ދުނިޔެ
ބަނޑުހައިހޫނުކަމުގެ ހާލަތުގައި، އެންމެ ނުރައްކަލުގެ ތެރޭގައި ތިބީ ކުޑަކުދިން: ޑރ. އަލް-ފައްރާ

ޣައްޒާގައި އިސްރާއީލްގެ ބްލޮކޭޑްގެ ސަބަބުން ކާންނުލިބި ހިކި އަނަރޫފަވެފައިވާ ކުޑަކުއްޖެއް
ޣައްޒާގައި ފެތުރެމުންދާ ބަނޑުހައިހޫނުކަމުގެ ހާލަތުގައި، އެންމެ ނުރައްކަލުގެ ތެރޭގައި ތިބީ ކުޑަކުދިން ކަމަށް ޣައްޒާގެ ހޮސްޕިޓަލެއްގެ ޑިރެކްޓަރަކު އިންޒާރު ދެއްވައިފިއެވެ. މިއީ ތުއްތު ދެ ކުއްޖަކު ބަނޑަށް ޖެހިގެން މަރުވިކަމުގެ ރިޕޯޓުތައް ލިބުނު ފަހުން ދެއްވާފައިވާ އިންޒާރެކެވެ.
ޚާން ޔޫނިސްގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ ކުޑަކުދިންގެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. އަޙްމަދު އަލް-ފައްރާ އަލް-ޖަޒީރާއަށް ވިދާޅުވީ ކުޑަކުދިންނަށް ގިނަ ދުވަހު ކާން ނުލިބި ސަލާމަތުން ނުތިބެވޭނެ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ "ބްލޮކޭޑް" ގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާތީ، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ކުޑަކުދިންނަށް ކަމަށް ޑރ. އަލް-ފައްރާ އިންޒާރު ދެއްވިއެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޯޑަރު ކްރޮސިންގްތައް ވަގުތުން ހުޅުވާނުލެވޭނަމަ ގިނަ އަދަދަކަށް މީހުން މަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަސް މީހުން ބަނޑަށް ޖެހިގެން މަރުވެފައިވާއިރު، އެމީހުންގެ ތެރޭގައި ދެ ތުއްތު ކުއްޖަކު ހިމެނެއެވެ.
އޭގެ ތެރެއިން އެއް ކުއްޖަކީ، ހޫދް ޢަރަފާތު ނަމަކަށް ކިޔާ އުމުރުން ހަފްތާއެއްގެ ތުއްތު ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައިވަނީ ޣައްޒާ ސިޓީގައި، ކިރު ނުލިބުމުގެ ސަބަބުން ބަނޑަށް ޖެހިގެން ކަމަށް އަލް-އަހްލީ ޢަރަބް ހޮސްޕިޓަލުގެ މަސްދަރަކުން އަލް-ޖަޒީރާއަށް ބުނެފައިވެއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ކުރީކޮޅު ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ މުވައްޒަފުން ވަނީ ހަ މަހުގެ ތުއްތު ކުއްޖެއް ކަމަށްވާ ޒައިނަބް އަޙްމަދު އަބޫ ހަލީބް ވެސް ބަނޑަށް ޖެހިގެން މަރުވެފައިވާކަން ހާމަކޮށްފައެވެ.