ދުނިޔެ
ޣައްޒާއަށް ކުރިމަތިކުރި ބަނޑުހައިހޫނުކަމަކީ ބޮޑު އަނިޔާއެއް : އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދާ މައްސަލަ، އަނިޔާވެރިކަމެއްގެ ގޮތުގައި ކުރީގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުށްވެރިކުރައްވައިފިއެވެ. ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ އަވަހަށް ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އޮބާމާ ވިދާޅުވީ، ކޮންމެ ހަނގުރާމައެއްގައި ވިޔަސް ރައްޔިތުންނަށް ކާނާ އާއި ފެން ނުލިބޭ ގޮތް ހެދުމަކީ، އެއްވެސް އިންސާފެއް ނެތް ކަމެއް ކަމަށެވެ. ފަލަސްތީނުގެ ސަރަހައްދުތަކުން ބަނޑުހައިހޫނުކަމުގެ ރިޕޯޓުތައް ފެންނަ ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ދުނިޔެއިން ވަގުތުން އެކަމަށް އިޖާބަދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޣައްޒާގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމާއި، އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުން ހިމެނޭ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
މިދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އިންސާނީ ޖަމިއްޔާ އޮކްސްފެމް އިން ވަނީ ޣައްޒާއަށް ވަންނަ އެހީގެ މިންވަރަށް ފާޑުކިޔައިފައެވެ. އެ ޖަމިއްޔާއިން ބުނީ، މަދު ޓްރަކެއްގެ އެހީއަކީ އެތައް މަހެއް ވަންދެން ގަސްތުގައި ބަނޑުހައިހޫނުކަމާއި ކުރިމަތިލަމުންދާ ރައްޔިތުންނަށް ފުދޭވަރެއް ނޫން ކަމަށެވެ.
އޮކްސްފެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެތައް ދުވަހު އޮތް ބްލޮކޭޑްގެ ސަބަބުން ލިބިފައިވާ ގެއްލުމަށް އިސްރާއީލުން އެހީގެ ހުއްދަތައް ކޮންމެސް ވަރަކަށް މަޑުކޮށްލި ނަމަވެސް، އެކަން ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ ޣައްޒާގެ ހުރިހާ ދޮރޯއްޓެއް ވަގުތުން ހުޅުވައިލައި، ރައްކާތެރިކަމާއެކު އެއްވެސް ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. އޮކްސްފެމް އިން އިތުރަށް ބުނީ، ޣައްޒާގެ ގޯސްވަމުންދާ ހާލަތަށް ހަމަހަގީގީ ހައްލެއް ލިބޭނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުން ކަމަށެވެ.
ކާނާ ނުލިބި ބަލިވެފައިވާ ކުދިންނާއި، ރެފިއުޖީ ކޭމްޕުތަކުގައި ތަދުތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް ވަނީ އިތުރުވެފައެވެ.
މީގެ ކުރިން، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިޓަލީއިން ޣައްޒާއަށް ދަތުރުކުރަމުންދިޔަ "ހަންދަލާ" ނަމަކަށް ކިޔާ އެހީގެ ނަވަކަށް ހުރަސްއަޅައިފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކާނާއާއި ސާމާނު ހިފައިގެން ދަތުރުކުރި މި ނަވުގައި ބައިނަލްއަޤްވާމީ ހަރަކާތްތެރިންނާއި އެކު ޖުމްލަ 21 މީހުން ތިއްބެވެ. އެންމެން ވަނީ އިސްރާއީލުގެ ފައުޖުތަކުން ބަންދުކޮށްފައެވެ.
މި ނަވަކީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ އަމާން މިޝަނެއް ކަމަށްވާ "ފްރީޑަމް ފްލޮޓިއްލާ" ގެ ބައެކެވެ. މި މިޝަން އިންތިޒާމުކުރި ޖަމާޢަތުން ބުނި ގޮތުގައި، އިސްރާއީލުގެ ފައުޖުތަކުން ނަވަށް ހުރަސްއެޅީ ބައިނަލްއަޤްވާމީ ކަނޑުތަކުގެ ތެރެއިން، ޣައްޒާއިން 40 ނޯޓިކަލް މޭލު ދުރުންނެވެ. އަދި ނަވުގެ ކެމެރާތަކާއި ކޮމިއުނިކޭޝަންތައް ވަނީ ކަނޑާލާފައެވެ. ނަވަށް އިސްރާއީލުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ލައިވް ސްޓްރީމް ކެނޑުމުގެ ކުރިން ފެނިފައިވެއެވެ.
ނަވުގައި ތިބި މީހުންގެ ތެރޭގައި ފަރަންސޭސިވިލާތާއި ސުވިޑަންގެ ޔޫރަޕިއަން ޕާލިމެންޓްގެ މެންބަރެއް ކަމަށްވާ އެމާ ފޮރޯ ހިމެނެއެވެ. ނައު ހިފެހެއްޓުމުގެކުރިން އިސްރާއީލުގެ ސިފައިން އައިކަން އެކަމަނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާތަކާއި އެކުވެސް، އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން ކާބޯތަކެތީގެ އެހީ ދޫކުރުން އަލުން ފަށާފައިވާކަން އިއުލާންކޮށްފައެވެ. މި އެހީގައި ފުށާއި، ހަކުރާއި، ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ހިމެނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، މިކަން ކުރަމުންދަނީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީގައި ކަމަށެވެ.
މީގެ އިތުރުން، އެތައް މަހެއްގެ ލަސްވުންތަކަށްފަހު މިސްރުން ޣައްޒާއަށް އެހީގެ ޓްރަކްތައް ދަތުރުކުރަން ވަނީ ފަށާފައެވެ. މި ޓްރަކްތަކުގައި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ ބޭނުންވާ ކާނާއާއި ސާމާނު ހިމެނެއެވެ