ދުނިޔެ
ކާބޯތަކެތި ޣައްޒާއަަށް ފޯރުކޮށްދިނުމުގެ އުންމީދުގައި މިޞްރުގެ ރައްޔިތުން ފުޅީގައި ކަނޑު މެދުވެރިކޮށް ކާނާ ފޮނުވަައިފި

މިޞްރުމީހުން ފުޅީގައި ކާބޯތަކެތި ފޮނުވުމުގެ ހަރަކާތް ފޮޓޯ: އިންޓަނެޓް
މިޞްރުގެ ރައްޔިތުން ޣައްޒާރައްޔިތުން ކާބޯތަކެތި ނެތި ބަނޑަށްޖެހެމުންދާތީ، އެ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ފްރޮމް ސީޓުސީ - އަ ބޮޓަލް އޮފް ހޯޕް ފޯ ޣައްޒާ" ގެ ނަމުގައި ރަމްޒީ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން އެއް ލީޓަރުގެ އަދި ދެ ލީޓަރުގެ ފުޅިތަކަށް ސީރިއަލް، ހަނޑޫ، މުގު އަދި އެހެނިހެން ހިކި ކާބޯތަކެތިން ފުރައި، މެޑިޓެރޭނިއަން ކަނޑަށް ދޫކުރަމުންދަނީ، އެ ތަކެތި ޣައްޒާއަށް ފޯރުކޮށްދެވޭނެ ކަމުގެ އުންމީދުގައެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ބުނެފައިވަނީ، މިއީ އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރަމުންދާ ދަތިކަން ކުށްވެރިކޮށް އެކަމަށް އެހީތެރިވުމަށް އެޅި ފިޔަވަޅެއް ކަމުގައެވެ. ބޯޑަރުތަކުން އެހީގެ ޓްރަކްތައް ހުއްޓުވައިފައި ވާއިރު، އެތައްހާސް ބަޔަކު ބަނޑުހައި ހޫނުކަމުގައި ތިބެން ޖެހިފައިވާކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ. މި ހަރަކާތުގައި ބައިވެވެރިވާ މީހުން ވަނީ މެޑިޓެރޭނިއަން ކަނޑާ ގުޅިފައިވާ ލީބިޔާ، ޓިއުނީޝިޔާ، އަލްޖީރިޔާ އަދި މޮރޮކޯ ފަދަ ޤައުމުތަކުގެ ރައްޔިތުންނަށް ވެސް މި ކަމުގައި ބައިވެރިވުމަށް ގޮވާލައިފައެވެ.
ޚަބަރު ފޯރުކޮށްދޭ މީޑިއާތަކުން ބުނާ ގޮތުގައި، މި މަސައްކަތުގެ ޚިޔާލު އައީ "ފުޅިއެއްގައި މެސެޖެއް" ފޮނުވުމުގެ އުކުޅުން ކަމަށާއި، މިހާރު މި ކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމުގައެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި ބޮޑުތަރުޚީބެއްވަނީ ލިބިފައެވެ.
މި ޚިޔާލު ހުށަހެޅީ ޖަޕާނުގައި ދިރިއުޅޭ މިޞްރުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އަދި އިންޖިނިއަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ބުނެފައިވަނީ ޣައްޒާއަށް ހިންގަމުންދާ ބްލޮކޭޑްގެ ސަބަބުން، ކަނޑު މެދުވެރިކޮށް ކާނާ ފޯރުކޮށްދިނުމަކީ އެންމެ އެދެވޭގޮތް ކަމުގައެވެ.
