ދުނިޔެ

ފްރާންސްގެ މަޝްހޫރު ބްރޭންޑް "ލޫއީ ވިޓޯން" މަނީ ލޯންޑްރިންގގެ ތުހުމަތުގައި ކޯޓަށް!

ފްރާންސްގެ މަޝްހޫރު ބްރޭންޑް "ލޫއީ ވިޓޯން" މަނީ ލޯންޑްރިންގގެ ތުހުމަތުގައި ކޯޓަށް!

ފްރާންސްގެ މަޝްހޫރު ބްރޭންޑް "ލޫއީ ވިޓޯން"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 06:10

26 ޖުލައި 2025، 06:10

ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ލޫއީ ވިޓޯންއާ ދެކޮޅަށް ނެދަލެންޑްސްގައި މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފެށީ ޗައިނާގެ ރައްޔިތަކު، ހޭންޑްބެގްތަކާއި އެހެނިހެން އަގުބޮޑެތި މުދާ ގަތުމަށް 3.5 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ނަގުދު ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ރިޕޯޓްތަކާ ގުޅިގެންނެވެ.

ނެދަލެންޑްސްގެ އޮފިޝަލުން ބުނާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ޗައިނާގެ ރައްޔިތެއްކަމުގައިވާ ބެއި ޑަބްލިޔު  ނަމަކަށް ކިޔާ އަންހެނަކު، 2021 އިން 2023 އާ ދެމެދު 18 މަސް ދުވަހުގެ ތެރޭގައި ނެދަލެންޑްސްގައި ހުންނަ ލޫއީ ވިޓޯންގެ އެކި ފިހާރަތަކުން، 3.5 މިލިއަން ޑޮލަރުގެ ލަގްޒަރީ މުދާ ގަނެފައިވެއެވެ. މި މައްސަލައިގައި ލޫއީ ވިޓޯން ކުންފުނިން މަނީ ލޯންޑަރ ކުރުން ހުއްޓުވުމަށް ފިޔަވަޅު ނޭޅޭ ކަމަށް ނެދަލެންޑްސްގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ނެދަލެންޑްސްގެ ލޭލިސްޓާޑްގައި ދިރިއުޅޭ މި އަންހެން މީހާ ވަނީ، ގަވާއިދާ ޚިލާފަށް ބޭންކިންގް ހިދުމަތް ދޭ ކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ކިބައިން ލިބުނު ފައިސާއިން މި މުދާ ގަނެފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ކުށްވެރި ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. ތަހުގީގު ކުރާ ފަރާތްތަކުން ޝައްކު ކުރާ ގޮތުގައި، ލޫއީ ވިޓޯން ފިހާރައެއްގެ މުވައްޒަފަކު ވަނީ މަނީ ލޯންޑަރ ކުރުމުގެ ޤާނޫނުގެ ދަށުން ރިޕޯޓު ކުރުން މަޖުބޫރުވާ 10،000 ޔޫރޯގެ ދަށުގެ މުޢާމަލާތްތައް ބެލުމަށް، ތުހުމަތު ކުރެވޭ ފަރާތަށް އެހީތެރިވެ ނުވަތަ މަޝްވަރާ ދީފައެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ލޫއީ ވިޓޯންއިން ވަނީ ކަސްޓަމަރުގެ އައިޑެންޓިޓީ ކަށަވަރު ކުރުން ނުވަތަ ތަކުރާރުކޮށް ގިނަ އަދަދެއްގެ ނަގުދު ފައިސާގެ މުޢާމަލާތްތައް ހިންގިކަން ރިޕޯޓު ކުރުން ފަދަ  ފިޔަވަޅުތައް އަޅާފައި ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ދައްކާ ވާހަކަ އަކީ، ކުންފުނިން ރަނގަޅަށް ބެލިފައި ނުވާތީ، މަނީ ލޯންޑަރ ކުރުމަށް ފުރުސަތު ލިބިފައިވާ ކަމެވެ.

ގަތް މުދާ ވަނީ ޗައިނާ އަދި ހޮންގކޮންގަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަން ކުރަނީ ބެއިޖިންގްގެ މަތީ އިމްޕޯޓް ޓެކްސްތަކުން ސަލާމަތްވުމަށެވެ. މިއީ "ޑައިގޯ"  ގެ ނަމުން މަޝްހޫރު ޢަމަލެކެވެ. "ޑައިގޯ" ވިޔަފާރީގެ ދަށުން 2023 ވަނަ އަހަރު 86.7 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ މުޢާމަލާތްތައް ހިންގާފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ނިޒާމަކީ ގާނޫނީ ސިފައެއްގައި ހިންގާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ނަމުގައި މަނީ ލޯންޑަރކޮށްގެންލިބޭ ފައިސާ ހުދު ކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ނެދަލެންޑްސްގެ ޕަބްލިކް ޕްރޮސެކިއުޝަން ސަރވިސް  އިން ވަނީ ރަސްމީކޮށް ލޫއީ ވިޓޯން ނެދަލެންޑްސް، މި ތަހުގީގުގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ނަމަވެސް، ރަސްމީ ކުށުގެ ދަޢުވާ ހުށަހަޅާނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނޫނެވެ.ލޫއީ ވިޓޯންގެ މައި ކުންފުނި ކަމަށްވާ މޮއެޓް ހެނެސީ ލުއީ ވިޓޯން (އެލްވީއެމްއެޗް) އިން 2024 ވަނަ އަހަރު ގާތްގަޑަކަށް 100 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ލަގްޒަރީ މުދަލުގެ ވިޔަފާރިކަމުގެގައިވާ އެލްވީއެމްއެޗް އުފެދިފައި ވަނީ 1987 ވަނަ އަހަރު ލޫއީ ވިޓޯން އާއި މޮއެޓް ހެނެސީ ގުޅިގެންނެވެ. މި ކުންފުނި ޔޫރޯނެކްސްޓް ޕެރިސް އެކްސްޗޭންޖްގައި އާންމުކޮށް ވިޔަފާރި ކުރެވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބާނާޑް އާނޯ އަކީ ލުއީ ވިޓޯން ގެ ޗެއާމަން އަދި ސީއީއޯ އެވެ. އޭނާ އަކީ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރު ވެސް މެއެވެ. ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި، ހުކުރު ދުވަހުގެ ނިޔަލަށް އާނޯގެ މުދަލުގެ ޖުމްލަ އަގު 157 ބިލިއަން ޑޮލަރަށް އަރައެވެ. އެލްވީއެމްއެޗް ގެ ދަށުން ފެޝަން، ޑައެމަންޑް، ކޮސްމެޓިކްސް، އަދި ސްޕިރިޓްސް ހިމެނޭ ގޮތަށް ލޫއީ ވިޓޯން، ޑިއޯރ، ފެންޑީ، ގިވެންޗީ، ސެފޯރާ، ޓިފަނީ އެންޑް ކޯ، މޮއެޓް އެންޑް ޝެންޑޮން ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން