ދުނިޔެ
ލަގެޖުން ގިނަ އަދަދެއްގެ ވަޒަން ފެނިގެން ޕައިލެޓަކާއި ޑޮކްޓަރެއް ހައްޔަރުކޮށްފި

ކުވައިތުގެ އެއަރޕޯޓުގައި ޗެކިންގ ކުރިއަށް ދަނީ
ކުވައިތުގެ އެއަރޕޯޓުން، އެގައުމުގެ އެއަރލައިނެއްގައި މަސައްކަތްކުރާ ޕައިލެޓަކާއި ޑޮކްޓަރެއް ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޑޮކްޓަރުގެ ލަގެޖުން ގިނަ އަދަދެއްގެ ވަޒަން ފެނިގެން ކަމަށްވެސް ވުޒާރާއިން ބުނެއެވެ.
ސެކިއުރިޓީ އޮފިޝަލުން ބުނި ގޮތުގައި، ޕާކިސްތާނު ރައްޔިތެއް ކަމަށްވާ ޑޮކްޓަރު ފުރަތަމަ ހައްޔަރުކުރެވުނީ އޭނާގެ ލަގެޖުން 64 ވަޒަން ފެނިގެންނެވެ. ސުވާލުކުރުމުން ޑޮކްޓަރު ވަނީ އެ ވަޒަން ލިބުނީ ކުވައިތު ޕައިލެޓެއްގެ ފަރާތުން ކަމަށް ބުނެފައެވެ. މި މައުލޫމާތާ ގުޅިގެން ސެކިއުރިޓީ ފަރާތްތަކުން ވަނީ ޕައިލެޓުވެސް އެއަރޕޯޓުން ހައްޔަރުކޮށްފައެވެ. ޕައިލެޓުވެސް ވަނީ ޑޮކްޓަރުގެ ބަޔާނަށް ތާއީދުކޮށްފައެވެ.
ޕައިލެޓު ހައްޔަރުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އޭނާ ބޭނުންކުރާ އުޅަނދު ފަހަރު ބަލައި ފާސްކުރުމުން، ގާނޫނާ ޚިލާފަށް ބަހައްޓާފައިވާ 500 ވަޒަނުގެ އިތުރުން 87 ބަނގުރާ ފުޅިއާއި ބަނގުރާ ހެދުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
ތުހުމަތުކުރެވޭ ދެމީހުން ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕަބްލިކް ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ ، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ހޯދައި ހައްޔަރުކުރުމަށް އެގައުމުގައި މިހާރު ހިންގަމުންދާ ކެމްޕޭނެއްގެ ތެރެއިންނެވެ. އެޤައުމުގެ ނައިބު ރައީސް އަދި ބޮޑުވަޒީރާއި ދާޚިލީ ވުޒީރު ޝެއިޚް ފަހަދު ޔޫސުފް އަލް ސަބާހްގެ އިރުޝާދުގެ ދަށުން ހިންގާ މި ކެމްޕޭނުގައި މިހާރުވެސް 192 މީހުން ވަނީ ހައްޔަރުކޮށްފައެވެ.