ފޭސްބުކް ޕޯސްޓެއްގައި އޭނާ ބުނެފައިވާ ގޮތުގައި، ރަނގަޅަށް ބަންދުކޮށްފައިވާ 25 ލީޓަރުގެ ޕްލާސްޓިކް ފުޅިއެއްގައި ގާތްގަނޑަކަށް 6 އާއި 8 ކިލޯގްރާމްގެ ކާނާ ބެހެއްޓިދާނެއެވެ. އޭގެން 8 ލީޓަރުގެ ޖާގަ ވައި ހުރުމަށް ދޫކުރަން ޖެހޭނެ ކަމަށާއި، އެއީ ފެނުގައި ދަތުރުކުރެވޭނެ މިންވަރަށް ވައި އެތެރޭގައި ބެހެއްޓުމަށް ކަމަށް އޭނާ ބުނެއެވެ. އަދި މި ކާނާ ބަންދުކޮށްފައިވާ ތަކެތި ގޮނޑުދޮށުން މަދުވެގެން ހަތަރު ކިލޯމީޓަރު ދުރުން، އިރުމައްޗަށް 60 ޑިގްރީގެ އެންގަލްއަކަށް ދޫކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ބައިގައި ހުންނަ ސާރފޭސް ކަރަންޓްތައް ހުޅަނގުން އިރުމައްޗަށް ދައުރުކުރަނީ، ގަޑިއަކު 0.8 ކިލޯމީޓަރަށް ވުރެ ބާރު ދުވެއްޔެއްގައެވެ. އެހެންކަމުން، މި ކާނާ ބަންދުކޮށްފައިވާ ތަކެތި ޑަމިއެޓާ ނުވަތަ ޕޯޓް ސައީދުގެ އިރުމަތީ ފަދަ ސަރަހައްދުތަކުން ފޮނުވައިފިނަމަ، 72-96 ގަޑިއިރު ތެރޭގައި ޣައްޒާގެ ގޮނޑުދޮށަށް ވާސިލްވާނެ،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ސޯޝަލްމީޑިއާ ބޭނުންކުރާ ގިނަ ބަޔަކު މި ޕޯސްޓު ތަކާއިމެދު އުފާވެ، އެ ޚިޔާލަށް އަމަލުކުރި މީހުންގެ ވީޑިއޯތައް ޝެއާކޮށްފައިވެއެވެ. ބައެއް މީހުން މިކަން ސިފަކޮށްފައިވަނީ "ސަރުކާރުތަކުގެ ނުކުޅެދުންތެރިކަމުގެ ކުރިމަތީގައި ހުރި އިޚްލާސްތެރި އިޙްސާސެއް" ކަމުގައެވެ. އަނެއް ބަޔަކު ބުނެފައިވަނީ ރަމްޒީ މިފަދަ ހަރަކާތްތައް، އިތުބާރު ހުރި އެހީދޭ ޖަމިއްޔާތަކަށް އެހީތެރިވުމާއި، ބްލޮކޭޑް ނައްތާލައި ބޯޑަރުތައް ހުޅުވާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައިގެން، އާންމުންގެ ބާރަކަށް ބަދަލުކުރަން ޖެހޭނެ ކަމުގައެވެ.
މިފަދަ ހަރަކާތްތައް ފެށިފައިމިވަނީ، ޣައްޒާގައި "މުޅި މުޖުތަމައު ބަނޑުހައި ހޫނުކަމުގެ" މައްސަލައިގައި 100 އަށް ވުރެ ގިނަ އެހީދޭ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މިޞްރާއި ޣައްޒާގެ ބޯޑަރުގައި 950 އަށް ވުރެ ގިނަ އެހީގެ ޓްރަކް ހުއްޓުވިފައިވާ ކަމަށް ބެލެވެއެވެ. އަދި އދ. އިން މި ހަފްތާގައި ބުނެފައިވަނީ މެއި މަހު އެމެރިކާގެ އަދި އިސްރާއީލުގެ އެހީގައި ހުޅުވާލި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ކަންކަން ހިންގަން ފެށި ފަހުން، ކާނާ ހޯދަން މަސައްކަތްކުރި 1000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން އިސްރާއީލުގެ ސިފައިން މަރާލާފައިވާ ކަމުގައެވެ.
ސޭވް ދަ ޗިލްޑްރަން، އޮކްސްފެމް އަދި ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް ފަދަ ޖަމިއްޔާތަކުން ބުނެފައިވަނީ ޣައްޒާގައި އެމީހުންގެ އެކުވެރިން ވެސް ބަނޑުހައި ހޫނުކަމުން ހިކިއަނަރޫފަވެ، ވަރުދެރަވަމުންދާ ކަމުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ޣައްޒާގައި ހިނގަމުންދާ ބަނޑުހައިހޫނުކަމުގެ މައްސަލައަށް އިޝާރާތްކޮށް މިއީ އިންސާނުން އެމީހުންނަށް މެދުވެރިކުރި ޙާލަތެއްކަމުގައި ވަނީ ސިފަކުރައްވާފައެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި ލާއިންސާނީ ގަތުލުއާންމުގައި، ޣައްޒާގެ ސިއްހަތާއި ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 59,219 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ.އަދި ހަޤީގީ މަރުގެ އަދަދު މާ މަތިކަމަށް ބެލެވެއެވެ. އެއީ ބިމާހަމަވެފައިވާ އިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަޅުލެވިފައިވާ ކަމަށް ބެލެވޭތީއެވެ.