ދުނިޔެ
ތައިލޭންޑާއި ކެމްބޯޑިއާގެ ހަމަނުޖެހުން ހުއްޓުވުމަށް ޓްރަމްޕްގެ ހަރުކަށި އިންޒާރުތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ، ކެމްބޯޑިއާ އަދި ތައިލެންޑްގެ ރައީސުން ފޮޓޯ:އިންޓަނެޓް
ތައިލޭންޑާއި ކެމްބޯޑިއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްޕުޅުތަކެއް ފަށްޓަވައިފިއެވެ. މި ދެ ގައުމުގެ މައްސަލައަކީ ވަރަށް "ސީރިއަސް" ކަމެއް ކަމުގައި ވިދާޅުވެ، ހަނގުރާމަ ކުރުމުގެ ބަދަލުގައި ސުލްހަ އިންތިހާބު ކުރުމަށް ދެ ގައުމަށް ވެސް ޓްރަމްޕް ވަނީ ބާރު އަޅުއްވާފައެވެ.
މި ހަމަނުޖެހުންތައް ހުއްޓާލުމަށް ކެމްބޯޑިއާގެ ފަރާތުން ހަރުދަނާ ނިޔަތެއް ހުރިނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ތައިލޭންޑުން ވެސް ވަނީ އެއްބަސްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން، ތައިލޭންޑުގެ ވަގުތީ ބޮޑުވަޒީރު ވަނީ ހަނގުރާމަ ނިމިއްޖެނަމަ ހަމަނުޖެހުންތައް ހުއްޓާލުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިކަމަށް ކެމްބޯޑިއާގެ ފަރާތުން ގަދަފަދަ ނިޔަތެއް ހުރުން މުހިންމު ކަމަށް ތައިލޭންޑުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ އެކްސް ގައި ހިއްސާ ކުރެއްވި ބަޔާނެއްގައި، މި ދެ ގައުމުން ހަމަނުޖެހުންތައް ކުރިއަށް ގެންދާނަމަ އެމެރިކާއާ އެކު ކުރާ ވިޔަފާރީގެ ގުޅުންތައް ގެއްލިދާނެ ކަމަށް އިންޒާރު ކުރައްވާފައެވެ. އަދި ކެމްބޯޑިއާގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި ހަމަނުޖެހުންތައް ހުއްޓާލުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށާއި، ތައިލޭންޑުގެ ވަގުތީ ވެރިންނާ ވެސް ގުޅުމުގައި ހުންނެވި ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.
ބައިނަލްއަޤްވާމީ ކަންކަމާ ބެހޭގޮތުން ވެސް ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފަރަންސޭސިވިލާތުގެ ރައީސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަހުން ގަބޫލުކުރެއްވުން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. މީގެ އިތުރުން ދެކުނު އޭޝިއާގެ ހަމަނުޖެހުންތަކާ އަޅާކިޔުއްވަމުން، ކުރިން ޕާކިސްތާނާއި އިންޑިއާ ދެމެދު ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް އެހީތެރިވެދެއްވި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ނިއުކްލިއަރ ބާރު ލިބިފައިވާ މި ދެ ގައުމުގެ މެދުގައި ކާމިޔާބުކަމާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގެނައުމަކީ އެމަނިކުފާނުގެ ޑިޕްލޮމެޓިކް ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ ކަމަށެވެ.