ދުނިޔެ

އީރާނުގެ "ނާހިދު-2 ސެޓެލައިޓް" ރަޝިއާގެ ރޮކެޓެއްގައި ޖައްވަށް ފޮނުވާލައިފި

އީރާނުގެ "ނާހިދު-2 ސެޓެލައިޓް" ރަޝިއާގެ ރޮކެޓެއްގައި ޖައްވަށް ފޮނުވާލައިފި

އީރާނުގެ "ނާހިދު-2 ސެޓެލައިޓް" ރަޝިއާގެ ރޮކެޓެއްގައި ޖައްވަށް ފޮނުވާލަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 05:39

26 ޖުލައި 2025، 05:39

އީރާނުގެ މުވާސަލާތީ ސެޓެލައިޓެއް ކަމަށްވާ ނާހިދު-2 ސެޓެލައިޓް ރަޝިއާގެ ރޮކެޓަކުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފި އެވެ. މިކަމަކީ އީރާނުގެ ޖައްވީ ޕްރޮގްރާމަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި ފާހަގަވެފައިވާއިރު، މިކަމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހުޅަނގުގެ ގައުމުތަކުން ދަނީ އީރާނުގެ ޖައްވީ ޓެކްނޮލޮޖީ އަސްކަރީ ބޭނުންތަކަށް ބޭނުންކުރުމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީޑިއާގެ ރިޕޯޓެއްގައިވާ ގޮތުން، އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ނާހިދު-2 ސެޓެލައިޓް ރަޝިއާގެ ރޮކެޓަކުން ކާމިޔާބުކަމާއެކު  ފޮނުވާލިކަން ކަށަވަރުކޮށްދީފަ އެވެ. މި ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވަނީ ރަޝިއާގެ އިރުމަތީގައި ހުންނަ ވޮސްތޮޗްނީ ކޮސްމޮޑްރޯމް އިންނެވެ.

110 ކިލޯގްރާމްގެ ބަރުދަން ހުންނަ ނާހިދު-2 ސެޓެލައިޓަކީ  އީރާނުގެ އިންޖިނިއަރުން އަމިއްލައަށް ފަރުމާކޮށް އުފައްދާފައިވާ ސެޓެލައިޓެކެވެ. މި ކާމިޔާބީއަކީ ޖައްވީ ދާއިރާއިން އީރާނަށް ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

ނަމަވެސް، ހުޅަނގުގެ ބާރުތަކުން ދަނީ އީރާނުގެ ޖައްވީ ކުރިއެރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބިރުގަންނަނީ މިފަދަ ކުރިއެރުންތައް ބޭނުންކޮށްގެން، ބައިނަލްއަގްވާމީ ސިޔާސީ މައްސަލަތަކުގައި އަދިވެސް ހޫނު ބަހުސަކަށް ވެފައިވާ، އީރާނުގެ ބެލިސްޓިކް މިސައިލް ނިޒާމްތައް އިތުރަށް ތަރައްގީކޮށްފާނެ ކަމަށެވެ.

މި ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވަނީ، އިސްތަންބޫލްގައި އީރާނާއި ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަންވިލާތާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް ހިނގަމުންދާ ވަގުތެއްގަ އެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް އަލުން ފަށައިގަތުމެވެ.

މިދިޔަ ޑިސެމްބަރު މަހުވެސް އީރާނުން ވަނީ އެގައުމުން އަމިއްލައަށް އުފެއްދި ރޮކެޓެއް ބޭނުންކޮށްގެން،  ބަރު ސެޓެލައިޓެއް ޖައްވަށް ފޮނުވާލާފައިކަން އިއުލާންކޮށްފަ އެވެ. އީރާނުން ދެކޭ ގޮތުގައި އެގައުމުގެ ޖައްވީ ޕްރޮގްރާމަކީ ސުލްހަވެރި އަދި ސައިންޓިފިކް މަޤްސަދުތަކަށް ހިންގާ ޕްރޮގްރާމެކެވެ. ނަމަވެސް ހުޅަނގުގެ ސަރުކާރުތަކުން މިކަމާމެދު ޝައްކުކުރުން ހުއްޓައެއްނުލައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން