ކުޅިވަރު / ޚަބަރު

އެފްއޭއެމްގެ ރައީސްކަމަށް އަހުމަދު ޡާރިޤް (ޓޮމް) އިންތިހާބުކޮށްފި

އެފްއޭއެމްގެ ރައީސްކަމަށް އަހުމަދު ޡާރިޤް (ޓޮމް) އިންތިހާބުކޮށްފި

އަހުމަދު ޡާރިޤް (ޓޮމް) ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 04:49

26 ޖުލައި 2025، 04:49

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޡާރިޤް (ޓޮމް) ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް މިއަދު އިންތިހާބުކޮށްފިއެވެ. ޡާރިޤު މި މަގާމަށް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވުނު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވި މި ކޮންގްރެސްގައި، އަހުމަދު ޡާރިޤު ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީ (އެގްޒެކްޒުޓިވް ކޮމިޓީ) ވެސް ވަނީ އިއްތިފާގުން ފާސްކޮށްފައެވެ. ޡާރިޤް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގައެވެ. އޭނާއާ ވާދަކުރައްވަން އެއްވެސް ކެނޑިޑޭޓެއް ނެތުމާއެކު މި މަގާމަށް ވަޑައިގަތީ ހުރިހާމެމްބަރުންގެ އިއްތިފާގުންނެވެ. މި އިންތިހާބު ބާއްވާފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ފާސްކުރި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުންނެވެ.

ޓޮމް ހުށަހެޅުއްވި އެގްޒެކްޒުޓިވް ކޮމިޓީގައި ތިން ނައިބް ރައީސުން ހިމެނިވަޑައިގަންނަވައެވެ. އެއީ ނިއުރޭޑިއަންޓަށް ނިސްބަތްވާ ވެމްކޯގެ މުޖުތަބާ ޖަލީލްއާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ނިއުރޭޑިއަންޓްގެ ވައިސް ޗެއާމަން އަލީ އިބްރާހީމްއާއި، އަދި މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ހުސައިން ޝާފިއުއަކީ ކުރިންވެސް އެފްއޭއެމްގެ ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން މި ކޮމިޓީގައި ޓީސީ ސްޕޯޓްސް ކުލަބުގެ އަހުމަދު އައްބާސްއާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާންއާއި، އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހުއާއި، ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދުއާއި، ގައުމީ ޓީމަށް ކުޅުނު މުހައްމަދު އުމޭރު ހިމެނިވަޑައިގަންނަވައެވެ. އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދުއާއި ހައްވާ ރަޝީދާ ހިމެނިވަޑައިގަންނަވައެވެ.


މި އިންތިހާބު ބޭއްވީ ދެ އަހަރަށް ފަހުގައެވެ. މީގެ ކުރިން އެފްއޭއެމް ހިންގަމުންދިޔައީ ފީފާއިން ކުރީގެ ރައީސް ބައްސާމް އަދިލް ޖަލީލް ސަސްޕެންޑްކުރުމަށްފަހު، ހުސްވި އަހަރު އެ އިދާރާ ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މިމަހު ހަމަވާއިރު، އަލަށް ރައީސް އިންތިހާބުކޮށްފައިވަނީ މި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން