ކޮލަމް
ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް: ޤަރުނެއް ކުރީގެ ޙައްޖު ދަތުރެއް (ދެވަނަ ބައި)

މީލާދީން 1907 ވަނަ އަހަރުގައި މައްކާ
بسم الله الرحمن الرحيم
އައްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވި "ދިވެހިންގެ ސަފަރުނާމަ-އެ-ޙިޖާޒް" މިފޮތުގައި ވާ ޙައްޖު ދަތުރުގެ ޚުލާޞާގެ ދެވަނަ ބައި:
ސިރާޖުވަލީ
އަޅުގަނޑުމެން ޖިއްދާއަށް އަންނަ ވާހަކައަށް ސިރާޖުވަލީ ދުރުވެ ޖިއްދާގައި ހުންނެވޫއެވެ. މިރެއި އިރުއޮއްސުނު ތަނާ މީނާ ދުރުވެ ބައްދަލުކުރައްވައިފޫއެވެ. "ތިޔަބައިމީހުން ހިތުހުރި ތަނަކަށް ނުދެވޭނެޔޭ، ތިޔައީ ތިމަންގެ މީހުންނޭ" ކިޔުއްވައި ވަރަށް ވާހަކަ ދެއްކެވޫއެވެ. އަޅުގަނޑު ނަންގަތީމެވެ. "ތިޔައީ އަޅުގަނޑުމެން ދަންނަ ގޮތެއް ނޫނެވެ. މިތަނަށް އަންނަނީ މުޅިން ވެސް މިނިވަނުންނެވެ. މީހުންގެ މީހުންނެއް ނޫނެވެ." ކޮންމެއަކަސް، މުޠައްވިފަކަށް ސިރާޖުވަލީ ނުނަގައި، އަޅުގަނޑުމެންގެ ރައްޓެއްސަކު ގެއަށް ދާނީ އޭ ބުނެފީމެވެ. އަދި ސިރާޖުވަލީ އަށް ނަޞޭޙަތް ދިނީމެވެ. "ކޮންމެ ފަހަރަކު ދިވެހީންގެ ބަޔަކު އަތުވެއްޖިއްޔާ، އެބަޔަކަށް އެތައް ބިރެއް ދައްކަވައި، އެބަޔަކު މައްްޗަށް އެތައް ދަޢުވާއެއް އުފުއްލަވައި ހައްދަވާކަށް ރަނގަޅެއް ނޫނެވެ." މިބާވަތުގެ ވާހަކަ ދެއްކުނެވެ. ސިރާޖުވަލީ ގާތަށް ނުދާން ޤަޞްދުކުޅަ ސަބަބަކީ، ޚާއްޞަގޮތެއްގައި މިފަހަކުން، ދިވެހީންނާ މެދު އޭނާ ކަންތައް ކުރައްވާ ދަތިކަމުގެ ވާހަކަތައް އިވިފައިވުމެވެ.
މަދީނާއަށް ދިއުން
ކޮނެމެއަކަސް، މަދީނާއަށް ދާން މޮޓަރު ހޯދަން ޢަބްދުﷲ މޫސާ އާ ޙަވާލުކޮށްފީމެވެ. ދެދުވަހަކު އުޅެފައި، މީނާ މޮޓަރު ލިބިއްޖެކަމަށް ހަދައިފޫއެވެ. ލިބުނީ މީހަކު މައްޗަށް 12 ފަވަން ކަމަށެވެ. ދެން، ޛުލްޤަޢިދާ މަހު 8 ގައި މަދީނާއަށް ފުރާންކަމަށް، ދަތުރު ހަދާން ފަށައިފީމެވެ. ދިވެހީންގެ ތެރެއިން އެއް ބަޔަކު މަދީނާއަށް ނުދާ ވައްތަރަށް ވާހަކަދައްކާން ފަށައިފޫއެވެ. އަޅުގަނޑު އަންގައިފީމެވެ: "އެއްބަޔަކު މަދީނާއަށް ފޮނުވައި، އަނެއް ބަޔަކު މައްކާއަށް ގެންގޮސް، މިހުރިހައި ގޮތެއް ނުވެވޭނެއެވެ. އެންމެން މެ ވާނީ ދާށެވެ."
ދެން ހަމަ މާދަމާ ފުރާންވެފައި އޮއްވައި، ގިނަދުވަހު ތިބެން ބޭނުންނަމަ، 15 ފަވަނަށް ނޫނީ ނުދެވޭނޭ ކަމަށް އަންގައިފޫއެވެ. ދެން ނާޗާރުވެ، އެގޮތް ޤަބޫލުވެ، މީހަކު މައްޗަށް 15 ފަވަން ކަމުގައި ދީފީމުއެވެ. ދެން އަނެއް ދުވަހު ހެނދުނު ފުރާންކަމަށް އުޅެތިއްބައި، އިނގިރޭސި ކޮންސެލުގެއިން މީހަކު އައިސް، މުޙައްމަދު ދީދީއާއި ޢަބްދުﷲ މޫސާ ކޮންސެލަށް ގެންގޮސްފިއެވެ. މިކަމުގައި ފުލުހުންނާއި އެތައް ބަޔަކު ޝާމިލުކުރުވާ، ޢަބްދުﷲ އަތުގައި ހުރި ފައުނުތައް އަތުލައި ހަދައިފިއެވެ. މިކަންތަކަކީ ސިރާޖުވަލީއާއި މިޢަބްދުﷲއާ ދެމީހުންގެ އިއްތިފާޤެއްގައި ކުރެވުނު ކަމެއްކަން އެނގިއްޖެއެވެ.
ދެން ކޮންސެލުގެ ބަޔަކު ފޮނުވައިގެން، އެހެން ކުންފުންޏަކުން، މީހަކު މައްޗަށް 11 ފަވަނަށް، 15 ދުވަހު ތިބެފައި އަންނަން، ޛުލްޤަޢިދާ މަހު 9 ވީ އާދީއްތަ ދުވަހު މެންދުރު 2 ޖެހިއިރު މަދީނާއަށް ދާން މޮޓަރަށް އަރައްޖައީމުއެވެ. މިދުވަހު ރެއި ޢިޝާ ވަޤުތުގައި ރާބިޣަށް ދެވިއްޖެއެވެ. ޖިއްދާއާއި ރާބިޣާ ދެމެދުގެ މަގު އެންމެ ރަނގަޅެވެ. މޮޓަރުގައި ސަލާމަތުން ތިބެވޭހައި ވެއެވެ. ރާބިޣަކީ މައްކާ އާއި މަދީނާ އާ ދެމެދުގެ މަންޒިލެކެވެ. މިތަނުގައި ސަރުކާރުގެ ކަންތައް ހިންގާ ގެތަކާއި، ޤަހުވާޚާނާ ތައް ހުރެއެވެ. ދެން އަޅުގަނޑުމެން މިތަނުން ޤަހުވާޚާނާއެއްގައި ރެއިކުރަން ތިބެއްޖައީމުއެވެ.
އަނެއް ދުވަހު ހެނދުނު ނާސްތާކޮށް ހަދައިގެން، މޮޓަރުތަކަށް އަރައިފީމުއެވެ. ރާބިޣުން ފުރައިގެން، 9 ޖެހިއިރު މުސްތައުވާ ކިޔާ މަންޒިލުގައި އިރުކޮޅަކު މަޑުކޮށްފައި، 11:30 ވީ އިރު ބިއުރު އަބީ ޙިޞާރާ ކިޔާ މަންޒިލަށް ފައިބައްޖައީމުއެވެ. ދެން މިތަނުގައި ތިބެ، ކައި ނަމާދުކޮށް ކުޑަކޮށް ނިދައި ހަދާފައި، މެންދުރުން އަނބުރާ 1 ޖެހީމައި ފުރައިގެން، މަގުމަތީގެ ފަސްހަނަކަމާއި މަޑުކަމުން މޮޓަރު ގަނބަގަނބައި ގަންނަ ހައި ތަނަކަށް ފައިބައި އަންބާކިޔައި، މޮޓަރު ކޮއްޕައި، ބިންގަނޑު ކޮނެ، ސަކަރާތް ޖެހެމުން އައިސް، މަދީނާ ކައިރީގައި އޮންނަ އަބުޔާރު ޢަލީ މަންޒިލަށް މިދުވަހު އިރު އޮއްސުނު އިރު ފޯރައިފިއެވެ. މިތަނަށް ފައިބައި، ނަމާދުކޮށް ސައިބޮއި ހަދައިގެން، މިތަނުން ފުރައިފީމުއެވެ. ދެން މިތަނުން އަރައިގެން، މިރެއި 8 ޖެހިއިރު ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲ ގެފާނުންގެ މާތް މަދީނާ އަށް ދެވިއްޖެއެވެ. والحَمدُ لله.

ހިޖުރައިން 1331 ވަނަ އަހަރު ނެގިފައިވާ، މަދީނާގެ ފޮޓޯއެއް
ދެން މިތަނުގައި ކުރަން ޖެހޭ ކަންކަން ނިމިގެން، ޢަރަބިއްޔާ އަށް ސަވާރުވެގެން، އައްސައްޔިދު ޢަބްދުއްރަޙްމާން ބާފަޤީހުގެ ގެއަށް ހިނގައްޖައީމުއެވެ. މީގެ ފަހު ދުވަހު، ދިވެހިންގެ އެންމެން ގޮވައިގެން، ޢަބްދުއްރަޙްމާން ބާފަޤީހު ކީރިތި މާތް ނަބިއްޔާ صلى الله عليهِ وسلمގެ މަސްޖިދަށާއި، އެކަލޭގެފާނުންގެ ޒިޔާރަތްފުޅަށް ދުރުވެ، މިތަނުގައި ކުރާންވީ ކަންކަން ކުޅައުމުގެ މާތްކަމާއި ނަޞީބު ޙާޞިލުވެއްޖެއެވެ. والحمدُ لله. (قُلتُ: އައްސައްޔިދު ބާފަޤީހަކީ އިންޑިޔާ އަށް އުފަން، ޙުސައިނީ ނަސަބުގެ ބޭކަލަކީ އެވެ. މިކަލޭގެފާނުން ޙައްޖުވެރިންގެ ވަފުދުތަކަށް ނުހަނު އެހީތެރިވެވަޑައިގަންނަވާ އުޅުއްވިއެވެ. ފަސްދާނުލެވިފައިވަނީ މައްކާގެ އަލްމުޢައްލާތު ޤަބުރުސްތާނުގައެވެ. + "ޢަރަބިއްޔާ" އަކީ ކާރަށް މިޞްރުގެ މީހުން ކިޔައި އުޅޭ ނަމަކީ އެވެ. والله أعلَم.)

