ދުނިޔެ

މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ރައްޔިތުން މުޒާހަރާއަށް: ބޮޑުވަޒީރުގެ އިސްތިޢުފާއަށް ގޮވައިލަނީ

މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ރައްޔިތުން މުޒާހަރާއަށް: ބޮޑުވަޒީރުގެ އިސްތިޢުފާއަށް ގޮވައިލަނީ

މެލޭޝިއާގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 12:19

27 ޖުލައި 2025، 12:19

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން، މެލޭޝިޔާގެ ވެރިރަށް ކުއަލަ ލުމްޕޫރްގެ މަގުތަކަށް އެތަކެއް ހާސް ބަޔަކު އެއްވެ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ދަނީ، އަންވަރުގެ ސަރުކާރުގެ އިޞްލާޙީ އެޖެންޑާގެ ވަޢުދުތައް ނުފުއްދޭ ކަމުގައި ބުނެ، އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި 18،000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ފުލުހުން އަންދާޒާ ކުރެއެވެ. މުޒާހަރާގެ ބައިވެރިން އެއްވެފައި ވަނީ ކުއަލަ ލުމްޕޫރްގެ މިނިވަން ކަމުގެ މައިދާނަށެވެ. އަންވަރުގެ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން ވެސް މި މުޒާހަރާގައި ބައިވެރިވެފައިވާއިރު، ގިނަ ބައިވެރިން ފެނިފައި ވަނީ، އަންވަރުގެ އިސްތިޢުފާއަށް ގޮވައިލާ މެސެޖުތައް ލިޔެފައިވާ ޓީޝާޓު ލައިގެންނެވެ.

އަންވަރު، މިހާރު ހިނގަމުންދާ ދައުރަށް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާގެ ކޭމްޕޭންގައި ވެވަޑައިގަތް އެންމެ ބޮޑު ވަޢުދަކީ އިޞްލާޙީ އެޖެންޑާއެކެވެ. ނަމަވެސް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން މުދަލާއި ޚިދުމަތުން ނަގާ ޓެކުސް ބޮޑު ކުރުމާ އެކު އޭނާގެ ސަރުކާރަށް ވަނީ ޢާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. މީގެ އިތުރުން، ސަބްސިޑީގެ ނިޒާމަށް ގެނެވުނު އިޞްލާޙުތަކާ އެކު، ތަކެތީގެ އަގުތައް އުފުލިގެންދާނެ ކަމުގެ ކަންބޮޑުވުން ޢާންމުންގެ މެދުގައި ވަނީ އިތުރުވެފައެވެ.

މި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މި ހިނގާ ހަފުތާގައި ބޮޑުވަޒީރު އަންވަރު ވަނީ އައު ފިޔަވަޅުތަކެއް އިޢުލާނު ކުރައްވާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ފަޤީރު ޢާއިލާތަކަށް ފައިސާގެ އިނާޔަތްތައް ދިނުމާއި، ތެލުގެ އަގު ތިރި ކުރުން ހިމެނެއެވެ. ސަރުކާރުން ބުނީ، މިއީ ދިރިއުޅުމުގެ ޚަރަދުތަކާއި ތަކެތީގެ އަގުތައް އުފުލުނަ ނުދީ، ކޮންޓުރޯލު ކުރުމުގެ ގޮތުން އިޢުލާނު ކުރެވުނު ފިޔަވަޅެއް ކަމުގައެވެ.

ނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިން ބުނީ، ސަރުކާރުން އިޢުލާނު ކޮށްފައިވާ އައު ޓެކުސްތަކާ އެކު ކަރަންޓުގެ އަގުތައް އުފުލި، އެ ކަމުގެ ބުރަ ވިޔަފާރިތަކަށް ފޯރައި، މުދަލާއި ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައެވެ. "އެ ޓެކުސްތައް ނަގަމުން އެ ދަނީ އުފެއްދުންތެރިންގެ (ވިޔަފާރި ކުންފުނިތަކުގެ)އަތުން، އެހެންވީމަ ކާބޯތަކެތީގެ އަގުތައް އުފުލިގެންދާނެ،" މުޒާހަރާގެ އެއް ބައިވެރިއަކު ބުންޏެވެ.

ބޮޑުވަޒީރު އަންވަރަށް ވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް އޭނާ އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވަމުން ނުގެންދަވާ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެއް ސަބަބަކީ، ކޮރަޕްޝަންގެ ތުހުމަތުގައި ޝަރިޢަތް ހިންގަމުން ދިޔަ، އަންވަރުގެ އަރިސް ބޭފުޅުންނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ދާދިފަހުން އަނބުރާ ގެންދިޔުމެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް ފަނޑިޔާރުން ޢައްޔަން ކުރުން އަންވަރުގެ ސަރުކާރުން ލަސް ކުރުމާ އެކު ވެސް އިތުރު ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް އަންވަރު ދޮގު ކުރައްވައެވެ.

އަންވަރާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާގެ ތެރެއިން ފެނިގެން ދިޔަ އެއް މޫނަކީ މި މަހު 100 އަހަރު ފުރިވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދެވެ. މުޒާހަރާގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަހާތީރު ވަނީ އަންވަރުގެ ސަރުކާރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އިދިކޮޅު ޕާޓީތަކުގެ ވެރިންނާ ދެކޮޅަށް ދަޢުވާ އުފުލަމުންދާ ކަމުގައި ތުހުމަތު ކުރައްވާފައެވެ. "މައުސޫމު މީހުންނާ ދެކޮޅަށް އެ ދަނީ ދަޢުވާ އުފުލަމުން، އަދި ކުށްވެރިން އެ ދަނީ މިނިވަންވަމުން،" އޭނާ ވިދާޅުވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން