ޚަބަރު
ރައީސް، ހުޅުމާލެ ޑަޔަލިސިސް ސެންޓަރ ހުޅުވައިދެއްވައިފި

މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް

ފަރުދުން
27 ޖުލައި 2025، 02:58
27 ޖުލައި 2025، 02:58
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ޤާއިމުކުރި ޑަޔަލިސިސް ސެންޓަރ ހުޅުވައިދެއްވައިފިއެވެ.
މިއަދު މެންދުރު މިކަމަށްޓަކައި އޮރެންޖް ހިޔާ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސްއާއި އެކީގައި ދައުލަތުގެ މަތީ ފަންތީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެެ. މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.
އޮރެންޖް ހިޔާ އިމާރާތުގައި ތަރައްޤީކުރި މި ޑަޔަލިސިސް ސެންޓަރުގައި 30 އެނދު ހުންނާނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ދެ ކުންފުންޏަކާއެވެ. މިހާރު އެ ސެންޓަރުގައި ވަނީ 10 އެނދު ޤާއިމްކޮށްފައެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން އެއް އެނދަކީ ކުއްލި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދޭން ފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަދު ހުޅުމާލޭގައި އައު ޑަޔަލަސިސް ސެންޓަރެއް ހުޅުވާފައިވާއިރު މި ސަރުކާރުން ވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލަސިސް ސެންޓަރެއް ޤާއިމުކުރުމަށް އަމާޒު ހިފާފައެވެ.
އެންމެ ފަހުން ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.
އަދި މި އަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.
މިހާރު ރާއްޖޭގައި ޑަޔަލިސިސްގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ވަކި އަދަދަކަށްވުރެ ޑަޔަލިސިސް ޕޭޝަންޓުން ގިނަ ރަށްތައް ދެނެގަނެ، އެ ރަށްތަކަށް އަމާޒުކޮށްގެން މި ޚިދުމަތް އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑަޔަލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު، ދުވާލަކު 4 ގަޑިއިރު ހޭދަކޮށްގެން ހަށިގަނޑުގައި ލޭ ސާފުކުރުމަށް ހޯދަންޖެހޭ ޚިދުމަތެކެވެ.
ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ޞިއްޙީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.