ސައްޔިދު ޢަބްދުއްރަޙްމާން ބާފަޤީހު
މަދީނާގެ ޙަރަމްފުޅު

ހިޖުރައިން 1322 ވަނަ އަހަރު އަލްމަސްޖިދުއްނަބަވީ
މިމާތް ޙަރަމްފުޅު ހުރި ޞިފައާއި ވައްތަރު، މިޞްރުގައި ހުރި މޮޅުމޮޅު މިސްކިތްތަކަށް ވުރެ މާ ރީތި ވެފައި ޒީނަތްތެރިކަން ބޮޑެވެ. މިތަނުގައި ހުންނަ ކޮންމެ ހަތަރު ތަނބެއްގެ މައްޗަށް މާތްވެ ބޮޑުވެގެންވާ ޤުއްބެއް އުފުލިފައިވެއެވެ. އެއިން ކޮންމެ ޤުއްބެއްގައިމެ ރީތި ޢަރަބި ފޮޅުވައްތައް ރަންއަކުރުން ލިޔެވިގެންވެއެވެ. ޙަރަމްފުޅުގެ ވަށައި ބިއްތަކުގައި ވެސް ވަރަށް ފަލައަކުރުން ޤުރުއާނުގެ ގިނަ އާޔަތްތަކާއި، ޙަދީޘްތަކާއި، މާތްކަލާނގެ އިސްމުފުޅުތަކާއި، ރަސޫލުﷲ صلى الله عليه وسلم ގެ އިސްމުފުޅުތަކާއި، އާލުބައިތުންގެ ނަންފުޅުތައް ލިޔެވިގެން ވެއެވެ. މިހުރިހައި ތަކެއްޗެއްމެ ލިޔުއްވީ: ޢަބްދުﷲ ބަކް ޒުހްދީ އަލްމިޞްރީ މީނާގެ ޤަލަމުންނެވެ.

ޢަބްދުﷲ ބެކް ޒުހްދީ: ދެޙަރަމްފުޅުގެ އަތުލިޔުންތެރިޔާ

މަދީނާގައި ޢަބްދުﷲ ބެކް ލިޔުއްވާފައިވާ ފޮޅުވަތްތަކެއް

ހިޖުރައިން 1271 ވަނަ އަހަރު ޢަބްދުﷲ ބެކް ލިޔުއްވި މުޞްޙަފެއް
ޙަރަމްފުޅުގެ މެދުތެރޭގައި އުޑުހާސާ ތަނެއް ހުރެއެވެ. މިތަނަށް ކިޔަނީ ޞަޙްނެވެ.
ޙަރަމްފުޅުގައި ފަސް ދޮރޯށި ވެސް ހުރެއެވެ.
1- ބާބުއްސަލާމް- ހުޅަނގު ފަރާތުގައި ބާޒާރުމަގާ ދިމާއަށް
2- ބާބުއްރަޙްމާ- ހުޅަނގު ފަރާތުގައި
3- ބާބުޖިބްރީލް- އިރުމަތީ ފަރާތުގައި
4- ބާބުއްނިސާ- އިރުމަތީގައި، އަންހެނުންނަށް ޚާއްޞަ
5- ބާބުލްމަޖީދީ- އުތުރުގައި
(قُلتُ: ސަޢޫދީ ސަރުކާރުން އަލްމަސްޖިދުއްނަބަވީ ތަނަވަސް ކުރި ކުރުމުގައި، އިތުރު 5 ދޮރޯށްޓެއް އިތުރުކޮށްފައިވެއެވެ: ބާބުއްޞިއްދީޤު، ބާބުލްމަލިކް، ބާބުޢުމަރުބްނުލްޚައްޠާބު، ބާބުޢުޘްމާނުބްނުލްޢައްފާން، ބާބުޢަބްދުލްޢަޒީޒް. والله أعلَم.)
ސަލާމާއި ޞަލަވާތް ލެއްވި ނަބީކަލޭގެފާނުންގެ ޒިޔާރަތްފުޅު
ޙަރަމްފުޅުގައި މިތަނަށް ކިޔަނީ اَلحُجْرَةُ الشّريفَة މިހެންނެވެ. މާނައީ: މާތް ކޮޓަރިކޮޅެވެ. މިތަން ހުންނަނީ ޙަރަމްފުޅުގެ ދެކުނު އިރުމަތީ ކަނާ ކައިރީގައެވެ. އިތުރު އެކަލޭގެފާނުންގެ މާތް ޤަބުރުފުޅު ވަނީ މިތަނުގައެވެ. މިތަނާ ވިދިގެން އުތުރަށް ވާ ކޮޓަރިކޮޅަކީ ފާޠިމަތުގެފާނުންގެ ކޮޓަރިކޮޅެވެ. ރަސޫލާ صلى الله عليه وسلم ގެ ކޮޓަރިކޮޅުގެ ހުއްޓިތިބޭ ފަރާތުގެ ބިތްކޮޅުގައި ކުރެހި ބިންވަޅު ނެގިފައިވަނީ لا إلَــه إلا اللهُ المَلِكُ الحقّ المُبين، محمّدٌ رسولُ الله الصّادِقُ الوَعدِ الأَمين.

މާތް ކޮޓަރިކޮޅު: ހިޖުރައިން 1355 ވަނަ އަހަރު
ކޮންމެއަކަސް، މިމާތް މިސްކިތުގައި އިހަށް ހުރި އެތައް އެއްޗެއް މިހާރު ނެތެވެ. އިތުރު އެކަލޭގެފާނުން صلى الله عليه وسلم ގެ މޫނުފުޅާ ދިމާވާ ތަން އެންގުމަށް ކެޔުޅަމެއްގައި ޖަހާފައިހުރި ކޮތަރުބިހެއްގެ ބޮޑުމިން ހުރި އަލިމަހެއް ކުރިން ހުށްޓެވެ. އަދި މިބޮޑު އަލިމަސް ޖަހާފައިހުރި ދިމާގައިމެ، ރަނުން ހަދާފައި، އަލިމަހުން ލިޔެފައި ހުރި ފިލައެއް ހުށްޓެވެ. ލިޔެފައިހުރީ لا إلــه إلا الله محمّد رسول الله މިހެންނެވެ. މިތަނުގައި ހުރި އަގުމާތް ތަކެތި ޢަބްދުލްޙަމީދު ޚާނުގެ ރަސްކަމުގެ 25 ވަނަ އަހަރު އަގުކުޅައިރު، އަގު ހަމަވީ 7،000،000 (7 މިލިއަން) ފަވަނެވެ. މިހިރީ އަޅުގަނޑުމެންގެ ލޯތަކަށް މާތްކަލާނގެ ދެއްކެވި ތަކެއްޗެވެ. މިހާރަކު މިއިން އެކައްޗެއް ވެސް ނެތެވެ. ކޮންމެއަކަސް، މިހާރުވެސް މިޙަރަމްފުޅަށް ވަންނަ ކޮންމެ މީހަކަށްމެ، ހިތަށް އެވަންނަ ހައިބަތާއި، ލޮލުން އޮހޮރޭ ކަރުނަތަކާއި، ލިބިފައި އެހުންނަ މަޑުމޮޅިކަމަކީ ހަމަ ނުދެކޭ މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ.
ރައުޟާ
މިތަނަކީ، ޤަބުރުފުޅާއި، މިންބަރު ކޮޅާ ދެމެދުގައި ވާ ޙިސާބެވެ. "ما بينَ بيتي ومِنبري روضةٌ مِن رياض الجنة." (قُلتُ: މިއީ މަޝްހޫރު ޙަދީޘް ބަސްފުޅެކެވެ. މާނައީ: "ތިމަންކަލޭގެފާނުންގެ ގެކޮޅާއި މިންބަރުކޮޅާ ދެމެދުގައިވާ ތަނަކީ ސުވަރުގޭގެ ބަގީޗާތަކުން ކުރެ ބަގީޗާއެކެވެ." والله أعلَم.) މިރައުޟާ އޮންނާނީ އަބަދުމެ މީހުންނައިގެން ދަތިވެފައެވެ.

ރައުޟާގެ ޤަދީމީ ފޮޓޯއެއް
ޙިޖާޒުކަރައާއި ނަޖުދުކަރައިގެ ރަސްގެފާނުން ޢަބްދުލްޢަޒީޒް ބުނު ޢަބްދުއްރަޙްމާން
ޛުލްޤަޢިދާ މަހު 12 ވީ ބުދަ ދުވަހު 11 ޖެހިއިރު، ރަސްގެފާނުން މަދީނާއަށް ވަޑައިގެން، ކިއްލާއިން ބޮޑުބަޑި ޖަހާ އަޑު އިވެއެވެ. މެންދުރު ނަމާދަށް ފަހު ޒިޔާރަތްފުޅަށް ވަޑައިގެން އުޅުއްވިއޭ ކިޔާ އުޅޭތީ އަޑުއެހީމެވެ. މިރަސްގެފާނަކީ އިސްކޮޅުން ވަރަށް ބޮޑުފުޅު، ހަށިކޮޅުގައި ވަރުހުރި، ގަދަފަދަ ތޫނުފިލި ރަސްކަލެކެވެ. ޢަދުލުވެރިކަން ވެސް ވަރަށް ބޮޑެވެ. ޙައްޖާޖީންގެ މައްޗަށް ކަންފަސޭހަ ކުރެއްވުމާއި، ފެން ތިޔާގި ވާނޭ މަގުތައް ހެއްދެވުމާއި، ވެރީންނަށް ތިބޭމީހުން އުޅޭނޫޅޭ ގޮތް ބެއްލެވުމާއި، ކޮންމެ މީހެއްގެ ޝަކުވާ އެއްސެވުމާއި، މިގޮތްގޮތުން ވަރަށް ވެސް މޮޅު ސިޔާސީއެކެވެ. ޚަބަރު އިވިފައިވާ ގޮތުގައި، ނަޖުދުގެ އެހެން މީހުންނަށް ވުރެ ތަޢައްޞުބުކަން ވެސް ކުޑައެވެ. ޙިޖާޒު ކަރައިގެ ވެރިކަން އޮންނަނީ މީނާގެ ދެވަނަ ދަރިކަލުން އަމީރު ފައިޞަލަށެވެ. ދޮށީ ދަރިކަލުން ހުންނަވަނީ ނަޖުދުގެ ވަލީ ޢަހުދަކަށެވެ. (قُلتُ: އަމީރު ފައިޞަލަކީ ތިންވަނަ ދަރިކަލުންނެވެ. ދެވަނަ ދަރިކަލުންނެއް ނޫނެވެ. ނަޖުދުގައި ވަލީޢަހުދަކަށް ހުންނެވީ ދެވަނައަށް އެންމެ ދޮށީ ދަރިކަލުން ކަމުގައިވާ ސަޢޫދެވެ. ޙަޤީޤަތުގައި އެންމެ ދޮށީ ދަރިކަލުންނަކީ ތުރުކީ ކިޔާ ބޭފުޅެކެވެ. މީނާ ވަރަށް ހަގު ޢުމުރުގައި އިންފްލުއެންޒާ ވަބާގައި އަވަހާރަވިއެވެ. والله أعلَم.)

ޢަބްދުލްޢަޒީޒް ރަސްގެފާނު (އިށީނދެވަޑައިގެން)، އަމީރު ފައިޞަލް (ވާތް ފަރާތުގައި)، އަމީރު ސަޢޫދު (ކަނާތް ފަރާތުގައި)

ޢަބްދުލްޢަޒީޒް ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުން ތުރުކީ
މިރަސްގެފާނުންގެ ޢަދުލުވެރިކަމާ މެދު އިވުނު އެއް މިޘާލެއް: މަދީނާ ކައިރިީގައި ވާ ފޭލިގެއެއްގައި ރަސްގެފާނުން ވަޑައިގެން ވަނިކޮށް، ބަދަވީ އެއް އައިސް، މަގެއްގެ މަތީގައި ގޮދަން ބަސްތާއެއް އޮތް ކަމަށް ޚަބަރުދިނެވެ. މިހިނދު ރަސްގެފާނު ވިދާޅުވިއެވެ: "ތިމަން އަމުރުކުރި ހަނދާން ވަނީ މަގެއްގެ މައްޗަށް އެއްޗެއް ވެއްޓިފައި އޮތްވައި ފެނިއްޖެ މީހަކު، ސަރުކާރަށް އެއެއްޗެއްގެ ޚަބަރު ދިނުމަށެވެ. އޭގެ އެތެރޭގައި ހުރިނެތް އެއްޗެއް ބަލާކަށެއް ނޫނެވެ. ކަލެއަށް އޭގައި ހުރީ ގޮދަން ކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟" އެކަލޭގެ ދެންނެވިއެވެ: "އަޅުގަނޑުގެ ފައިން ކޮއްޓައިލައިގެން ބަލައިލީމާ އެނގުނީއެވެ." ވިދާޅުވިއެވެ: "ތިޔަ ކޮއްޓި ފައި އޮތީ ކިހިނަކުންތޯ ދައްކައިލަބަލާށެވެ." ހަމަ ދައްކައިލުމާ އެކު، އެރަސްގެފާނުންގެ އަތްޕުޅުގައި އޮތް ކަނޑިކޮޅު ހަލުވައިލެއްވި ގޮތަކުން، އެފައިގެ ކަށިމަތީގެ މެދުން ވަކިވެގެން ހިނގައްޖެއެވެ. އަރިހުގައި ތިބި މީހުންނަށް ވިދާޅުވިއެވެ: "އެކަލޭގެ ހަސްފަތާލަށް ފޮނުވައިފައި، މި ފައިބުރި މިހިރަ ގަހުގައި އެލުވައިލާށެވެ. އަދި ކައިރީގައި ލިޔާށެވެ: 'ވައްކަން ކުރާ ފައިގެ ޖަޒާއަކީ މިއެވެ'."
އިތުރަށް ޒިޔާރަތްކުޅަ ތަންތަން
ޛުލްޤަޢިދާ މަހު 12 މިދުވަހު މެންދުރުން އަނބުރައި 2 ޖެހިއިރު، ސައްޔިދު ޢަބްދުއްރަޙްމާން ބާފަޤީހުގެ ގޭގައި އެންމެން ކާން ސަކަޖަހައިފައި ތިއްބައި، ދޮރުމަތިން ސަލާމް ގޮވި އަޑަށް ބަލައިލިއިރު، މިއީ އަހަރުމެންގެ ޝައިޚު ޢަބްދުﷲ ފަހުމީ ހުތް ޢަބްދުﷲ ދީދީއެވެ. މިދުވަހުގެ ހަވީރު 4 ޖެހިއިރު، ޖަންނަތުލްބަޤީޢަށް ޒިޔާރަތް ކުރާން ދިވެހީންގެ އެންމެން ގޮވައިގެން ދިޔައީމުއެވެ.

އިހުގައި ޖަންނަތުލްބަޤީޢު ހުރި ގޮތުގެ ފޮޓޯއެއް
މިތަނުން ޒިޔާރަތްކުޅަ ޤަބުރުފުޅުތައް:
- ސައްޔިދުނާ ޢުޡްމާންގެފާނު
- ޙަލީމަތުއްސަޢްދިއްޔާ
- ސަޢީދު ބުނުލްމުސައްޔިބު
(قُلتُ: މިކަލޭގެފާނަކީ ތާބިޢީބޭކަލުންކުރެ މަދީނާގައި އަރައިހުންނެވި ފިޤުހު ޢިލްމުވެރިއެކެވެ. والله أعلَم.)
- ސައްޔިދުނާ މާލިކް
-ސައްޔިދުނާ ނާފިޢު
(قُلتُ: މާލިކް އަކީ މާލިކީ މަޛްހަބު އެއިމާމަކަށް ނިސްބަތްވާ މަދީނާގެ އިމާމެވެ. ނާފިޢަކީ އިމާމް މާލިކްގެ އުސްތާޛެކެވެ. މިކަލޭގެފާނުން އެންމެ މަޝްހޫރު ގޮތެއްގައި ރިވާކުރައްވަނީ ސައްޔިދުނާ އިބުނު ޢުމަރުގެ ފާނުންގެ އަރިއަހުންނެވެ. އިބުނު ޢުމަރު ރިވާ ކުރައްވަނީ ރަސޫލުﷲ صلى الله عليه وسلم ގެއަރިއަހުންނެވެ. މިސަނަދަކީ ޙަދީޘް ޢިލްމުގައި ކިޔައި އުޅޭ "ރަން ސަނަދު" އެވެ = مالِك عَن نَافِع عَن ابن عُمر. والله أعلَم.)
- ސައްޔިދުނާ އިބްރާހީމް
(قُلتُ: މިކަލޭގެފާނަކީ ކީރިތި މާތް ރަސޫލާ صلى الله عليه وسلم ގެ އެންމެ ހަގުފުޅު ބޭފުޅާއެވެ. މިކަލޭގެފާނުން ނުހަނު ހަގު ޢުމުރުފުޅުގައި އަވަހާރަފުޅުވިއެވެ. މަންމާފުޅަކީ ސައްޔިދާ މާރިޔާ އެވެ. والله أعلَم.)
- ސައްޔިދުނާ ޢައްބާސް- ރަސޫލާ صلى الله عليه وسلم ގެ ބޮޑުބޭބޭފުޅު
- ސައްޔިދުނާ ޙަސަންގެފާނު
- ސައްޔިދުނާ ޖަޢުފަރް އައްޞާދިޤު
- ސައްޔިދުނާ މުޙައްމަދު އަލްބާޤިރު
- ސައްޔިދުނާ ޢަބްދުﷲ ބުނު ޖަޢުފަރު އައްޠައްޔާރު
- ސައްޔިދުނާ ޒައިނުލްޢާބިދީން
(قلتُ: މިބޭބޭކަލުންނީ ހައްތަހައި ވެސް އަހުލުބައިތުންނެވެ. والله أعلَم.)
- ސައްޔިދާ ފާޠިމަތުގެފާނު
- ފާޠިމަތު ބިންތު އަސަދު
(قلتُ: މިކަމަނާ އަކީ ސައްޔިދުނާ ޢަލީގެފާނުންގެ މަންމާފުޅެވެ. والله أعلَم.)
- ރަސޫލުﷲ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން
- އުޙުދު ހަނގުރާމައިގައި ޝަހީދުވި 4 ބޭކަލުން.
ކޮންމެއަކަސް، ޛުލްޤަޢިދާ 13 ވީ ބުރާސްފަތި ދުވަހު އުޙުދަށާއި، މަދީނާގައިވާ އެހެންވެސް ބަރަކާތްތެރި ތަންތަނަށް ޒިޔާރަތްކުރާން ދިވެހީންގެ އެންމެން ދިޔައެވެ.
ޒިޔާރަތްކުޅަ ތަންތަން: ސައްޔިދުނާ އަބޫބަކުރުގެފާނުންގެ މިސްކިތް، ސައްޔިދުނާ ޢުމަރުގެފާނުންގެ މިސްކިތް، ސައްޔިދުނާ ޢުޘްމާނުގެފާނުންގެ މިސްކިތް، ސައްޔިދުނާ ޢަލީގެފާނުންގެ މިސްކިތް، ޤިބުލަތައިނި މިސްކިތް، ފަތުޙު މިސްކިތް، ސަލްމާންއަލްފާރިސީގެ މިސްކިތް، އަދި އުޙުދު ހަނގުރާމައިގެ ޝަހީދުން. رضي الله عنهم.
މިތަންތަނަށް ދުއްވީ އަސްގާޑިޔަލުގައެވެ. ދެން މިތަނުން ދިޔައީ ޤުބާ އަށެވެ. މެންދުރުނަމާދު ކުޅައީ ޤުބާ މިސްކިތުގައެވެ. ދެން މިތަނުގައި ހުރި ޠާޤަތުލްކަޝްފް، މަބްރަކުލްޖަމަލް، ބިއުރުލްޚާތަމް- މިތަންތަނަށް ޒިޔާރަތްކޮށް، މިތާ ހުރި ޤަހުވާޚާނަތުގައި ތިބެ ބަލިފިލުވައި، ސަޔާއި ޤަހުވަ ބޮއި ހަދައިގެން މަދީނާއަށް އެނބުރި އަތުވެއްޖައީމުއެވެ. (قلتُ: ޠާޤަތުލްކަޝްފަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ގެފުޅު ކަޝްފުކުރެއްވި ތަން ކަމަށް ކިޔައި އުޅޭ ތަނެވެ. މަބްރަކުލްޖަމަލަކީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނުން ހިޖުރައިން ވަޑައިގެން ޖަމަލުކޮޅު (އަލްޤަޞްވާ) ހުއްޓިފައި މޮއްޖެހި ތަނެވެ. ބިއުރުލް ޚާތަމުގެ މާނައީ "އަނގޮއްޓީގެ ވަޅު" އެވެ. މިވަޅަށް މިނަން ދެވުނީ، ރަސޫލާ صلى الله عليه وسلم ގެ އަނގޮއްޓި ކޮޅު، ސައްޔިދުނާ ޢުޘްމާންގެފާނުގެ އަތްޕުޅުން މިވަޅަށް ވެއްޓުނީތީއެވެ. والله أعلَم.)

ޤުބާ މިސްކިތުގައި ހުރި ޠާޤަތުލްކަޝްފި އޭ ކިޔުނު މިޙްރާބު. މިއީ ރަސޫލާ صلى الله عليه وسلم އަށް ގެފުޅު ކަޝުފުކުރެއްވި ތަން ކަމަށް ކިޔައި އުޅުނު ތަން

ޤުބާ މިސްކިތުގެ ޤަދީމީ ފޮޓޯއެއް. ޒިޔާރަތްކުރާ ފަރާތްތަކުން މަބްރަކުލްޖަމަލް ކައިރީގައި އިށީނދެ ތިބީ

ޤުބާގައި ހުންނަ ބިއުރުލްޚާތަމް
ދެން ފަހެ، ޛުލްޤަޢިދާ 14 ވީ ހުކުރު ދުވަހު 9 ޖެހިއިރު، ކެޔޮދޫ ޚަޠީބު ޙުސައިން ރަހާ ނިޔާވެއްޖެއެވެ. إنّا لله وإنّا إليه راجعون. މެންދުރުގެ ކުރީގައި ޖަންނަތުލްބަޤީޢުގައި ވަޅުލެވިއްޖެއެވެ. މީނާގެ ބައްޔަކީ ހުންއައުމެވެ. ހުންއަންނަނީ ކޮޅުނބުން ފުރީއްސުރެންނެވެ. ބޭސްފަރުވާ ވެސް ކުރެވުނެވެ. ކޮންމެއަކަސް، ހަމަ މިދުވަހު ދިވެހީންގެ އެންމެންނަށް ސައްޔިދު ޢަބްދުއްރަޙްމާން ބާފަޤީހު ވަރުގަދައަށް ކާންދެއްވިއެވެ. މީގެ ފަހުދުވަހު ޢަބްދުﷲ ފަހުމީ މައްކާއަށް ފުރައިފިއެވެ. މީގެ ފަހު 16 ދުވަހު ހަވިރު 5 ޖެހިއިރު ވަރަށް ގުގުރައިފައި ވަރަށް ބޯކޮށް ގަނޑުފެން ވާރޭ ވެހުނެވެ. އެންމެ ކުދި ތަކެތި ހުރީ ބޮޑެތި ލާގުޅައިގެ މިނުގައެވެ. ކުލަ ހުންނަނީ ފެންފިޔާޒޭ ކިޔާ ޖަވާހިރުގެ ކުލައެވެ. ހޮވައިގެން ނެގީމާ އިރުކޮޅަކުން ވިރިދެއެވެ.
މިތަނުގެ ޖާފަތްފަތް ހުންނަ ގޮތް
ޛުލްޤަޢިދާ 18 ދުވަހު ސައްޔިދު އަބޫބަކުރު ބާފަޤީހު ދިވެހީންގެ ބޮޑުންނަށް ޖާފަތެއް ދެއްވިއެވެ. މީގެ ފަހުދުވަހު ސައްޔިދު އަޙުމަދު ޢުލްބާ ރިޟްވާނު ގެއިން ޖާފަތެއް ދެއްވިއެވެ. 24 ދުވަހު ސައްޔިދު ޢަބްދުލްފައްތާޙު ރިޟްވާނު ގެއިން ޖާފަތެއް ދެއްވިއެވެ. 25 ދުވަހު ސައްޔިދު ޙުސައިން ރިޟްވާނު ގެއަށް ސަޔަކަށް ދިޔައީމުއެވެ.
މިޖާފަތްފަތް ހުންނަ ގޮތް: ފުރަތަމަ، ހަކުރު ނާޅާ ޤަހުވާ ކުދި ތަށިތަށީގައި ގެނެއެވެ. ދެން ފުޠޫރު ދޮލަނގު ބަހައްޓައިފައި ގެނައީ ބަކަރި މަހުގައި މަކަރޫނާ އަޅައިގެން އޮލަކޮށް ކެއްކި ސުރުވާއެވެ. އޭގެފަހުގައި ކޫޒީ، ސަޓަނި، ރޮށި، ހަވާދުލައިގެން ކެއްކި މަކަރޫނާ، ބަޤްލާވާ، ބުލޫޛާ، ފެންބަތް، އަލުވިރިހަ، ދަހީ، ކަރާ، ޚަރުބޫޒު- މިތަކެއްޗެވެ. އެއަށްފަހު ޤަހްވާ އާއި ދެވައްތަރު ސައި- މިއެވެ. ކައި އަވަދިވީމައި ދުންބުރުވަތެވެ. ގުލާބުދާން، ޢަޠަރުދާން ގެނެތެވެ. ފިނިފެންމާ، ނުމާމް، މަރްކަދޯޝް ގެނެތެވެ. (قلتُ: ގުލާބުދާން މިބަހީ: ފިނިފެން އަޅާފައި ހުންނަ، ހިމަދިގު ކަންވާރެކެވެ. ޢަޠަރުދާން މިބަހީ: މީރުވަސްދުވާ ފުޅިތައް އަޅާން ހަދާފައި ހުންނަ ތަބަކެކެވެ. މަރްކަދޯޝް މިބަހީ: ފިނިފެން ފަދައިން، މަރްކަދޯޝް ކިޔާ ފަތަކުން ނެރެފައި އުފައްދާ ފެނެކެވެ. أمّأ ނުމާމް: ފަހެ އެއީ ކޮން އެއްޗެއް ކަމެއް އަޅު ނުދެނެހުރީމެވެ. والله أعلَم.)
މަދީނާއިން ނުކުމެ، މައްކާއަށް ދާން ތައްޔާރުވުން
ޛުލްޤަޢިދާ 26 ވީ ބުދަދުވަހު މަދީނާއިން ނުކުތުމަށް ތައްޔާރުވެ، ޒިޔާރަތްފުޅަށް ގޮސް ސަލާމް ދަންނަވައި ހަދައި، ޢަންބަރިއްޔާ އަށް އެންމެން ނުކުތީމާ، 4 ލޮރީ ދެއްކިއެވެ. މި 4 ގަނޑު ލޮރީއަށް އަރައި ބާރުވެގެން ދުއްވަމުން އައިސް، މިރެއިގެ 4 ޖެހިއިރު "ބިއުރު ދިރުވޭޝު" އޭ ކިޔާ މަންޒިލަކަށް ހުއްޓައި، ނަމާދުކޮށްގެން ފުރައިގެން، މިރެއިގެ 8 ޖެހިއިރު "މުސައިޖީދު" އޭ ކިޔާ މަންޒިލަކަށް ގޮސް، މިރެއި ރެއިކުރީ މިތަނުގައެވެ. މިތަނުގައި ދެތިން ޖިފުޓިއެއް ހުރިއިރު، ބަތާއި ބަކަރި ރިހަޔާއި ސަޔާއި ވިއްކާން ހުރެއެވެ.

މަދީނާގެ ޢަންބަރިއްޔާ ސަރަޙައްދުގެ ދޮރޯޝީގެ އެންމެ ޤަދީމީ ފޮޓޯ
ޛުލްޤަޢިދާ 27 ދުވަހު 10 ޖެހިއިރު ޝިއްފިއްޔާ އޭ ކިޔާ މަންޒިލަށް ފައިބައްޖައީމުއެވެ. ދެން، ސައިބޮއި ހަދައިގެން، ފުރައިގެން، މެންދުރުވީއިރު ބިއުރު އަބީ ޙިޞާރަތަށް ދެވިއްޖެއެވެ. މިތަނުގައި ނަމާދުކޮށް ކައި ހަދައިގެން، ފުރައިގެން، 3 ގަޑި ބައި ވީއިރު މުސްތައުރާއަށް އާދެވިއްޖެއެވެ. މިތަނުގައި 15 މިނަޓުއިރު ތިބެފައި ފުރައިގެން، މިރެއިގެ 7 ގަޑި ބައި ވީއިރު ރާބިޣަށް އައިސް ޝައިޚު ނާޞިރުގެ ޤަހްވާ ގައި ރެއިކޮށްފީމުއެވެ.
ޛުލްޤަޢިދާ މަހު 28 ވީ ހުކުރު ދުވަހު ހެނދުނު ފުރައިގެން، 11 ޖެހި އިރު ޖިއްދާ އަށް އަތުވެއްޖައީމުއެވެ. ދެން ހަވީރުވާން ދެން ޖިއްދާގައި ތިބެފައި، 3 ޖެހި އިރު ފުރައިގެން، 4 ޖެހިއިރު އުންމުއްސަލަމު އޭ ކިޔާ މަންޒިލަށް ހުއްޓައި، މިތަނުން ކަނޑާ ކޯޝާނެއް ކަނޑައިގެން ގޮސް، ބަޙަރާ އޭ ކިޔާ މަންޒިލަކަށް ފައިބާ ނަމާދުކޮށްގެން ފުރައިގެން އައިސް، އިރުއޮއްސި 7 ޖެހިއިރު މާތްވެގެންވާ މައްކާގެ ރަށްބޭރަށް ފައިބައްޖައީމުއެވެ. މިއިރު އަޅުގަނޑުމެންނާ ބައްދަލުކުރާން ޙަމްޒާ މައްދާޙް ކިޔާ މީހާއާއި، ޝައިޚު ޢަބްދުﷲ ފަހުމީ އާއި، ކަމަނާ ޙަސަންފުޅު އަލިމަނިކު ނިކުމެ ތިބޫއެވެ.

ހިޖުރައިން 1371 ވަނަ އަހަރު މައްކާ
ދެން އެމައްދާޙުގެ ގެއަށް ހިނގައްޖައީމުއެވެ. އަޅުގަނޑުމެން ތިބީ ޢަބްދުލްވައްހާބު މައްދާޙުގެ ގޭގެ ކުރިމަތީގައި ހުރި ވަކި ގެއެއްގައެވެ. ގެއަކީ ރަނގަޅު ގެއެކެވެ. ހަރަމްފުޅާ ތަންކޮޅެއް ދުރުކަން ނޫނީ ދެރަކަމެއް ނެތެވެ. އެކަމަކު، މިމޫސުމުގައި ޙަރަމްފުޅާ އެކަށް ގާތް ގޭގޭގެ ހަވާ ނުބައިވެ ބަލިގިނަވާ ކަމަށް ވެސް ވެއެވެ.
މާތްވެގެންވާ މައްކާގެ ބިން
މައްކާގެ ވާހަކައިގައި ދަންނަވާނީ ކީކޭ ތޯއެވެ. އެއީ، އިސްލާމުންގެ އެންމެން ކޮންމެ ރެޔަކާއި ދުވާލު 5 ވަޤުތު އެދިމާއަށް ހުއްޓޭންވާ، ކޮންމެ މީހަކު ޢުމުރުން 1 ފަހަރު ގޮސްދުށުން ވާޖިބުވި މާތްކަލާނގެ ގެފުޅު އެތަނުގައި ހުރި ރަށެވެ. އިސްލާމް ދީން ފާޅުވި ތަނެވެ. މިމޫސުމުގައި މީސްތަކުން ގިނަކަމާއި، އަޑުބަޑު ގަދަކަމާއި، ޚާރުބާރު ބޮޑުކަމުގެ ވާހަކަ ބުނާންވެސް ނޭނގޭނެއެވެ. މުޅި ރަށް ފަރުބަދައިން އޮންނަނީ ވަށާފާރުލެވިފައެވެ. ބޮޑެތި ގޭގޭގެ ޢަދަދު 7،000 އަށް ވުރެ އިތުރު ވާނެއެވެ. ވަކިވަކި ނަންތައް ކިޔައި ބޮޑެތި ދެތިން ބާޒާރެއް ވެސް އޮވެއެވެ. ހުރިހާ ބާވަތެއްގެ މުދާތަކާއި، ނަންޞިފަކުރެއްވިހައި ތަކެއްޗެއް މައުޖޫދު ވެގެން ވެއެވެ. ރަންރިހި ގަހަނާ ހެދުން ވަރަށް ގިނައެވެ. މޭވާތަކާއި، ތަރުކާރީއާއި، ކާބޯތަކެތި، ބޭނުން ޛާތަކުން، މެދުމިނުގެ އަގަކަށް ލިބޭން ހުރެއެވެ. ދުނިޔޭގެ އެތަންމިތަނުގައި ވިޔެވޭ ވައްތަރުވައްތަރުގެ ފޭރާން ތަކާއި، އެކިއެކި ސާމާނުތައް، ހިތަށް އެރުވި ޞިފައަކަށް ފެނިދާނެއެވެ.
މައްކާގައި ވަޒަންވެރިވެ ތިބޭ މީހުންގެ ޢަދަދު 150،000 ކަމަށް ވެއެވެ. އެއިގެ ތެރެއިން، އެތަނުގެ އަހުލުވެރީންނަކީ 3 ބައި ކުޅަ 1 ބައެވެ. އަނެއް 2 ބައީ ބޭރު ރަށްރަށުގެ މީހުންނެވެ. އެންމެ ގިނައީ ޖާވާ މީހުންނެވެ. ވިޔަފާރިވެރިންނަކީ ވެސް ބޭރުމީހުންނެވެ. ޢަރަބި ބަސް ވެސް މައްކާގައި ވަނީ މަސްހުނި ވެފައެވެ. މިތަނުގެ އުދަރެސް ނުހަނު ހިކި ހޫނެވެ. 24 ގަޑިއިރު ތެރޭގައި އެތައް ގޮތަކަށް، އެތައް ދަރަޖައަކަށް، ތަފާތުވަމުން ދެއެވެ. ވައި ނުހަނު ގަދަމެއެވެ. ހެނދުނުން ފަށައިގެން ހަވީރުވާންދޭން ގޭގައި ނުތިބެ ކުރާކަށް ކަމެއް ނެތެވެ.

މައްކާގެ ޤަދީމީ ޗާޓެއް
މިޙިސާބުން މިލިޔުމުގެ ދެވަނަ ބައި ނިމުނީ އެވެ. ފަހުބައި ކަމުގައިވާ ތިންވަނަ ބަޔަށް އިންތިޡާރު ކުރައްވާށެވެ.