ޚަބަރު
އަލްއުސްތާޛު މުޢުތަސިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

އަލްއުސްތާޛު މުޢުތަސިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުން، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން

ފަރުދުން
27 ޖުލައި 2025، 01:27
27 ޖުލައި 2025، 01:27
ދިވެހި ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު، ޗީފް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛު އަޙުމަދު މުޢުތަސިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
މި ޢިއްޒަތް، ޗީފް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛު އަޙުމަދު މުޢުތަސިމް ޢަދުނާނަށް އެރުވުމަށް ރައީސުލްޖުމްހުރިއްޔާ ކަނޑައެޅުއްވީ، ރާއްޖޭގެ ޝާރުޢީ ދާއިރާއަށާއި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީ ގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމަށްޓަކައި، އެ ރޮނގުން އެ މަނިކުފާނުކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ޗީފް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛު އަޙުމަދު މުޢުތަސިމް ޢަދުނާނު ދަޢުލަތަށް ޚިދުމަތް ކުރެއްވުމަށް ފެއްޓެވީ 19 ފެބުރުވަރީ 1983 ގައި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ސެކްރެޓަރީކަމުގެ މަޤާމުންނެވެ.
އޭގެ ފަހުން އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓަރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓަރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، ޑިރެކްޓަރ ލީގަލް އެފެއާރޒްކަމުގެ މަޤާމު ވެސް އެ މަނިކުފާނު އަދާކުރެއްވިއެވެ.
1994 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމެންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމެންޓް ހިންގެވުމުގެ މަޤާމުގައި ވެސް އެ މަނިކުފާނު ހުންނެވިއެވެ.
އަދި އެއީ ޚާރިޖިއްޔާގައި ޤާނޫނީ ދާއިރާއިން އެންމެ ފުރަތަމަ މަސައްކަތްކުރައްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.
ފަނޑިޔާރުކަމުގެ ދާއިރާއިން ޚިދުމަތްކުރެއްވުމަށް އެ މަނިކުފާނު ފެއްޓެވީ 15 އޯގަސްޓް 2010ގައެވެ. އަދި ދާއިމީ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 14 ޑިސެންބަރު 2014ގެ ނިޔަލަށް އެ މަނިކުފާނު ޚިދުމަތްކުރައްވާފައިވެއެވެ.
އޭގެ ފަހުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އެ މަނިކުފާނު އައްޔަންކުރެއްވީ 8 ޑިސެންބަރު 2019 ގައެވެ. އަދި 2008 ވަނަ އަހަރު ވުޖޫދަށް ގެނައި ފެހި ޤާނޫނު އަސާސީގެ ދަށުން އެންމެ ދިގުމުއްތަކަށް އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ޚިދުމަތްކުރެއްވީ ވެސް ޗީފް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛު އަޙުމަދު މުޢުތަސިމް ޢަދުނާނެވެ.
އެ ބޭފުޅާ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔާރ ކުރެއްވީ މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.