބީގައި ކުރިއެއް ނުލިބޭނެއެވެ. މީގެ އިތުރުންވެސް، އެންމެ ފަހުން މައާފަށް އެދުނީ ކާކުކަމާއި އެންމެ ގިނައިން މައާފަށް އެދުނު ފަހަރު ގުނަން ނުހަދާށެވެ. އަދި ކާކު ކާކަށް އެންމެ ބޮޑަށް ދެރަދިންތޯ ބަލަން އުޅުމުންވެސް ތި ގުޅުން ހީނަރުވާނެއެވެ. 

ބަހާއި އަމަލުން މައާފަށް އެދުން

ކަމަކަށް މައާފު ބޭނުންވާނަމަ އަމަލުންވެސް އެކަމަށް އެދޭށެވެ. އެކަން ކުރެވޭނީ އެކި ގޮތްގޮތުންނެވެ. ތިބާގެ ނުރުހެވޭ އާދައެެއް ބަދަލުކޮށް ބައިވެެރިޔާގެ ވާހަކަ އަޑުއަހާ މީހަކަށްވާން މަސައްކަތްކުރާށެވެ. ތިބާ މައާފަށް އެދުނުފަހުން ބައިވެރިޔާ ވަގުތުުން ތިބާގެ މައާފު ޤަބޫލުކުރާނެ ކަމުގެ އުންމީދުގައި ނުހުންނާށެވެ. އެވަގުތުކޮޅު އޭނާ ފަަހަރެއްގައި ތިބާއާއި މާ ލޯބިން ވާހަކަދައްކާނުލާނެއެވެ. އެފަދަ ރާގެއްގައި އޭނާގެ ހިތުގައި ހުރި އެއްޗެއް ބޭރުކުރާނެކަން ދަންނާށެވެ. އެވަގުތުކޮޅު އަޑުއަހަން އުނދަގޫވި ނަމަވެސް އަޑުއަހަން މަސައްކަތްކުރާށެވެ. އަދި ތިބާ އޭނާ ދައްކާ ވާހަކަ އަޑުއަހާނެކަން ބަހުންވެސް އަންގާށެވެ. އެކަމަކު ބުނާ ހުރިހާ ކަމަކަށް އާނއެކޭ ނުބުނަން ސަމާލުވާށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން