ދުނިޔެ
ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުން ޓްރަމްޕް ފަސްޖެހިވަޑައިގެންފި: ޙަމާސް ނައްތާލުމަށް އިޝާރާތްކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނެތަންޔާހޫ ފޮޓޯ:އިންޓަނެޓް
މީގެ ހަފްތާތަކެއް ކުރިން ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މިހާރު އެމަނިކުފާނުގެ ރާގު ބަދަލުކުރައްވައިފިއެވެ. މި ހަފްތާގެ ތެރޭގައި ޓްރަމްޕް ވަނީ ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން އެ މަޝްވަރާތަކުން ފަސްޖެހުމަށް އަންގަވާފައެވެ.
ކުރީން ޓްރަމްޕް ވިދާޅުވެފައިވަނީ، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭނެ ކަމަށާއި، ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީލިބޭނެ މަގު ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިހާރު އެގޮތަށް ޢަމަލުކުރައްވާފައިވަނީ ޙަމާސުން މަޝްވަރާތަކުގައި ބައިވެރިވަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި، އެ ޖަމާޢަތުގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށް ތުހުމަތުކުރައްވައިފައެވެ.
ޓްރަމްޕްގެ މި ޙަރަކާތާއެކު، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޓްރަމްޕްގެ މަންދޫބު، ސްޓީވް ވިޓްކޮފް ވެސް ވަނީ ޣައްޒާގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރެވޭ އެހެން ގޮތްތައް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.
މަޝްވަރާގެ މޭޒުގެ ދޮށަށް މިހާރުން މިހާރަށް އަނބުރާ ދިޔުމަށް ހިތްވަރުދެއްވުމުގެ ބަދަލުގައި ޓްރަމްޕް ވަނީ ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް އިތުރަށް ފުޅާކޮށް، ޙަމާސް އެއްކޮށް ނައްތާލަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް އިޝާރާތްކުރައްވައިފައެވެ. ޓްރަމްޕް މި ފަދަ އިޝާރާތެއް ކުރައްވާފައިވަނީ ޣައްޒާގެ ކުދި ބޮޑު އެންމެން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލުކޮށް، މަރުގެ ތުންފަތް މަތީގައި ވަގުތު ގުނަމުންދާ ދަނޑިވަޅެއްގައެވެ.
ޙަމާސްއާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ އެ ޖަމާޢަތުގެ ޢަމަލުތަކުން ޖަމާޢަތަށް ދެވެނީ އަމިއްލަ މަރަށް ދައުވަތެއް ކަމަށެވެ. އޭނާ ވާހަކަދައްކަވާފައިވަނީ އިތުރަށް މަޝްވަރާ ނުކޮށް، ޣައްޒާގެ މައްސަލަ ކޮޅެއްގައި ޖައްސަންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ.
ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަދެއްކެވުމަކީ ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ހަމަ ހަޤީޤަތުގައި ވެސް ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމެއް، ނުވަތަ މަޝްވަރާތައް އަވަސްކޮށް އެއްބަސްވުމަކާ ހަމައަށް އައުމަށް ޙަމާސަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ދެއްކެވި ވާހަކަތަކެއް ކަމެއް ސާފެއް ނުވެއެވެ. ޣައްޒާގެ ޙާލަތު ދުވަހެއް ދުވަަހަކަށް ގޯސްވަމުންދިޔަ ނަމަވެސް، ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވަނީ ހަނގުރާމަ ހުއްޓާލުމަށް އެމަނިކުފާނު ދެން މަސައްކަތް ނުކުރައްވާނެކަމެވެ.
ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވަނީ ވެސް ޙަމާސުން ކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވައިފައެވެ. ޣައްޒާއަށް އެހީތެރިވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ގިނަ މީހުން ބަލައިގަނެފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް 60 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، އެ ފައިސާއާއި ތަކެތި ޣައްޒާއަށް ފޯރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ކުރި ދިރާސާއަކުން ޙަމާސުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސްއަޅާކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.