ޚަބަރު
އެންމެން އެއް މިސްރާބެއްގަ، ޤައުމީ ލޯބީގަ ކުރިއަށް ދިއުމަށް އިލްތިމާސްކުރަން: ރައީސުުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން
އެންމެ ދިވެހިންވެސް އެއްމިސްރާބެއްގައި، ޤައުމީ ލޯބީގަ ކުރިއަށް ދިއުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ 60 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް އިޚުލާޞްތެރި ޤައުމީ މަސައްކަތުންލިިބިފައިވާ އެއްޗެއްކަމުން، ކޮންމެ ދިވެއްސަކުވެސް މި މިނިވަންކަން ދެމެހެއްޓުމަށް ފަރުދީ ޒިންމާ އަދާކުރަން ކޮންމެހެންވެސް ޖެހޭނެ ކަމުގައެވެ. އެގޮތުން މި ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރުމުގައްޔާއި، ކުރިއަށް އަންނަން އޮތް ޖީލުތަކަށް މިނިވަންކަމާއެކު ފޯރު ކޮށްދެވޭނީވެސް ފަރުދީ ޒިންމާ އަދާކޮށްގެންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެންމެންވެސް އެއް މިސްރާބެއްގައި ޤައުމީ ލޯބީގައި ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމީ ލޯބި އިސްކުރެވޭނީވެސް ފަރުދީ ޒިންމާ ނަގައިގެން ކަމުގައެވެ. އެހެން ކަމުން ދިވެހި ކޮންމެ ރައްޔިތަކުވެސް ދިވެއްސެއްކަން ދަނެގެން، ދިބެހި ބަހާއި، އިސްލާމް ދީނާއި ޤައުމިއްޔަތަށް އިސްކަންދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްޤީ ގެނެވޭނީ، އިސްވެ ދެންނެވުނު ކަންކަން ދަނެ އަމިއްލަ ނަފްސް އިޞްލާޙު ކުރުމަށް ސަމާލުކަން ދީގެންކަމަށެވެ.
ރައީސްް ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމުގައެވެ. ދިވެހިންނާއި ޤައުމަށްވުރެ މުހިންމު ކަމެއް ނެތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ޤައުމުތަކާ ރަހުމަތްތެރިކަން ބާއްވަން ޖެހޭކަމަށާއި، ބާއްވަމުން ގެންދަވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދުމުގައި މުޅި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށް ވަޑައިގަންނަވާ ކަމުގައެވެ. އެގޮތުން ވަޒީރުންނާއި، މަޖިލިސް މެމްމަރުނާއި ކުންފުނި ތަކުގެ އެމްޑީންގެ އިތުރުން ސަރުކާރުގެ އެހެނިހެން ފަރާތްތަކުންވެސް ރެޔާދުވާލު ކެނޑިނޭޅި ބުރަ މަސައްކަތް ކުރައްވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި މަޝްރޫޢުތައް ކުރިއަށްދާތަން ފެނިގެންދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.