ޚަބަރު
ބޭރު ޤައުމުތަކާއި ޖަމިއްޔާތަކުން ކުރާ ހުރިހާ ޝަރުތަކަށް ދީލަދީގެން ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި

ފަރުދުން
26 ޖުލައި 2025، 01:43
26 ޖުލައި 2025، 01:43
ބޭރު ޤައުމުތަކާއި ޖަމިއްޔާތަކުން ކުރާ ހުރިހާ ޝަރުތަކަށް އެއްބަސްވެ، ދީލަދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަކީ އެޤައުމުގެ ވަލިއްޔުލް އަމްރުގެ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. މިހާތަނަށް އެކަން ރަނގަޅަށް ކުރެވިފައިވާތީ މި ޤައުމު މިނިވަންކަންމަތީގައި ދެމިއޮތްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު ވަނީ އަދި މިވަގުތަށް ރާއްޖޭގައި ވަސީލަތްތައް މަދުކަމުން އެހެން ޤައުމުތަކުގެ އެހީ ހޯދަންޖެހޭ ކަމުގައި ވިދާޅުވެފައެވެ. ބޭރުން ފައިސާ ދަރަންޏަށް ނެގުން ފަދަ ކަންތައްތައް ރާއްޖެއިން ކުރަންޖެހެނީ އިޤްތިޞާދީ މިނިވަންކަން ނެތުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، އެހެން ޤައުމުތަކަށް މުޅިން ބަރޯސާވުމަކީ ގޯހެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވާގޮތުގައިި އެހެން ޤައުމުތަކާއެކު ލޯން އެއްބަސްވުމުގައި ސޮއިކުރާއިރު އެޤައުމުތަކުގެ ޝަރުތުތަކަށް ފުރިހަަމައަށް އެއްބަސްވުމުގެ ދީލަ ދީގެން ނުވާނެއެވެ.
ރައީސް ވިދާޅުވިގޮތުގައި މިދިޔަ 18 ވަރަކަށް މަސް ތެރޭގައި މި ދެންނެވި މިންތައް ހިފަހައްޓަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެކަމުގެ ސަބަބުން ބައެއް ކަންކަމުގައި އެހީތެރިކަން ލިބުމުގައި ލަސްތަކެއް ދިމާވިކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރައްވަންވީ ދިވެހިންގެ ސިޔާދަތީ ބާރުގެ ތެރެއަށް އެހެން ޤައުމުތަކުން އަތްގަދަނުކުރުވުމަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ހަމަ އެފަދައިން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބުނާހާ ހުރިހާ ކަމަކަށް ބޯލަނބަން ނުޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދަރަނި ބޮޑުވުމުން ބައިނަލްއަޤްވާމީ އިޤްތިޞާދީ ޖަމިއްޔާތަކުން ވަކި ޕްރޮގްރާމެއްގައި ބައިވެރިވާން އެދުމުން އެޕްރޮގްރާމަކުން ރާއްޖެއަށް ފައިދާނުވާނަމަ ބައިވެރިނުވާނެކަން ރައީސް މިސާލެއްގެ ގޮތުގައި ނަންގަވާފައިވެ އެވެ.
އިތުރު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ހަރު މުދަލެއް، ތަރިކައެއް ނުވަތަ އަމިއްލަ އެއްޗެއް އެހެން ޤައުމަކަށް ދެއްވާފައިނުވާނެ ކަމަށެވެ. އަދި ވަކި ޤައުމަކާއިއެކު ބާއްވާ ގުޅުން އެހެން ޤައުމުތަކާ އަޅާބަލާއިރު ވަކި ބޮޑެއް ނުވާނެ ކަމުގެ ޔަޤީންކަވެސް ދެއްވާފައިވެ އެވެ. ރައީސް މިގޮތަށް ވިދާޅުވެފައިވަނީ މި ސަރުކާރުން ޗައިނާއާއި މާ ބޮޑަށް ގުޅުން ބާއްވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ރައްދުގައެވެ.
ރައީސް މިގޮތަށް ވާހަކަަދައްކަވާފައިވާއިރު ރާއްޖޭގެ ދަރަނީ އާއި ޖީޑީޕީގެ ނިސްބަތް މިހާރު ވަނީ 130 އިންސައްތައަށް ވުރެ މައްޗަށް ގޮސް، 9.4 ބިލިއަން ޑޮލަރުން ރާއްޖެ ވަނީ ދަރަނިވެރިވެފައެވެ. ޖުމްލަ ދަރަނިތަކުގެ ތެރެއިން 4 ބިލިއަން ޑޮލަރަކީ ބޭރުގެ ދަރަނިއެވެ. މީގެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވަނީ ޗައިނާއާއި އިންޑިއާއިންނެވެ.