Ads by Stelco

ޚަބަރު

ތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިޞްލާޙުކޮށްގެން: ރައީސް

ތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިޞްލާޙުކޮށްގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދެއްކެވުން

farudhun logo

ފަރުދުން

27 ޖުލައި 2025، 11:26

27 ޖުލައި 2025، 11:26

ތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު އޮތް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޢަމަލީ ގޮތުން މިހާރު ފެންނަމުން އެދަނީ، އަދި ފެންނަމުން ދާނީވެސް ތަރައްޤީގެ މަސައްކަތްތައް ކަމަށެވެ. ނަމަވެސް ތަރައްޤީ ހާސިލުވާން އޮތީ، އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެންކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ. 

އަމިއްލަ ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެން ނޫނީ ޙަޤީޤީ ތަރައްޤީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަޚުރުވެރިވެ، އަބުޠާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ޤަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ޤައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ، ޤައުމަށް ތަރައްޤީ ގެނައުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި، ބުރަ، ޤައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް ކަމަށާ، އަންނަން އޮތް ޖީލުތަކަށް މިކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަޤީންކަމާއެކު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދެވޭނެ މި ނޫން ގޮތެއް ނެތްކަން ހަނދާންކޮށްދެއްވައި، ޤައުމީ ލޯބި އިސްކުރެވެން އޮތީވެސް މިމޭރުމުން ކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާ، އެހެން ބައެއްގެ އެހީ ހޯދިކަމުގައިވީ ނަމަވެސް، ދިވެހީންނަށް ބޭނުންވާ ކަންކަން ދިވެހީންގެ އަމިއްލަ އަތުން ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހީންނަށް ފައިދާކުރަނިވި ކޮންމެ ކަމެއްގައި، ބޭރު ޤައުމުތަކާ ގުޅުން ބޭއްވުންވެސް އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކުރެވެން އޮތީވެސް އެންމެންވެސް އެއް މިސްރާބަކަށް ކުރިއަށް ގޮސްގެން ކަމަށާ، ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީވެސް މި ވިސްނުމުގައި ޤައުމީ ލޯބި އިސްކޮށްގެންކަމުގައިވީ ހިނދު، މިކަން މިގޮތަށް ކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޤައުމުގެ ތަރައްޤީ ކުރިއަށްގެންދިއުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށާ، އިހްލާސްތެރިކަމާއެކު ވަޢުދުފުޅުތައް ފުއްދެވުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވަމުން ދިވެހި ރައްޔިތުންނަށް، ތަކުރާރުކޮށް، ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން