ޚަބަރު
އަމާން ޓަވަރުތަކުގެ ގެތަކަށް ބޭނުންވާ ހުރިހާ ޚިދުމަތަކަށް ހުށަހެޅުމުގެ ފުރުޞަތު އެއް ތަނަކުން!

އެފްޑީސީ އެމްޑީ ހަމްދާން ޝަކީލް

ފަރުދުން
26 ޖުލައި 2025، 02:44
26 ޖުލައި 2025، 02:44
އަމާން ޓަވަރުތަކުގެ ގެތަކަށް ބޭނުންވާ ހުރިހާ ޚިދުމަތަކަށް ހުށަހެޅުމުގެ ފުރުޞަތު އެއް ޓެންޓެއްގެ ތެރެއިން ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ (އެފްޑީސީ) އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިގޮތަށް ވިދާޅުވީ "ފަރުދުން" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި މަޢުލޫމާތުދެއްވަމުން ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުގައި ހިޔާ ފްލެޓްތައް ދޫކުރުމުގައި ގެންގުޅުނު އިންތިޒާމްތަކުން ފިލާވަޅު ނަންގަވައިގެން މިފަހަރު އެފްޑީސީ އިން ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަން ނިންމި ކަމަށެވެ. ހަމްދާން ވިދާޅުވިގޮތުގައި ގެއަކަށް ބަދަލުވާއިރުގައި އެގެއެއްގައި އޭސީ ހަރުކުރުމާއި ކަރަންޓާއި ފެނާއި ނަރުދަމާއާއި މުވާސަލާތީ ގުޅުމާއި އިންޓަނެޓްގެ ޚިދުމަތް ބޭނުންވާނެ ކަމަށެވެ. މި ކަންކަން ކުރުމަށް ފްލެޓްތަކުގައި ދިރިއުޅެން ހަމަޖެހިފައިވާ ފަރާތްތަކުން އެއްތަނަކުން މިހުރިހާ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފަހިކުރަން އެފްޑީސީ އިން ނިންމި ކަމަށް ވިދާޅުވިއެވެ.
އެތަނުން އެތަނަށް ހުރިހާ (ޔޫޓިލިޓީސްގެ) ކަމެއް ކޮށްފަ ގެެއަށް ދުރުވެވޭގޮތްކޮށްފަ އަޅުގަނޑުމެން ވާނީ
![]()
ފަސޭހަ ހާޑްވެއަރ---ފޮޓޯ: ޙަސަން އިޔާދު/ފަރުދުން
އެކަން ފަހިކޮށްދިނުމަށްޓަކައި ސިންތެޓިކް ޓްރެކްގައި މިހާރު ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަންނަ ފަރާތްތަކަށް ޚާއްސަކޮށް ވަކި ޓެންޓެއް އެފްޑީސީ އިން ކަނޑައަޅާފައިވެ އެވެ. އެ ޓެންޓްގެ ތެރޭގައި ދިރާގާއި އުރީދޫއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ސްޓޯލްތަކުން ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް އެފްޑީސީ އިން ހަމަޖައްސާފައިވެ އެވެ. ގޭސްފުޅި ގުޅާލުމުގެ ޚިދުމަތަށް އެދޭ ފޯމާއި މީޑިއާނެޓްގެ ޚިދުމަަތަށް އެދުމުގެ ފުރުޞަތުވެސް އެތަނުން ލިބޭގޮތަށް އެފްޑީސީ އިން ހަމަޖައްސާފައިވެ އެވެ. އެއާއެކު، އަމިއްލަ ވިޔަފާރިއެއް ކަމުގައިވާ ފަސޭހަ ހާޑްވެއަރ އިންވެސް ވަނީ ފަރުނީޗަރ ސަޕްލައިކުރުމަށް ސްޓޯލްއެއް މިތަނުގައި ޤާއިމުކޮށްފައެވެ. އެތަނުން ބަދިގެ ސެޓާއި ގެއަށް ބޭނުންވާ އެހެނިހެން ސާމާންތައް ފޯރުކޮށްދިނުމަށް އެދެވޭނެ ކަމަށް އެފްޑީސީ އިން ބުނެފައިވެ އެވެ.
މީގެ އިތުރުންވެސް، ހަމްދާން ވަނީ އޭސީ ހަރުކުރުމުގެ ތެރެއިން ފްލެޓްގެ ސްޓްރަކްޗަރއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި އެކުންފުނިން ޚާއްސަ ހިދުމަތެއް ދޭން ތައްޔާރުވިކަމަށް މަޢުލޫމާތުދެއްވާފައެވެ. އެފްޑީސީ އިން ވަނީ އަމާން ޓަވަރުތަކަށް އޭސީ ސަޕްލައިކޮށް ހަރުކޮށްދިނުމުގެ ޚިދުމަތް ތައާރަފްކޮށްފައެވެ. ފެްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކަށް މި ޙިދުމަތަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެ އެވެ. ހަމްދާން ވިދާޅުވިގޮތުގައި އެކުންފުނިން މި ޚިދުމަތް ދޭނީ ފަންނީ ޚާއްސަވެރިން ބޭނުންކޮށްގެން އަދި އަގުހެޔޮކޮށް އޭސީ ސަޕްލައިކޮށްގެންނެވެ. މިގޮތަށް ކަންތައް ކުރުމުން އިމާރާތަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ހަމްދާން އަރުވާފައިވެ އެެވެ.

އެމްޑަބްލިޔުއެސްސީ އިން އަމާން އުދަރެސް ކަސްޓަމަރުން ރަޖިސްޓަރ ކުރަން ޚާއްސަކޮށްފައިވާ ސްޓޯލް
މިކަމާއި ގުޅޭގޮތުން އެފްޑީސީ އިން އިތުރަށް މަޢުލޫމާތުދިން ގޮތުގައި އެފްޑީސީ އިން ކަސްޓަމަރުންނަށް އަވަސް މުއްދަތެއްގެ ތެރޭގައި އޭސީ ހަރުކޮށްދޭނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އޭސީ ބްރޭންޑްތައް އިޚްތިޔާރުކުރުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ދޭނެއެވެ. އެފްޑީސީ އިން މި ޚިދުމަތް ފޯރުކޮށްދޭނީ 3 އަހަރުގެ ހިލޭ ވޮރަންޓީއާއެކުގައި ކަމަށްވެސް ބުނެފައިވެ އެވެ.